އެމް ފައިސާ މެދުވެރިކޮށް އެސްޓީއޯ ޕީޕަލް ޗޮއިސްއިން ވިޔަފާރި ކުރާ ފަރާތްތަކަށް ފަސޭހައިން ފައިސާ ދެއްކޭ ގޮތަށް އުރީދޫ މޯލްޑިވްސް އިން ހަދައިފިއެވެ.

މިއަދު މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރާއްޖޭގެ އެންމެ ވަރުގަދަ އެއް ހޯލްސޭލް އަދި ރީޓެއިލް ސްޓޯރު ޗެއިން ކަމަށްވާ އެސްޓީއޯ އާއި ޕާޓްނާވެ އެސްޓީއޯ ޕީޕަލް ޗޮއިސް އިން ވިޔަފާރިކުރާ ފަރާތްތަކައް ޒަމާނީ، ރައްކާތެރި އަދި ފަސޭހަ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަން އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތް ހަދަފައިވާކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.

އުރީދޫ އިން ބުނީ މިހާރު އެސްޓީއޯ ޕީޕަލް ޗޮއިސް، އިން ވިޔަފާރިކުރާ ފަރާތްތަކަށް އުރީދޫ އެޕު މެދުވެރިކޮށް ކައުންޓަރުގައި ބަހައްޓާފައިވާ ކިއުއާރް ކޯޑެއް ސްކޭންކޮށްގެން ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަބްދުالله ސައީދު ވިދާޅުވީ އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް އީޖާދީ އަދި ފަސޭހަ ހިދުމަތްތަކެއް ގެނެސްދިނުމަށް ކަމަށެވެ.އެގޮތުން އުރީދޫ އާއެކު އެމް-ފައިސާ ގެ ހިދުމަތް ކަސްޓަމަރުންނަށް ފޯރުކޮށްދެވުމަކީވެސް އޭގެ އެންމެ ފުރިހަމަ އެއް މިސާލުކަމުގައި އަބްދުﷲ ސައީދު ވިދާޅުވިއެވެ.

"އުރީދޫ މޯލްޑިވްސްއާ ގުޅިގެން ކަސްޓަމަރުންނަށް މި އާ ޕޭމަންޓް ސޮލިއުޝަން ތައާރަފްކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އެމް-ފައިސާ ހިދުމަތާއި އެކު ކަސްޓަމަރުންނަށް އަވަސް އަދި ފަސޭހަ ހިދުމަތެއް އެސްޓީއޯ އިން ލިބިގެންދާނެ." އަބްދުالله ސައީދު ވިދާޅުވިއެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހަލިދު އަލް ހަމާދީ ވިދާޅުވީ "އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ވިޔަފާރިކުރާ ފަރާތްތަކަށް މި ޒަމާނީ އަދި އީޖާދީ ޕޭމަންޓް ސޮލިއުޝަން، އެމް-ފައިސާ ގެ ހިދުމަތް ފޯރުކޮށްދިނުމަކީ އުރީދޫއަށް ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށެވެ. އަދި މި ޕާޓްނާޝިޕްގެ ސަބަބުން ކަސްޓަމަރުންނަށް ރައްކާތެރި، އަދި ހަރުދަނާ ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދިނުމަށް އެ ކުންފުނިން ދޭ އަހައްމިއްޔަތުކަން ހާމަވެގެންދާކަމަށް ހަލިދު އަލް ހަމާދީ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް މިހާރު ދަތިކަމެއް ނެތި އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި އެމް-ފައިސާގެ ފަސޭހަކަން ލިބިގެންދާނެ." އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހަލިދު އަލް ހަމާދީ ވިދާޅުވިއެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް އަކީ ކާބޯތަކެތީގެ ބާވަތްތަކާއި ގޭތެރޭގެ ސާމާނާއި އިލެކްޓްރޯނިކްސް ފަދަ ގިނަ ބާވަތްތަކެއް ލިބެން ހުންނަ ރާއްޖޭގެ މަޝްހޫރު ހޯލްސޭލް އަދި ރީޓެއިލް ސްޓޯރު ޗެއިނެކެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެސްޓީއޯ ގެ ހިދުމަތްތައްލިބޭއިރު، ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އެއް ފުރާޅެއްގެ ދަށުން ބޭނުންވާ ހުރިހާ އެއްޗެއް ހޯދެއެވެ. އެމް-ފައިސާ މެދުވެރިކޮށް އެސްޓީއޯ ޕީޕަލް ޗޮއިސްއަށް މިހާރު ފައިސާ ދެއްކޭއިރު ކުރިއަށް އޮތް ތަނުގައި މި ހިދުމަތް އެސްޓީއޯގެ އެހެން ފިހާރަތަކަށް ފުޅާކުރެވިގެންދާނެކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.

އުރީދޫ އެމް-ފައިސާ އަކީ ފަސޭހަކަމާއެކު ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމާއި ޓްރާންސްފާ ކުރުމުގެ އިތުރުން ވިޔަފާރިތަކަށް ފައިސާ ދެއްކޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަނެކެވެ. އުރީދޫ އެމް-ފައިސާ މެދުވެރިކޮށް ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، އުރީދޫގެ ބިލް އަދި ރާސްޓަސް ގެ އިތުރުން މީޑިއާނެޓް ފަދަ އެކި ހިދުމަތްތަކަށް ބިލް ދެއްކުންވެސް ފަސޭހަކޮށްދެއެވެ. މީގެ އިތުރުން އެމް-ފައިސާ އިން ވަނީ ގިނަ ފައުންޑޭޝަންތަކާ ގުޅިގެން ކަސްޓަމަރުންނަށް ބޭނުންވާ ފައުންޑޭޝަނަކަށް ސަދަގާތް ކުރުމުގެ ފުރުސަތުވެސް ފަހިކޮށްދީފަ އެވެ.

އުރީދޫ އިން އެމް-ފައިސާ މެދުވެރިކޮށް އެސްޓީއޯ ޕީޕަލް ޗޮއިސްއަށް ފައިސާދެއްކޭ ގޮތް ހަދައިފި - ފޮޓޯ: އުރީދޫ

އެމް-ފައިސާއިން ހިދުމަތް ބޭނުންކުރުމަށް، އުރީދޫ އެޕް ޑައުންލޯޑްކޮށް، ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށްވެސް ރަޖިސްޓާ ކޮށްލެވޭނެއެވެ. މީގެ އިތުރުން ބީއެމްއެލް، އެސްބީއައި އަދި އެމްއައިބީ މެދުވެރިކޮށް އޮންލައިންކޮށް ކަސްޓަމަރުންނަށް އެމް-ފައިސާ ވޮލެޓަށް ފައިސާ ޖަމާ ކުރުމުގެ ފުރުސަތު އެމް-ފައިސާ އިން ވަނީ މި ބޭންކްތަކާ ގުޅިގެން ފަހިކޮށްދީފައެވެ.

އުރީދޫގެ ކަސްޓަމަރުންނަށް އެންމެ ފެންވަރު ރަނގަޅު ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ އިރު، އެމް-ފައިސާއަކީ އޭގެ އެންމެ ބޮޑު އެއް މިސާލެވެ. ހުރިހާ ނެޓްވޯކެއްގެ ކަސްޓަމަރުންނަށްވެސް އެމް ފައިސާ ގެ ލުއި ފަސޭހަކަމާއި ހާއްސަ ޑިސްކައުންޓް އަދި ޕްރޮމޯޝަންތައް ވެސް ލިބިގެންދާނެ އެވެ.