މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ފުރަތަމަ ޓައިގެ ފުރަތަމަ މެޗުގައި މިރޭ ސްޕެއިންގެ ރިއާލް މެޑްރިޑްއާ އިންގްލޭންޑްގެ މެންޗެސްޓާ ސިޓީ ނިކުންނާނެއެވެ.

ރިއާލްގެ ދަނޑުގައި ކުޅޭ ސެމީ ފައިނަލް މެޗަށް އެޓީމު ނިކުންނަ އިރު ކާލޯ އެންޗޮލޯޓީގެ ޓީމު އޮތީ ވަރަށް ރަނގަޅު ފޯމެއްގައެވެ. މި ގޮތުން، މިދިޔަ ހަފްތާ ބަންދުގައި ރިއާލްއިން ވަނީ ސްޕެއިންގެ ކޮޕާ ޑެލް ރޭ މުބާރާތުގެ ތަށި ކާމިޔާބުކޮށްފައެވެ. މި ތަށި ރިއާލުން ހޯދި ފައިނަލްގައި އޮސަސޫނާ 2-1 އިން ބަލިކުރުމަށް ފަހުއެވެ.

ރިއާލްއިން މިދިޔަ ހަފްތާ ބަންދުގައި ވަނީ ކޮޕާ ޑެލް ރޭ މުބާރާތް ކާމިޔާބުކޮށްފައި/ފޮޓޯ: ރިއާލް

އެންމެ ފަހުގެ ޗެމްޕިއަން ރިއާލް މިދިޔަ ސީޒަންގެ މުބާރާތުގެ ފައިނަލްއަށް ދިޔައީ ވެސް މެންޗެސްޓާ ސިޓީ ސެމީގައި ބަލިކުރުމަށް ފަހުއެވެ. އެ ފަހަރުގެ ސެމީގެ ފުރަތަމަ ލެގް 4-3 އިން ސިޓީ ކާމިޔާބުކުރި އިރު ދެވަނަ ލެގް ރިއާލްއިން ކާމިޔާބުކުރީ 3-1 އިންނެވެ. އަދި ފައިނަލަށް ދިޔައީ 5-6 ގެ އެގްރިގެޓް ސްކޯއަކުންނެވެ.

އިންގްލިޝް ޕްރިމިއާ ލީގުގެ ތާވަލުގެ އެއްވަނައިގައި މިވަގުތު އޮތް ސިޓީ ވެސް އޮތީ ވަރަށް ރަނގަޅު ފޯމެއްގައެވެ. މިގޮތުން އެޓީމުން އެންމެ ފަހުން ކުޅުނު 5 މެޗުން ވެސް މޮޅުވެފައިވާ އިރު މި ސީޒަންގައި އަދި ވެސް ތިން ތައްޓަށް ސިޓީން ދަނީ ވާދަކުރަމުންނެވެ. އެހެން ނަމަވެސް ސިޓީގެ ސަޕޯޓަރުން ވެސް އަދި ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވެސް އެންމެ ބޮޑަށް ބޭނުންވާނީ ޗެމްޕިއަންސް ލީގުގެ ތަށި ކަމަށް ބެލެވެއެވެ.

ސިޓީގެ ތާރިހުގައި އެޓީމަށް އަދި މި ތަށި ހޯދިފައި ނުވާ އިރު 2021 ވަނަ އަހަރުގެ މުބާރަތުގެ ފައިނަލަށް ސިޓީ ދަތުރުކުރިއެވެ. އެހެން ނަމަވެސް ޗެލްސީއާ ވާދަކޮށް އެފަހަރު ސިޓީ ވަނީ 1-0 އިން ބަލިވެފައެވެ.

ރިއާލް މެޑްރިޑާ ސިޓީ ވާދަކުރާ ސެމީގެ ފުރަތަމަ ލެގް އޮންނާނީ މިރޭ ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާ އިރެވެ.