މާލެ އާއި ވިލިމާލެ ހިމެނޭ ކަނޑުއޮޅިން ދަތުރު ކުރުމަކީ މަނާކަމެއް ކަމަށާއި އެ ސަރަޙައްދުން ދަތުރު ކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން ބުނީ، މާލެ - ތިލަފުށި ލިންކްގެ މަޝްރޫއުގެ މަސައްކަތްތަކުގެ ތެރެއިން މާލެ އާއި ވިލިމާލެ އަދި ވިލިމާލެ - ގުޅީފަޅާ ދެމެދުގައި އޮންނަ ކަނޑުއޮޅި އޮގަސްޓު 15، 2022 އިން ފެށިގެން ބަންދުކޮށްފައި ވާކަން އާއްމުކޮށް އަންގާ އިއުލާން ކޮށްފައިވާ ކަމަށެވެ. ނަމަވެސް މިހާރަކަށް އައިސް ގިނަ އުޅަނދުތަކުން މި ކަނޑުއޮޅި ބޭނުން ކުރަމުން ދާކަމުގެ ޝަކުވާ މިނިސްޓްރީ އަށް ލިބެމުންދާ ކަމަށް މިނިސްޓްރީން ބުނެއެވެ.

ވިލިމާލެ ބުރިޖު އެޅުމުގެ މަސައްކަތްތައް ކުރިއަށް ދާ ވަގުތުތަކުގައި މި ކަނޑުއޮޅިން ދަތުރުފަތުރު ކުރުމަކީ ރައްކާތެރިކަމެއް ނޫން ކަމަށާއި އެ ސަރަހައްދު ބަންދުކުރި ނަމަވެސް ދެކުނުގެ އަތޮޅުތަކުން ގާދޫކޯ ހުރަސްކޮށް ދަތުރު ކުރާ އުޅަނދުފަހަރަށް، މާލެ އާއި ހުޅުމާލެއާ ދެމެދު ގާއިމް ކޮށްފައިވާ ބްރިޖް ސަރަހައްދުން ދަތުރުކުރުމަށް އެ ސަރަހައްދު އާއްމުކޮށް ހުޅުވާލާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ ލޯކަލް އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސާބެހޭ ގަވާއިދުގެ ދަށުން ކަނޑުގެ ވަކި ސަރަހައްދަކަށް ވަނުން މަނާކޮށްފައިވާ ސަރަހައްދަކަށް ވަދެފިނަމަ އެފަރާތެއްގެ ލައިސަންސް 1 މަސްދުވަހަށް ހިފަހައްޓާނެ ކަމަށެވެ.

މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލައި ހަދާ ބްރިޖް "ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ މަސައްކަތުގެ ތެރެއިން ބްރިޖްގެ ޑެކްގެ މަސައްކަތް ފަށަފައިވާއިރު، ކަނޑުގައި ޖަހާ ތަނބުތަކުގެ ތެރެެެއިން ދެ ތަނބެއްގެ ޕައިލިން މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެފްކޯންސް ކުންފުނިން ރާއްޖޭގައި ހިންގާ ބްރިޖް މަޝްރޫއުގެ ދަށުން 6.695 ކިލޯ މީޓަރުގެ ބްރިޖާއި ކޯޒްވޭއަކީ ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު އެއް މަޝްރޫއެވެ. އެގޮތުން މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް ހިންގާ މި މަޝްރޫއަަކީ 8.2 ބިލިއަން ރުފިޔާ ހަރަދު ވާނެ މަޝްރޫއެކެވެ.