ރަޝިއާއިން ޔޫކްރައިން އަށް އެރިތާ 442 ދުވަސް ވެފައި ވާ އިރު ރަޝިއާއަށް އަރައިގަތުމަށް ނުވަތަ 'ފުނޑާލަން' ބޭނުންވާ ބަރުހަތިޔާރު އަދިވެސް ހަމަނުވާ ކަމަށާއި ހަމަވުމުން ހަމަލާތައް ފަށައިގަންނާނެ ކަމަށް ޔޫކްރައިންގެ ރައީސް ވްލަޑިމިއާ ޒެލެންސްކީ ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ، އިނގިރޭސިވިލާތުން ދޭ ދުރުރާސްތާ ކްރޫޒް މިސައިލް ލިބިފައި ވުމާއެކު ހަމަލާތަކަށް ވަމުންދާ ތައްޔާރީ ތަކާ ބެހޭގޮތުން ވާހަކަ ދައްކަވަމުންނެވެ.
ހުޅަނގުގެ ގައުމުތަކުން ޔޫކްރައިން އަށް މިހާރު ވަނީ އެންމެ ޒަމާނީ އަސްކަރީ ޓޭންކް ދީފައެވެ. އޭގެ ތެރޭގައި މިހާތަނަށް ހަނގުރާމައެއްގައި ބޭނުން ކުރި އެންމެ ކާމިޔާބު ޓޭންކް، ޖަރުމަނުގެ އުފެއްދުމެއް ކަމަށް ވާ ލެޕާޑް 2 މަރުކާގެ ގިނަ އަދަދެއްގެ ޓޭންކާއި އިންގިރޭސިވިލާތުގައި ބޭނުން ކުރާ ޗެލެންދާ 2 މަރުކާގެ ޓޭންކުގެ އިތުރުން އެމެރިކާގެ އުފެއްދުމެއް ކަމަށްވާ ޕެޓްރިއަޓް މިސައިލް ސިސްޓަމް ހިމެނެއެވެ. އަދި ދާދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޖެޓް ފިއުލް އިން ދުއްވާ އެމެރިކާގެ ވަރުގަދަ ޓޭންކް އެމް 1 އަބްރަމް މަރުކާގެ ޓޭންކް ވެސް ޔޫކްރައިން އަށް ފޮނުވާފައެވެ.
މިހާރުގެ އެކި ގައުމުތަކުން ޔޫކްރައިންނަށް ބަރުހަތޔާރު ޖަމާ ކޮށްފައި ވާ އިރު، ދެން ލަހެން ނުވެ ރައްދު ހަމަލާ ފެށިދާނެ ކަމަށާއި އެއާއެކު ރަޝިއާ އަށް 'ހިރިނުލެވޭ ވަރު' ކޮށްލާނެ ކަމަށް ބައެއް އޮފިޝަލުންނާ ހަވާލާދީ ޔޫކްރައިން އާ ހުޅަނގަށް ވާގިވެރިވާ ފަރާތްތަކުން ބުނެއެވެ.
ހަނގުރާމަ މިހާތަނަށް އައި އިރު ހުޅަނގުގެ ގައުމުތަކުގެ ތެރެއިން އިނގިރޭސީންނާއި އެމެރިކާ ފިޔަވައި ދެން ހުރި ގައުުމުތަކުގެ ބައިވެރިވުން ނުވަތަ ދައުރު ތަންކޮޅެއް ކުޑަކޮށްފި ކަމަށް ފާހަގަ ކުރެއެވެ. އިގްތިސޯދީ ގޮތުން ދިމާވަމުން ދާ ގޮންޖެހުންތަކުގެ ސަބަބުން، ކޮންމެވެސް މާނައެއްގައި ރަޝިއާ އާ މުއާމަލާތު ކުރަން ޖެހުމަކީ މިކަމުގެ އެއް ސަބަބު ކަމަށް މުރާސިލުން ބުނެއެވެ. އެގޮތުން ސްޕެއިންގެ ބޮޑުވަޒީރު އެމެރިކާއަށް ކުރަން ތާވަލް ކޮށްފައި އޮތް ދަތުރުގައި ޔޫކްރައިން މައްސަލައިގައި ބްރެޒީލް އާއި ޗައިނާއިން ދައްކާ ވާހަކަ އަޑުއެހުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ކިބައިން އެދިވަޑައިގަންނަވާނެ ކަމަށް ވެއެވެ. ހަމަ އެހެންމެ، ޔޫކްރައިން އާއި ރަޝިއާގެ ގޮދަން ގައުމުތަކަށް އެކްސްޕޯޓު ކުރުމުގައި ހުރި ދަތިތައް ނައްތާލުމާ ބެހޭ ގޮތުން އެ ދެގައުމާއި ޔޫއެން އަދި ތުރުކީ ބައިވެރިވާ މީޓީންތަކެއް ވެސް ތުރުކީގައި ވަނީ ބާއްވާފައެވެ. މީގެ އިތުރުން ރަޝިއާ މައްސަލައިގައި ޗައިނާ އަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އީޔޫގެ ލީޑަރުން ދައްކާ ވާހަކަ އަށް ޖަރުމަނުން ވަނީ ދެކޮޅު ހަދާފައެވެ. ޖަރުމަނުން ބުނެފައި ވަނީ އެފަދަ ފިޔަވަޅެއް އެޅުމުގައި ވަރަށް ވިސްނަން ޖެހޭނެ ކަމަށެވެ.
