ޑައިރެކްޓަރު އަލީ ސީޒަންގެ "ލޯބިވެވިއްޖެ"ގެ ޕްރިމިއާ ނައިޓަށް ދިޔައިރު ވެސް ހިތުގައި އޮތީ އެންމެ ސުވާލެކެވެ. ސީޒަން އަށް މޮޅު ފެންވަރަކަށް އެކްޓްކުރަން އެނގުނަސް ފިލްމެއް ރަނގަޅަށް ޑެލިވާކޮށްލެވިދާތޯ ހިތުގައި އުފެދިފައި އޮތް ސުވާލެވެ. މީގެ ތިން އަހަރުކުރިން އޮލިމްޕަސް ސިނަމާ ބަންދުކުރުމުގެ ކުރިން އަޅުވާފައި އޮތީ ސީޒަންގެ ޑައިރެކްޝަނަށް އުފެއްދި "އަނދިރިކަން" އެވެ. އެ ފިލްމު ފާހަގަކޮށްލެވޭ ވަރުގެ މޮޅު ފިލްމަކަށް ނުވުމުން މި ފިލްމު ރީތިވެދާނެބާއޭ ހިތުގައި ސުވާލު އުފެދުނެވެ. ފިލްމު ބަލަމުން ދިޔަ އިރު ހިތުގައި އުފެދިފައި ހުރި ހުރިހާ ސުވާލަކަށްވެސް ޖަވާބު ދިޔައީ މަޑުމަޑުން ލިބެމުންނެވެ.

ތިން އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު މުނިފޫހިފިލުވުމުގެ ދާއިރާ އަށް އާ ދިރުމެއް ލިބިގެންދިޔައީ އޮލިމްޕަސް ހުޅުވި، ފުލުފުލުގައި ފިލްމުތައް އަޅުވަން ފެށުމާއެކުގައެވެ. މިއަހަރު އޮލިމްޕަސް ބޮޑު ސްކްރީނުގައި އެޅުވި ތިން ވަނަ ފިލްމަކަށް "ލޯބިވެވިއްޖެ" ވެގެންދިޔައިރު ފިލްމު ޕްރިމިއާކުރީ ހައުސްފުލް ޝޯ އަކާއެކުގައެވެ. ސީޒަން ގެ ޑައިރެކްޝަނުގެ ދަށުން އުފެއްދި މި ފިލްމަކީ އަހުމަދު ޒަރީރުގެ ސްކްރީންޕްލޭ އެއްގެ މައްޗަށް ޝާނީޒް އަލީ ޕްރޮޑިއުސްކޮށްފައިވާ ވާހަކައެކެވެ. ފިލްމުގެ ސިނެމޮޓޮގްރަފީގައި އިބްރާހިމް މޫސާ (ދަބަޅޭ) މަސައްކަތްކުރިއިރު ފިލްމުގެ މިއުޒިކް ތައްޔާރުކުރީ ފަތުހުﷲ ޝަކީލެވެ.

  • ތަރިން

އަލީ ސީޒަން ( ތޮލާލް)، އައިމިނަތު ރިޝްފާ ( މާޝާ)، މަރިޔަމް އައްޒަ (ހަސްނާ)، އަލީ އާޒިމް -ދޮންއައްޔަ- (ހަސީބު)، އަހުމަދު އީސަ (މާޖިދު)، އަހުމަދު ނިމާލް (ޖައުފަރު/ޖާ) އަދި އަބްދުﷲ ޝާފިއު -ފުބޫ- (ހަސަން)

  • މައިގަނޑު ވާހަކަ (ސްޕޮއިލާ ނުލާ)

