ފާއިތު ވި 9 މަސް ތެރޭގައި ވެސް ދީފައި ނުވާހާ ފުޅާ ކޮށް އިޒްރޭލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތަކުގައި 130 މަގާމަގަށް ހަމަލާދީ އެތައް ބަޔަކު ޝަހީދު ކޮށްލައިފިއެވެ. ފާއިތު ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފަލަސްތީނުގެ އިސްލާމިކް ޖިހާދުގެ މަގާމުތަކަށް ކަމަސް ބުނެ ދެމުން ގެންދާ ހަމަލާތައް ވަރުގަދަ ކޮށްފައި ވާ އިރު ރޭ އަލިވެލެން ދަނިކޮށް ހަމަލާދީފައި ވަނީ ހާން ޔޫނުސް އާ ކައިރީގައި އޮންނަ ހަމަދު ރެސިޑެންޝަލް ސިޓީގައި ހުރި އިމާރާތެއްގެ 5 ވަނަ ފަންގެފިލާއަށެވެ.
މިހަމަލާގައި ޝަހީދު ވި އެކަކީ އިސްލާމިކް ޖިހާދުގެ މިސައިލް ކޮމާންޑަރު ކަމަށް ހަބަރުތައް ބުނެއެވެ. މިހަމަލާތަކުގައި މިހާތަނަށް 24 މީހަކު ޝަހީދުވެފައި ވާ އިރު އާންމުންގެ 10 މީހަކާއި އިސްލާމިކް ޖިހާދަށް ނިސްބަތްވާ 4 ކޮމާންޑަރުން ވަނީ ޝަހީދުވެފައެވެ.
ރައްދުގައި އިސްލާމިކް ޖިހާދުން 460 ރޮކެޓެއް އިޒްރޭލަށް ފޮނުވާލި އިރު ބައެއް ރޮކެޓްތައް އާންމު އިމާރާތަތަކަށް އަމާޒުވި ނަމަވެސް އެއްވެސް މީހެއްގެ ފުރާނަ ގޮސްފައެއް ނުވެއެވެ. ގިނަ މިސައިލްތައް އަޔަން ޑޯމް ސިސްޓަމުން ވައިގެތެރޭގައި ގޮއްވާލާފައި ވާ އިރު، އަނެއްބައި މިސައިލްތައް ވެއްޓިފައި ވަނީ އާންމުންނާ މާ ދުރު ހުސް ބިންތަކަށެވެ.
ރޭގެ ހަމަލާގައި ޝަހީދުވި މިސައިލް ކޮމާންޑަރަކީ، އަބޫ މހައްމަދުގެ ނަމުން ނަން މަޝްހޫރު އަލީ ހަސަން ގާލީއެވެ.
އިސްލާމިކް ޖިހާދަކީ ހަމާސް ނެގުމަށް ފަހު ފަލަސްތީނުގައި އެންމެ ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާ ޖިހާދު ޖަމާއަތެކެވެ. އިޒްރޭލުގެ ގިނަ މަގާމުތަކަށް ރޮކްޓެ ހަމަލާ ދިނުމުގައި އިސް ދައުރެއް އަދާ ކުރާ ހަމަލާއަތަކީވެސް އެއީއެވެ.
އިޒްރޭލާއި އިސްލާމިކް ޖިހާދާ ދެމެދު ހަމަލާތައް ވަރުގަދަ ވަމުން ދާއިރު، މިސްރު މެދުވެރިވެގެން ސުލްހައިގެ މަޝްވަރާތަކަށް ދާން އިޒްރޭލުން އިއްޔެ ވަނީ އެއްބަސް ވެފައެވެ. ނަމަވެސް އެއީ ވަގުތީ ކަމެއް ކަމަށާއި ފަލަސްތީނާ ދެކޮޅަށް ހިންގާ އަސްކަރީ އުދުވާން ކުރިއަށް ދާނެ ކަމަށް ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ބުނެފައެވެ.
މިދިޔަ އޮގަސްޓްމަހުން ފެށިގެން މިހާތަނަށް އައި އިރު އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުގެ 49 މީހަކު ވަނީ ޝަހީދުވެފައެވެ.
އިޒްރޭލާއި ފަލަސްތީނުގެ މައްސަލަ ހޫނުވެފައި ވާ އިރު، އދ ގެ ސެކިއުޓީ ކައުންސިލްގެ ކުއްލި ބައްދަލުވުމަކަށް އަނެއްކާވެސް ވަނީ ގޮވާލާފައެވެ. ކޮންމެ ފަހަރަކު މިފަދަ ހަމނުޖެހުމެއް އަންނަ ގަޑިއެއްގައި ސަލާމަތީ މަޖިލީހުގެ ބައްދަލުވުން ބާއްވާ ގިނަ ގައުމުތަކުން އިޒްރޭލު ކުށްވެރި ކުރި ނަމަވެސް އެމެރިކާގެ ވީޓޯ ބާރު ބޭނުން ކޮށްގެން އިޒްރޭލާ ދެކޮޅު ނުވަތަ އިޒްރޭލަށް ފިޔަވަޅު އަޅަން އެއްވެސް ގަރާރެއް ފާސްވިޔަކަ ނުދެއެވެ.