ހަނގުރާމައިގެ އެންމެ ފަހުގެ ހަބަރުތައް ބުނާގޮތުން، މިހާރު އެންމެ ވަރުގަދައަށް ހަނަގުރާމަ ހިނގަމުން ދާ ބަކްމޫތު، ރަޝިއާ ސަރުކާރަށް ވާގިވެރިވާ ކުލީ ސިފައިން (ވެގްނާ ގްރޫޕް) އަށް ދޫކޮށްލައި ރަޝިއާ ސިފައިން ފައިބަން ފަށައިފިއެވެ. އެއާއެކު ޔޫކްރައިނުން މަޑުމަޑުން ކުރިއަށް ޖެހެމުން ދާ އިރު، ވެގްނާ ގްރޫޕުން ދަނީ، އެމީހުން އަތުން ހަތިޔާތު ހުސްވަނީ ކަމަށާއި އެމީހުން މަރުވެދާނެ ކަަމަށް ބުނެ އިތުރު ހަތިޔާރު ފޯރުކޮށްދޭން ރަޝިއާގެ ދިފާއާ ބެހޭ އިސްފަރާތްތަކަށް ގޮވާލާފައެވެ.
ޔޫކްރައިން ހަނގުރާމަ އަކީ ރަޝިއާ އާއި ހުޅަނގު، ހާއްސަކޮށް އެމެރިކާއާ ކުރާ ހަނގުރާމައެއް ކަމަށް ބައެއް ފަރާތްތަކުން ބުނާ އިރު، އެމެރިކާއިން ވަނީ އެމީހުން ހިފެހެއްޓި ރަޝިއާގެ އޮލިގާކުންގެ އެސެޓް ތަކާއި ފައިސާ ޔޫކްރައިން އަށް ފޮނުވަން ނިންމާފައެވެ. އެމެރިކާގެ އެޓާނީ ޖެރެނަލް މިފަދަ ހުއްދައެއް އިދާރާތަކަށް ދެއްވާފައި ވުމުން ރަޝިއާއިން އެކަން ކުށްވެރި ކޮށްފައި ވާއިރު، އެމެރިކާއިން ހިފަހައްޓާފައި ހުރި ފައިސާއާއި އެސެޓް (މުދާ) ގެ އަގު މިލިއަން މިލިއަން ޑޮލަރަށް ވުރެ މައްޗެވެ. މިމައްސަލައިގައި ރަޝިއާއިން ބުނީ، އެއީ އެމެރިކާއިން ވަގަށް ނަގާފައި ވާ ފައިސާ ކަމަށާއި އެތަކެތި ޔޫކްރައިން އަށް ފޮނުވައިފި ނަމަ އަގު ދައްކަން ޖެހޭނެ ކަމަށެވެ. އަދި އެއީ އެމެރިކާގައި އިންވެސްޓް ކުރާ މީހުންގެ މެދުގައި އިތުބާރާއި ޔަގީންކަން ގެއްލޭނެވެސް ކަމެއް ކަމަށާއި އެފަދަ ފިޔަވަޅެއްގެ ހިތި ރަހަ ލާނެ ކަމަށެވެ.
އަނެއްކޮޅުން ދުނިޔޭގެ އެންމެ މުއްސަނދި 7 އިގްތިސޯދުން ވަނީ ޔޫކްރައިން އަށް އިތުރަށް އެހީވެދެވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރަން ބައްދަލުވުމެއް ބާއްވާފައެވެ. އެގޮތުން ޖަޕާނުން ވަނީ 1 ބިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް ޔޫކްރައިން އަށް ދޭން އިއުލާން ކޮށްފައެވެ.