ފިލްމު ފެށިގެން ދިޔައީ ހިތްގައިމު މަންޒަރަކުންނެވެ. ފިލްމުގެ ފުރަތަމަ މަންޒަރުންވެސް ފިލްމަށް ޝައުގުވެރިކަން ދެވުނެވެ. ދެން ވާނީ ކިހިނެއްތޯ ބެލުމަށް ހިތުގައި ޝައުގުވެރިކަން އުފެދުނެވެ. ފިލްމު ފެށީ ރަށަކަށް ގޮސް އުޅޭ ފިރިހެނެއް އެ ރަށު އަންހެން ކުއްޖަކަށް މެސެޖުކޮށްގެން، އެކަން ބޮޑު ކަންތައްގަނޑަކަށްވެ ރަށުގެ "ޓަފް ޒުވާނުން" އޭނާ ގައިގައި ތަޅައިގަންނަން އުޅޭ މަންޒަރަކުންނެވެ. އެ ގޭންގުގެ އެންމެ އިސްކޮށް ހަސީބު އުޅުނުއިރު އޭނާ އަކީ ކޮންމެ ކަމެއްވެސް ކުރަން ފަސްނުޖެހޭނެ މީހެއްކަން މި ފިލްމުން ހާމަވިއެވެ. ރަށުގެ އެތައް މިތަނުގައި ގިނަވެގެން އުޅޭ ހަސީބުގެ އުޅުމާ މެދު އޭނާގެ ދޮންތަ ހަސްނާ ވަރަށް ކަންބޮޑުވެއެވެ. ހަސްނާ ދެކެ ވާ ލޯބިން އޭނާގެ ފިރިމީހާ ތޮލާލް، ހަސީބް އުޅޭ ނޫޅޭގޮތް ވަރަށް ގާތުން ބަލައެވެ.

އަނތްބަކާއި ދަރިއެއް ހުރި ތޮލާލް ރަށުގައި އުޅެމުން އައީ ވަރަށް ހަމަޖެހޭ ދިރިއުޅުމެކެވެ. މުއްސަންޖަކަށް ނުވިނަމަވެސް ދިރިއުޅެމުން އައީ ފުދިގެންނެވެ. އުޅެމުން އައީ އުފާވެރި ދިރިއުޅުމެކެވެ. އެ ހުރިހާ ކަމަކަމަށް ހިނދުކޮޅެއްގެ ތެރޭގައި ބަދަލު އަންނަނީ ތޮލާލްގެ އެންމެ ގާތް އެކުވެރިޔާ މާޖިދުގެ ސަބަބުންނެވެ. ހަސީބުގެ އުޅުން ހުރިގޮތާ މެދު ތޮލާލް ރުޅިގަދަވެެގެން އުޅުނު ދަނޑިވަޅު ބަލައި މާޖިދު، ތޮލާލަށް ދިއްކޮށްލީ ލަންކާ ދެކޮޅު ޓިކެޓެކެވެ. ބޯހަމަޖައްސައިލައިގެން އެނބުރި ރަށަށް އަންނަ ގޮތަށެވެ. އެކަމުގެ ފަހަތުގައި ވެސް މާޖިދުގެ ނިޔަތް ރަނގަޅެއް ނޫނެވެ. ފެށުނީއްސުރެ ހަސްނާ އާއި ހިތާވެގެން އުޅޭ މާޖިދުގެ ވިސްނުމަކަށްވީ ތޮލާލް ރަށުން ބޭރުގައި އުޅޭ ވަގުތު ހަސްނާ ކާމިޔާބުކުރަން މަސައްކަތްކުރުމަށެވެ.

