ކޮރަޕްޝަންގެ ތުހުމަތުތަކެއްގައި ހައްޔަރު ކުރި ޕަކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާމް ހާންގެ ޝަރީއަތުގެ އަޑުއެހުން އޮންނާނީ އޭނާ މިހާރު ބަހައްޓާފައި ހުރި ތަނުގައި ކަމަށާއި ކޯޓަށް ހާޒިރު ނުކުރާނެ ކަމަށް ޕާކިސްތާނުގެ ފުލުހުން ބުނެފިއެވެ.

މިއަދު ކޯޓަށް ހާޒިރު ކުރާގޮތަށް ކުރިން އޮތް ނަމަވެސް މިހާރު ފުލުހުން ބުނެފައި ވަނީ އަޑުއެހުން ހިނގާނީ ވެރިރަށް އިސްލާމްއާބާދުގައި އޭނާ ބަހައްޓާފައި ހުރި ފުލުހުންގެ އިދާރާއެއްގައި ކަމަށެވެ. އެއީ ކޮންތަނެއްކަން ހާމަ ކޮށްފައި ނުވާ އިރު، އިއްޔެ އިމްރާން ހައިކޯޓަށް ވަޑައިގެންނެވި ތަނުން ޕެރަމިލިޓަރީން އޭނާ ހައްޔަރު ކުރި ގޮތް ގާނޫނާ ހިލާފުކަމަށް އޭނާގެ ޕާޓީން ބުނާ ވާހަކައަށް ހައިކޯޓުން ބުނީ، އެކަން ކުރީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ.

ޕެރަމިލިޓަރީން އިއްޔެ އިމްރާން ހައްޔަރު ކުރީ ހައިކޯޓުގެ ކުޑަދޮރެއް ތަޅާލައިގެން ވަދެއެވެ. އޭރު އިމްރާން އިންނެވީ، އެހެން މައްސަލައެއްގައި ލިބިވަޑައިގެންނެވި ކަފާލާތުގެ މުއްދަތު އިތުރު ކުރަން ވަޑައިގެން ބައޯމެޓްރިކް ދެއްވުމަށެވެ. ޕެރަމިލިޓަރީން އިމްރާން ހައްޔަރު ކޮށްގެން ގެންދިޔައީ އެނާގެ ލޯޔަރުންނާއި ސެކިއުރިޓީންނަށް ވެސް އަނިޔާ ކޮށްފައެވެ.

އިމްރާންގެ މައްޗަށް މިހާރު އުފުލާފައި ވާ ދައުވާ އަކީ، އޭނާގެ ބޮޑުވަޒީރު ކަމުގައި އޭނާ އާއި އަނބިކަނބަލުންގެ ނަމުގައި ހިންގަވާ ސްކޫލެއް ހެދުމަށް ވިޔަފާރިވެރިއެއްގެ އަތުން 239 މިލިއަން ރުފިޔާގެ ބިމެއް ހޯއްދެވި މައްސަލައެވެ. އެ ބިން އަގުމަގު ކުރުމުން ލިބެން ޖެހޭ ފައިސާ އަކީ ދައުލަތުގެ މާލިއްޔަތަށް ވަންނަން ޖެހޭ ފައިސާ ކަމަށް އެގައުމުގެ އެންޓި ކޮރަޕްޝަނާ ބެހޭ ބޯޑުން ބުނެއެވެ.

އެ މައްސަލައިގައި އިމްރާން ހައްޔަރު ކުރަން އަމުރު ނެރެފައި އޮންނަތާ ހަފްތާއެއް ވެފައި ވާއިރު އިމްރާން ގެންދެވީ އެކަމަށް ދެކޮޅު ހައްދަވަމުންނެވެ.

އިމްރާން ހައްޔަރު ކުރުމާއެކު އޭނާގެ ޕާޓީގެ ސަޕޯޓަރުން ޕާކިސްތާންގެ މަގުތަކަށް ނުކުމެ ބޮޑެތި ހަމަނުޖެހުންތައް ހިންގަމުން ދާއިރު، މިހާރު އޭނާގެ ޕާޓީން ތައްޔާރުވަމުން ދަނީ ވެރިރަށް އިސްލާމް އާބާދަށް ދިޔުމަށެވެ. ޕާޓީގެ އިދާރީ މޭޒުން އާންމު މެންބަރުންނަށް އެކަމަށް ގޮވާލައި ބުނެފައި ވަނީ އެއްވެސް މީހަކު ގާނޫނާ ހިލާފު ކަމެއް ނުކުރުމަށާއި ނަމަވެސް ޕާކިސްތާން ހުއްޓުމަކަށް ގެނެސް އެންމެން އިސްލާމް އާބާދަށް ޖަމާވުމަށެވެ. އެއާއެކު މިހާރުވެސް އެންމެ ގިނައިން ޓެރަރިސްޓް ހަމަލާ ދޭ އަފްގާނިސްތާނާ އިންވެގެން އޮންނަ ހައިބާރު ޕަހުތުންހުވާގައި ތިބި އިމްރާންގެ ސަޕޯޓަރުންވެސް މިހާރު ވަނީ އިސްލާމްއާބާދަށް ދިޔުމަށް މިސްރާބުޖަހާފައެވެ.