ޕަކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާމް ހާން ހައްޔަރުކުރުމާ ގުޅިގެން އޭނާއަށް ތައިދުކުރާ މީހުން މަގުމައްޗަށް ނިކުމެ ހަމަނުޖެހުން ހިންގަމުން ދާއިރު މިހާތަނަށް 43 މީހަކު ހައްޔަރު ކޮށްފިއެވެ.

އިމްރާން ހާން ހައްޔަރުކުރުމާ ގުޅިގެން އޭނާއަށް ތާއިދުކުރާ އެތައް ހާސްބަޔަކު މަގުމައްޗަށް އެއްވެ މުޒާހަރާ ކުރަމުން އަންނައިރު އޭނާއަށް ތާއިދުކުރާ ގިނަ ބަޔަކު އަންނަނީ ޕާކިސްތާނުގެ އެކި ހިސާބުތަކުން އެ ގައުމުގެ ވެރިރަށް އިސްލާމް އާބަދަށް ދަތުރު ކުރަމުންނެވެ. ޕެރަމިލިޓަރީން އިމްރާން ހައްޔަރު ކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އާންމުންނާއި ސިފައިންގެ ބޮޑުކުރިމަތިލުން ތަކެއް ހިނގަމުން އަންނައިރު އާންމުންގެ މުދަލުގެ އިތުރުން ސިފައިންގެ ވެހިކަލްތައްވެސް ވަނީ އަންދާލާފައެވެ. މީގެ އިތުރުން މުޒާހަރާގެ ބައިވެރިން ވަނީ ލާހޯރުގައި ހުންނަ އަސްކަރިއްޔާގެ އިސް ކޮމާންޑަރެއްގެ ގޭގައި ހުޅުޖަހާފައެވެ.

ޕާކިސްތާނުގައި ހިނގަމުންދާ ހަމަނުޖެހުންތައް

ޕާކިސްތާނުގެ އެކި ހިސާބުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން މިހާތަނަށް 43 މީހަކު ހައްޔަރު ކޮށްފައި ވާއިރު އެ ގައުމުގެ ބައެއް ހިސާބުތަކުން ވަނީ ސޯޝަލް މީޑިއާ އާއި ފޯނުގެ ހިދުމަތްވެސް ކަނޑާލާފައެވެ. އަދި އާންމުންގެ ރައްކާތެރިކަމަށް ބައެއް ޕްރައިވެޓް ސްކޫލްތައް ވެސް ވަނީ ބަންދުކޮށްފައެވެ.

މި ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ސަލާމަތީ ބާރުތަކުން ކަރުނަ ގޭހާއި ވޯޓާ ކެނަން ފަދަ ހަތިޔާރު ބޭނުން ކުރަމުން އަންނައިރު މުޒާހަރާގެ ބައިވެރިން ވަނީ އިމްރާން ހާން ދޫކޮށްލަންދެން ހަމަނުޖެހުންތައް ހުއްޓާނުލާނެ ކަމަށް ބުނެފައެވެ.

އިމްރާންގެ މައްޗަށް މިހާރު އުފުލާފައި ވާ ދައުވާ އަކީ، އޭނާގެ ބޮޑުވަޒީރު ކަމުގައި އޭނާ އާއި އަނބިކަނބަލުންގެ ނަމުގައި ހިންގަވާ ސްކޫލެއް ހެދުމަށް ވިޔަފާރިވެރިއެއްގެ އަތުން 239 މިލިއަން ރުފިޔާގެ ބިމެއް ހޯއްދެވި މައްސަލައެވެ.