މާޖިދު ދިން ޓިކެޓު ހިފައިގެން ތޮލާލް ލަންކާ އަށް ދެއެވެ. ލަންކާ އަށް ގޮސް ތޮލާލް ހުރީ އޭނާގެ އެކުވެރިޔާ ހަސަންމެންގެ ގޭގައެވެ. ހަފްތާ އެއް ދުވަހަށް ލަންކާ އައުމުން ތޮލާލް ބޭނުންވީ ލަންކާގައި ވަރަށް މަޖާކުރުމަށްފަހު އެނބުރި ރަށަށް ދިޔުމަށެވެ. މަޖާ ކުރުމުގެ ނިޔަތުގައި ހަސަން އާއި ތޮލާލް ދިޔައީ ޕާޓީ ކުރާ ތަނަކަށެވެ. އެތަނަށް ދިޔުމަކީ ތޮލާލުގެ ބަދުނަސީބެވެ. އެ ތަނުން މާޝާ އާއި ތޮލާލް ދިމާވެ، ފުރަތަމަ ނަޒަރުން ތޮލާލަށް މާޝާ ކަމުދިޔައެވެ. ފުރަތަމަ ނަޒަރުން ތޮލާލަށް މާޝާ ދެކެ ލޯބިވެވުނީ އޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ހަލާލު އަނބިމީހާ ރަށުގައި ބެހެއްޓުމަށްފަހު ލަންކާ އަށް ގޮސް ހިލޭ އަންހެނަކާއެކު ތޮލާލަށް ކުރެވެނީ ކީއްކަމެއްވެސް ރޭކައެއް ނުލިއެވެ.

ފިލްމުގެ މަންޒަރެއް---

މާޝާގެ އަވައިގައި ޖެހި ތޮލާލްގެ ވިސްނުން އޭނާގެ އަމިއްލަ ބާރުން ނައްޓާ ހިސާބަށް ދެއެވެ. ހިލޭ އަންހެނެއް ދެކެ ލޯބިވެ، އެ ލޯބީގައި ފަނާވެދާން ތައްޔާރަށް ހުރި ތޮލާލަށް ސިހުމެއް ލިބިގެންދަނީ މާޝާގެ ބޮޑު ސިއްރެއް ހާމަވުމުންނެވެ. އެވަރުންވެސް މާޝާ ހޯދުމަށް ތޮލާލް އަޒުމު ކަނޑައެޅިއެވެ. ލޯބީގައި ދީވާނާ ވެގެން ގޮސް މާޝާ އަށް ފާރަލައެވެ. ތޮލާލަކީ ހަމަ ރަނގަޅަށް ވެސް ސައިކޮޕާތެކެވެ. މާޝާ ކާމިޔާބުކުރަން އޭނާ ނުކުރަނީ ކޮން ކަމެއް ހެއްޔެވެ؟ ހަސްނާ އޭނާގެ ފިރިމީހާ ތޮލާލަށް ވިސްނައިދޭން ނުކުރަނީ ކޮންކަމެއް ހެއްޔެވެ؟ މާޖިދަށް، ހަސްނާ ކާމިޔާބު ކުރެވިދާނެ ބާވައެވެ؟ މި ހުރިހާ ސުވާލެއްގެ ޖަވާބު ފިލްމުން ލިބިގެންދާނެއެވެ. އަވަހަށް ޓިކެޓެއް ނަގައި ފިލްމު ބަލަން އޮލިމްޕަހަށް ދާށެވެ.

އަވަސް މަންޒަރުތަކެއް ފެނިގެންދިޔަ އެ ފިލްމުގެ ޓްވިސްޓް އައީ އެންމެ ހީނުކުރި ގޮތަށެވެ. ފިލްމުގެ ފަހު ސީނަކީ މުޅި ފިލްމުންވެސް އެންމެ ރީތި އެއް ސީން ކަމަށް ހިތްބުނެއެވެ. އެވަރުގެ ރީތި ސީނެއް މީގެ ކުރިން ބެލި އެއްވެސް ދިވެހި ފިލްމަކުން ނުފެނެއެވެ. ވިއްސާރަ ރެއެއްގައި، މީހުންނާ އެކަހެރި ދިމާއަކަށް ދެމީހަކު ގޮސް ވަޅެއް ކޮނެ މީހެއްގެ ހަށިގަނޑު އެ ވަޅުތެރެއަށް ވައްޓާލާ ފަސްއަޅާލި މަންޒަރެވެ. އެ މަންޒަރަށް ހަމަ ސަތޭކައެވެ. އެ ސީން ބަލަމުން ދިޔައިރު އިނދެވުނީ ކަޅިނުޖަހައެވެ. އެ ސީންގެ ފުރިހަމަކަމާއި މެދު ކުޑައިރުކޮޅަކަށް އާޝޯހުވެފައި ވެސް އިނދެވުނެވެ. ފިލްމުގެ ބައެއް ޑައިލޮގްތަކުން މީހާ ރޫރޫއަޅައިގެން ދިޔައެވެ.

