އަންނަ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓަކަށް އެންމެ ރަނގަޅީ ކާކު ތޯ ބެލުމަށް އާންމުންގެ ހިޔާލު ހޯދުމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފު ޓްވިޓާ މެދުވެރިކޮށް ހިންގެވި ޕޮލްގެ ނަތީޖާއިން ދެއްކީ އެކަމަށް ރަނގަޅީ އަބްދުﷲ ޝާހިދު ކަމަށެވެ.

މިމަހުގެ 5 ވަނަ ދުވަހު ހުޅުވާލި ޕޮލްގެ ނަތީޖާ އަށް ބަލާއިރު، ވޯޓުގައި ބައިވެރި މީހުންގެ ތެރެއިން 52 ޕަސެންޓް މީހުން ބުނީ، ރައީސް ސޯލިހު ރަނިންމޭޓަކަށް އެންމެ ރަނގަޅީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކަމަށެވެ. ރައީސް ސޯލިހު ރަނިންމޭޓަކަށް ރަނގަޅީ އެމްޑީޕީގެ ޕީޖީ ލީޑަރު އަދި އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ކަމަށް ބުނީ 48 ޕަސެންޓް މީހުންނެވެ. މި ޕޮލްގައި ޖުމްލަ 16،598 މީހުން ބައިވެރިވެފައި ވެއެވެ.

އެމްޑީޕީ ދެ ފެކްޝަނަކަށް ބެހިފައިވާ މި ދަނޑިވަޅުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަތީ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނާއި ސަރުކާރުގެ ބައެއް އިސް ބޭފުޅުންގެ ތެރޭގައި ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުން ހިމެނޭއިރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވާ ބޭފުޅުން ގެންދަވަނީ ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުންނަށް ފާޑު ވިދާޅުވަމުންނެވެ.

އަންނަ ރިޔާސީ އިންތިހާބަށް ވާދަކުރައްވަނަ ނިންމަވާފައިވާ ކެންޑިޑޭޓުން މިހާރު ގެންދަވަނީ އެ ބޭފުޅުންނަށް ތާއިދު ކުރާ މީހުން ބެއްލެވުމަށް އެކިއެކި އިސް ބޭފުޅުންނާ ވެސް ބައްދަލު ކުރައްވަމުންނެވެ. އެ ގޮތުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ފަރާތްޕުޅުން މި ސަރުކާރު ހިންގަމުންދާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކާއެކު ވަނީ މަޝްވަރާ ކޮށްފައެވެ. މިގޮތުން ރައީސް ސޯލިހުއާއެކު މިހާތަނަށް ކޯލިޝަން ހަދާފައި ވަނީ ދެ ޕާޓީންނެވެ.

ކޯލިޝަންގައި އޮތް ޖޭޕީން ރިޔާސީ ރޭހަށް ވަކިން ނުކުންނަން ނިންމާފައި ވާއިރު ރައީސް ވަނީ ޖޭޕީގެ ތާއީދު ލިބިއްޖެ ނަމަ ރިޔާސީ އިންތިހާބު ވަރަށް ފަސޭހައިން ކާމިޔާބު ކުރެއްވޭނެ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް އަދާލަތު ޕާޓީއާއި އެމްޑީއޭ އަދި އާއެކު އިންތިހާބު އެއްބުރުން ކާމިޔާބު ކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވެއެވެ. އަދި ރިޔާސީ އިންތިހާބުގައި އެ ތިން ޕާޓީ ގުޅިގެން ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ވެރިކަން ކުރާ ނިޒާމަކީ ރިޔާސީ ނިޒާމުގެ ގޮތުގައި ދެމެހެއްޓުމަށް ޝަރުތުކޮށް، އެމްއާރްއެމް އިން ރައީސް ސޯލިހުގެ ކޯލިޝަންގައި ބައިވެރިވާން ވަނީ ހުޅުވާލާފައެވެ.