އިޒްރޭލުގެ ޖަލުގައި ހައިހޫނު ކަމުގައި މަރުވި އަދުނާންގެ މަރަށް ބަދަލު ހިފުމަށް އިސްލާމިކް ޖިހާދުން ދިން ރޮކެޓްހަމަލާގެ ބަދަލުގައި އިޒްރޭލުން ފަލަސްތީނުގެ 17 މީހަކު ޝަހީދު ކޮށްލުމުން މިއަދު ރޮކެޓްގެ ވާރޭ ވެއްސާލައިފިއެވެ.

އިޒްރޭލަށް ރޮކެޓްގެ ވާރޭ ވެއްސާލަފައި ވާ އިރު އިމާރާތެއްގައި ރޯވެ އަނދާ މަންޒަރުވެސް ވީޑިއޯ ތަކުން ފެނެއެވެ. ހަބަރުތައް ބުނާގޮތުން ފަލަސްތީނުގެ މުޖާހިދުން މިހަމަލާތައް ދީފައި ވަނީ ފިލާ ތިބެ އެކިފަހަރު އެކި މަގާމުތަކުންނެވެ.

އިޒްރޭލުގެ ވަރުގަދަ އަޔަމް ޑޯމް ފޫއަޅުވާލައި ބައެއް ހަމަލާ އިޒްރޭލުގެ އެކި މަގާމުތަކަށް އަމާޒުވެފައި ވާ އިރު ޖުމްލަ 170 ރޮކްޓް ފޮނުވާލި ކަމަށް ހަބަރުތައް ބުނެއެވެ. އަޔަން ޑޯމް ނުވަތަ ދިފާއީ ނިޒާމު ފޫއަޅުވާލެވުނީ އޭގެތެރެއިން މަދު ރޮކެޓަކަށެވެ.

އިއްޔެއާއި މިއަދު އިޒްރޭލުން ދެމުން ގެންދާ ހަމަލާ ތަކުގައި ފަލަސްތީނުން ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 20 އަށް އަރާފައެވެ. އަދި މިހާތަނަށް ޣައްޒާއިން 42 މީހަކު ޒަހަމްވެގެން ފަރުވާ ދެމުން ދާ ކަމަށް ހަބަރު ލިބެއެވެ.

ޝަހީދުވި މީހުންގެ ތެރޭގައި ގިނައީ، އިސްލާމިކް ޖިހާދަށް ނިސްބަތްވާ މެމްބަރުންނާއި އެމީހުންގެ އާއިލާތަކެވެ.

ހަމަލާގެ ބަދަލު ހިތިވާނެ ކަމުގެ އިންޒާރު ދެމުން އިސްލާމިކް ޖިހާދުން މީގެ ކުރިން ބުނީ ޝަހީދުވި 3 ލީޑަރުންނަކީ ޖިހާދް އަލް ގަނަމް އާއި ހަލީލް އަލް ބަހްތިނީ އާއި ތޯރިގް އިޒް އަލް ދީން ކަމަށެވެ.

ރޮއިޓާސް އިން ހަބަރު ދޭ ގޮތުގައި އިޒްރޭލުގެ ހަމަލާގެ މައިގަނޑު އަމާޒަކީ ޣައްޒާގައި ހުރި ބިލްޑިން އަކާއި ރަފާ ކޭމްޕުގެ މަގާމުތަކެކެވެ. ހަމަލާ އަމާޒުވި ބިންޑިން ބިމާ ހަމަވެފައި ވާ އިރު އެ އިމާރާތުގައި ދިރިއުޅެމުން ގެންދިޔައީ އިސްލާމިކް ޖިހާދަށް ނިސްބަތްވާ މެންބަރުން ކަމަށް ވެސް ބުނެއެވެ.

މި ހަމަލާތަކާ ގުޅޭގޮތުން އިޒްރޭލުން ބުނީ، ހަމަލާގެ އަމާޒަކީ އެ 3 ލީޑަރުން ކަމަށާއި ދާދި ފަހުން އިޒްރޭލަށް ދިން ރޮކެޓް ހަމަލާތަކުގެ ޒިންމާ އުފުލަން ޖެހޭ ފަރާތްތަކަކީ އެއީ ކަމަށެވެ. މިކަމާ ގުޅިގެން ހަމާސް ޖަމާއަތުގެ ލީޑަރު އިސްމާއީލް ހަނިއްޔާ ވިދާޅުވީ، ލީޑަރުން ޝަހީދު ކުރުމަކުން ގަދަ ކަމުން ފަލަސްތީނުގެ ބިންތަކަށް ވެރިވެ ތިބި ޔަހޫދީންނަށް ސަލާމަތެއް ނޯންނާނެ ކަމަށާއި ޖެހޭނީ އިތުރަށް ދިފާއު ވާން މަސައްކަތް ކުރަން ކަމަށެވެ.