ފިލްމުގައި ހަސީބުގެ ރޯލު ކުޅުނު ދޮން އައްޔަ އަކީ ފިލްމުގެ ދިރުން!

ދޮން އައްޔަ އަކީ ދިވެހި ފިލްމު އިންޑަސްޓްރީ އަށް ވަނީއްސުރެ ގިނަ ބައެއްގެ ސަމާލުކަން ހޯދަމުން އައި ކުޅަދާނަ އެކްޓަރެކެވެ. ވާހަކަ މަދު ކެރެކްޓާ އެއް ދޮން އައްޔަ ކުޅެދިން ނަމަވެސް އޭނާގެ އެކްޓިން އޭނާގެ ކެރެކްޓާ އިން ވަރަށް ވަރުގަދައަށް ހާމަވެގެންދިޔައެވެ. ހަސީބުގެ ކެރެކްޓާ އަކީ ހަމަގައިމުވެސް އަޅުގަނޑުގެ ފޭވަރިޓެވެ. ދޮން އައްޔަގެ ކެރެކްޓާ އޭނާ ވަނީ ވަރަށް ފުރިހަމައަށް ޑެލިވާކޮށްދީފައެވެ. ހަމަ ގައިމުވެސް ހަސީބުގެ ރޯލު ދޮން އައްޔަ ނޫން އެހެން މީހަކަށް ނުކުޅެވޭނެ ކަން ގައިމެވެ.

ތޮލާލު ރޯލު ކުޅުނު ސީޒަންގެ ލޯބީގެ އަވައިގައި ޖެހުނު!

ސީޒަން އަކީ ދިވެހިންނަށް އަބަދުވެސް އެންމެ ކަމުދާ އެކްޓަރެވެ. މި ފިލްމު ސީޒަން ޑައިރެކްޓްކުރި ނަމަވެސް މިހާރު ދައްކަން މިއުޅެނީ ސީޒަންގެ އެކްޓިންގެ ވާހަކައެވެ. ހަމަ ރަނގަޅަށްވެސް ލޯބީގައި ދީވާނާވެއްޖެއެވެ. ފިލްމު ބަލައި ނިމިގެންދިޔައިރު ފަހަތު ގޮނޑިބަރީގައި އިން މީހަކު ބުނި އަޑުއިވުނެވެ. "ސީޒަންގެ އެކްޓިން އަކަށް ބަދަލެއް ނާދޭ ދޯ. ހާދަ ރީއްޗޭ،" އަންހެނެއް ދެކެ ހިތާވެގެން ދިރިއުޅުން އެފުށް މިފުށަށް ޖެހިގެން ދިޔަ އިރުވެސް ސީޒަން އެ ލޯބި ހާސިލްކުރުމަށް މަސައްކަތްކުރިއެވެ. ތޮލާލްގެ ކެރެކްޓާ ސީޒަން ވަނީ ރީތިކޮށް ޑެލިވާކޮށްދީފައެވެ.

