އއ.އުކުޅަހު ފަޅުގައި އަޅާފައި އޮތް ސަފާރީ އަކުން ރާ ވިއްކާ ކަމަށް ރަށުގެ ރައްޔިތުން ތުހުމަތުކޮށް، އިހްތިޖާޖުކޮށް ރަށުގެ މަޝްރަހު ހޫނުވުމުން ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަން (އެސްއޯ) ފޯސް އެ ރަަށަށް އަރާ ހަރަކާތްތެރިވާން ފަށައިފިއެވެ.

އުކުޅަހަކީ ގެސްޓްހައުސްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ރަށެކެވެ. މީގެ ކުރިންވެސް ރަށުގައި ރާ ވިއްކާ ކަމުގެ ތުހުމަތު އަބަދުވެސް ކުރަމުން އަންނަކަމަށާއި އެ މައްސަލަ މީގެ ކުރިން ފުލުހުންނަށް ހުށަހެޅި ނަމަވެސް އެކަމަށް ހައްލެއް ލިބިފައި ނުވާ ކަމަށް އެ ރަށުން "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ރައްޔިތަކު ބުންޏެވެ.

މި މައްސަލަ ހޫނުވެފައި ވަނީ ރަށުގެ ފަޅުގައި ސަފާރީއެއް އަޅައިގެން އޭގެން ފާޅުކަން ބޮޑު ގޮތެއްގައި ރާ ވިއްކާ ކަމަށް ބުނާ މައްސަލައެވެ. އަދި އެކަން ހުއްޓުވުމަށް ކައުންސިލްގައި އެދުނު ނަމަވެސް އެ އިދާރާގެ މާބޮޑު އަޅާލުމެއް އެކަމުގައި ނުލިބި ރަށު ރައްޔިތުން ނުކުތީ އެކަން ހުއްޓުވުމަށް ކަމަށް ބުނެއެވެ. ސަފާރީ ފަޅުގައި އޮތީ މަރާމާތު ކުރުމަށް ކަމަށާއި ކައުންސިލްގެ ހާއްސަ ހުއްދައާ އެކު މަރާމާތު ކުރުމުގެ މަސައްކަތް ވެސް އެ ސަފާރީގައި ކުރަމުންދާ ކަމަށް ބުންޏެވެ.

ކައުންސިލް އިދާރާއަށް ރައްޔިތުން ވަދެ އިހްތިޖާޖު ކުރަނީ

ކައުންސިލް އިދާރާއަށް ރައްޔިތުން ވަދެ އިހްތިޖާޖު ކުރަނީއެއާ އެކު މިދިޔަ ހޯމަ ދުވަހު ސަފާރީ ފާސް ކުރުމަށް ކޯޓު އަމުރެއް ނެރެ، ސަފާރީ ބަލާ ފާސް ކުރުމުންވެސް އެއްވެސް އެކަހަލަ ކަމެއް ފެނިފައި ނުވާ ކަމަށް ބުންޏެވެ. އެ މައްސަލައާ ގުޅިގެން ފުލުހުންވެސް ބުނެފައި ވަނީ އެފަދަ ތުހުމަތު ކުރެވޭ ޒާތުގެ އެއްޗެއް ފެނިފައި ނުވާ ކަމަށެވެ. ނަމަވެސް ރެއިން ފެށިގެން ރަށުގެ ރައްޔިތުން ކައުންސިލް ދޮށަށް ޖަމާވެ އިހުތިޖާޖް ކުރަމުންދިޔައެވެ. އަދި މިއަދު ކައުންސިލް ދޮރުމައްޗަށް ބޮއްކުރާ ނެރެ ރައްޔިތުންގެ ޝުއޫރު ފާޅުކުރަމުން ދިޔައެވެ. މީގެ އިތުރުންވެސް ރަށުގެ ފަޅަށް ވަދެ ނުކުމެވާ އުޅަނދު ތަކަށް ހުރަސް އެޅުމުގެ ގޮތުން ރަށުގެ ފަޅުވެސް ބަންދުކޮށްގެން އުޅުނު ކަމަށް އޭނާ މައުލޫމާތު ދިނެވެ.

އުކުޅަސް ކައުންސިލް ދޮރުމައްޗަށް ނެރެފައިވާ ބޮއްކުރާއެއާއެކު "ތަކެއްޗަށް ގެއްލުންދޭ ވަރުވީމަ އެސްއޯ ފުލުހުން އެރީ" އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ. މީގެ ކުރިން މި އަހަރުގެ ނިއު އިޔާއަށްވެސް މި ސަފާރީ އައިސް ރާ ވިއްކި ކަމުގެ ތުހުމަތު ރަށުގެ ރައްޔިތުން ކުރެއެވެ. އެ ފަހަރު ރާ ވިއްކީ ރަށު ބޭރުގައި އޮވެގެން ކަމަށާއި ލޯންޗް ފަހަރުގަ ރާ ބަލާ އެ ރަށު މީހުން ދިޔަ ކަމަށް މައުލޫމާތު ދިން މަސްދަރުން ހާމަކުރިއެވެ. މިހާރު މި މައްސަލަ ހޫނުވެ މިއަދު 16:00 ގައި ރަށުގެ ކައުންސިލް އަދި އެސްއޯ ފުލުހުން ބައްދަލުވުމެއް ބޭއްވުމަށް ތައްޔާރު ވަމުންދާ ކަމަށް މައުލޫމާތު ދިނެވެ.

އުކުޅަސް ކައުންސިލް ދޮރުމައްޗަށް ނެރެފައިވާ ބޮއްކުރާ

މިކަމާ ގުޅިގެން ފުލުހުން ބުނީ، ސަފާރީ ނެރުމަށް ރަށުގެ ރައްޔިތުން ތަކުރާރުކޮށް އެދެމުންދާތީ ކައުންސިލް އިން ފުލުހުންގެ އެހީތެރި ކަމަށް އެދިފައިވާ ކަމަށާއި އެއާއެކު ކައުންސިލް އިން އަމަލު ކުރެވިދާނެ ގޮތުގެ ލަފާ ފުލުހުން ދީފައި ވާނެ ކަމަށް މައުލޫމާތު ދިނެވެ. އަދި ރައްޔިތުން ހިތް ހަމަނުޖެހުން ފާޅު ކުރަމުން ދިޔުމާ ގުޅިގެން އެ ރަށުގައި ފުލުހުން ހަރަކާތްރެރި ވަމުން ދާކަމަށް ބުންޏެވެ.

މިކަމާ ގުޅޭ މައުލޫމާތު ސާފު ކުރުމަށް ތަކުރާރުކޮށް ރަށުގެ ކައުންސިލްއަށ ގުޅި ނަމަވެސް ފޯނަށް ޖަވާބުދާރީ ނުވުމުގެ ސަބަބުން ކައުންސިލްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ. އުކުޅަހުގައި ރާ އާންމުވެފައިވާ ކަމަށް ރަށުގެ ރައްޔިތުން ތުހުމަތު ކުރަމުންދާއިރު ރަށުގެ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އެބައޮތެވެ.