ޔަހޫދީ އިޒްރޭލުން ފަލަސްތީނު ޣައްޒާ އަށް މިސައިލް ހަމަލާތަކެއް ދީ 13 މީހުން ޝަހީދު ކޮށްލައިފިއެވެ. ޝަހީދުވި މީހުންގެ ތެރޭގައި ކުޑަކުދިންނާއި އިސްލާމިކް ޖިހާދު ޖަމާއަތުގެ 3 ލީޑަރަކާއި އެމީހުންގެ އަނބިންވެސް ހިމެނެއެވެ.
ހަބަރުތައް ބުނާގޮތުން ރޭ ދަންވަރު 2 ޖަހަނިކޮށް ދިން ހަމަލާތަކުގައި އިޒްރޭލުގެ 40 ފައިޓާ ޖެޓުން 2 ގަޑިއެއްހާ އިރުވާންދެން ހަމަލާ ދިނެވެ. އެއާއެކު ޣައްޒާގައި އާންމުން ދިރިއުޅޭ ސަރަހައްދުތަކުން ބާރު ގޮވުންތަކުގެ އަޑުފައްގަނޑު އިވެމުން ދިޔަ ކަމަށާއި މުޅި ސަރަހައްދަށް ނާމާންކަން ގެނުވާފައި އޮތް ކަމަށް ޣައއްޒާގެ ރައްޔިތުން ބުނެއެވެ.
ޝަހީދުވި މީހުންގެ ތެރޭގައި ގިނައީ، އިސްލާމިކް ޖިހާދަށް ނިސްބަތްވާ މެމްބަރުންނާއި އެމީހުންގެ އާއިލާތަކެވެ.
ހަމަލާގެ ބަދަލު ހިތިވާނެ ކަމުގެ އިންޒާރު ދެމުން އިސްލާމިކް ޖިހާދުން ބުނީ ޝަހީދުވި 3 ލީޑަރުންނަކީ ޖިހާދް އަލް ގަނަމް އާއި ހަލީލް އަލް ބަހްތިނީ އާއި ތޯރިގް އިޒް އަލް ދީން ކަމަށެވެ.
ރޮއިޓާސް އިން ހަބަރު ދޭ ގޮތުގައި ހަމަލާގެ މައިގަނޑު އަމާޒަކީ ޣައްޒާގައި ހުރި ބިލްޑިން އަކާއި ރަފާ ކޭމްޕުގެ މަގާމުތަކެކެވެ. ހަމަލާ އަމާޒުވި ބިންޑިން ބިމާ ހަމަވެފައި ވާ އިރު އެ އިމާރާތުގައި ދިރިއުޅެމުން ގެންދިޔައީ އިސްލާމިކް ޖިހާދަށް ނިސްބަތްވާ މެންބަރުން ކަމަށް ވެސް ބުނެއެވެ.
މި ހަމަލާތަކާ ގުޅޭގޮތުން އިޒްރޭލުން ބުނީ، ހަމަލާގެ އަމާޒަކީ އެ 3 ލީޑަރުން ކަމަށާއި ދާދި ފަހުން އިޒްރޭލަށް ދިން ރޮކެޓް ހަމަލާތަކުގެ ޒިންމާ އުފުލަން ޖެހޭ ފަރާތްތަކަކީ އެއީ ކަމަށެވެ. މިކަމާ ގުޅިގެން ހަމާސް ޖަމާއަތުގެ ލީޑަރު އިސްމާއީލް ހަނިއްޔާ ވިދާޅުވީ، ލީޑަރުން ޝަހީދު ކުރުމަކުން ގަދަ ކަމުން ފަލަސްތީނުގެ ބިންތަކަށް ވެރިވެ ތިބި ޔަހޫދީންނަށް ސަލާމަތެއް ނޯންނާނެ ކަމަށާއި ޖެހޭނީ އިތުރަށް ދިފާއު ވާން މަސައްކަތް ކުރަން ކަމަށެވެ.
ފަލަސްތީނުގެ ރެޑް ކްރޮސް އިން ބުނާ ގޮތުގައި މިހަމަލާތަކާ ގުޅިގެން ޒަހަމްވި 145 މީހަކަށް ނާބްލްސްގައި ފަރުވާ ދޭން ޖެހިފައި ވެއެވެ. އޭގެ ތެރެއިން ބައެއް މީހުންނަކީ ޔަހޫދީން ލައިވް ވަޒަން އަރާފައި ތިބި މީހުންނާއި ކަރުނަ ގޭހުގެ ސަބަބުން ނޭވާލާ ނިޒާމުގެ މައްސަލަތައް ދިމާވެފައި ވާ މީހުން ކަމަށެވެ. މިހަމަލާތަކުގައި ޣައްޒާއިންވެސް 20 އަކަށް މީހުން ޒަހަމްވެ ދަނީ ފަރުވާ ދެމުންނެވެ.
މި ހަމަލާތައް މި އައީ ހުސްވި ހަފްތާގައި އިޒްރޭލު ޖަލެއްގައި ހައިހޫނުކަމުގެ ހަޅުތާލު ކުރަމުން ދިޔަ އިސްލާމިކް ޖިހާދާ ގުޅުން އޮތް ހާދަރް އަދުނާން މަރުވުމާ ގުޅިގެން އިސްލާމިކް ޖިހާދުން އިޒްރޭލަށް ރޮކެޓް ހަމަލާތައް ދިނުމުގެ ބަދަލުގައި ޣައްޒާއަށް މިސައިލް ހަމަލާ ދީ ގެއްލުންތަކެއްވެސް ދީފައި ވަނިކޮށެވެ.
ހުސްވި ހަފްތާގެ ހަމަލާތަކުގައި ވެސް ޣައްޒާ އާއި ސަފީނާ އަލް ބައިދާރާއި އަލް ޒައިތޫން އަވަށުގެ ތަންތަން ވަނީ ހަލާކުވެފައެވެ.