ރިޝްފާ، އައްޒަ އަދި ނިމާލުގެ އެކްޓިންވެސް ރަނގަޅެވެ. ނަމަވެސް މިއީ އެމީހުންގެ މާ މޮޅު އެކްޓިން އެއް ފެނިގެންދިޔަ ފިލްމެއް ނޫނެވެ. އެކަމަކުވެސް ރަނގަޅެވެ. ފިލްމު ބަލަން ފެށީ ވަރަށް ޝައުގުވެރިކަމާއެކުގައެވެ. ނަމަވެސް ވަކި ހިސާބަކަށް ދިޔަތަނާ ނިދި އަންނަ ގޮތްވިހެން ވެސް ހީވިއެވެ. ފިލްމުގެ ސީންތައް މާކުރުވެފައި އެއް ސީނުން އަނެއް ސީނަށް މާ އަވަހަށް ދާން ފެށުމުން ފިލްމަށް ދީގެން އިން ޝައުގުވެރިކަން ދޫވެގެންދާހެން ހީވިއެވެ. އެ ވަގުތު ކޮޅުވެސް ހީ އަކަށް ބަދަލުކޮށްލަނީ ޖެހިގެން އަންނަ ސީންގައި އަވަސްގޮތަކަށް ކަންތައްތަކެއް ވާން ފެށުމުންނެވެ. ފިލްމުގައި މާ ގިނަ އިން ލަވަ ހިމަނާފައި ހުރުމަކީ އެހާ ކަމުދިޔަ ކަމެއް ނޫނެވެ. މާ ގިނައިން ފާޑުކިޔަނީ އެއް ނޫނެވެ. ފިލްމު ބަލަމުން ދިޔަ ވަގުތު ފާހަގަވި ކަންތައްތައް ހިމަނާލަނީއެވެ.

ޖުމްލަކޮށް ފިލްމުން ފެނިގެންދިޔަ ހުރިހާ އެކްޓަރުންގެ އެކްޓިންވެސް ރީއްޗެވެ. ފިލްމުގައި ލަވަކިޔުންތެރިޔާ އިބްރާހިމް ޒައިދު އަލީ (ކުޑަ އިއްބެ)ގެ ހާއްސަ ފެނިލުމެއް ފެނިގެންދިޔައެވެ. އަދި ފިލްމުގެ ވަރަށް ހާއްސަކަމެއް އެބައޮތެވެ. އެއީ ފިލްމުގެ ތަރިންގެ އަޑުން މި ފިލްމުގެ ތީމް ލަވަ ގެނެސްދީފައިވާކަމެކެވެ. ކޮވިޑްގެ ހާލަތާއި ގުޅިގެން އޮލިމްޕަސް ބަންދުވުމުގެ ކުރިން މި ފިލްމުގެ މަސައްކަތް ފެށިއިރު ކޮވިޑްގެ ހާލަތުގެ ސަބަބުން ފިލްމު މެދުކެނޑުމަކަށް އައެވެ. ނަމަވެސް ކޮވިޑްގެ ހާލަތު ރަނގަޅުވަމުން އައި ދަނޑިވަޅުގައި އަނެއްކާވެސް އިތުރު ހިއްވަރަކާއެކު ފިލްމުގެ މަސައްކަތްކޮށް، މި ފިލްމު ނިންމާ، ދިގު އިންތިޒާރަކަށްފަހު މި ފިލްމު ބެލުންތެރިންނަށް ދައްކާލި ކަމަށްޓަކައި ސީޒަން އަށް ޝުކުރުއަދާކުރަމެވެ. ލޯބިވެވިއްޖެ އަކީ މާ މޮޅު ފިލްމެކޭ ނުބުނެވުނަސް މި ފިލްމަކީ ބުރަ މަސައްކަތެއްކަން ހާމަވެއެވެ. ފިލްމުގެ ސިނަމޮޓޮގްރަފީ އަކީ މި ފިލްމުން އެންމެ ފާހަގަކޮށްލެވުނު ކަމެވެ. ލޯބީގައި ދީވާނާވެގެން އުޅޭ ކޮންމެ މީހަކުވެސް މި ފިލްމު ބަލައިލަން ކޮންމެހެންވެސް ދާންވާނެއެވެ.