ރާއްޖެ އާ އަވައްޓެރި ނިއުކްލިއާ 2 ބާރު ކަމަށް ވާ އިންޑިއާ އާއި ޕާކިސްތާނުގެ ޖަލުގައި ތިބި 2 ގައުމުގެ މީހުންގެ އަދަދު ހާމަކޮށްފިއެވެ.

1992 ވަނަ އަހަރުން ފެށިގެން ދެގައުމުގެ ދެމެދުގައި އޮންނަ އެއްބަސްވުމެއްގެ ދަށުން، ހާމަ ކުރި ލިސްޓުގައި ވާ ގޮތުން ޕާކިސްތާންގެ ޖަލުތަކުގައި އިންޑިއާގެ 705 މީހަކު ތިބި އިރު އޭގެ ތެރެއިން 654 މީހުންނަކީ މަސްވެރިންނެވެ. ބާކީ ތިބީ އާންމު ރައްޔިތުންނެވެ. ހަމަ އެގޮތަށް އިންޑިއާގެ ޖަލުތަކުގައި ތިބި 434 މީހުންގެ ތެރެއިން މަސްވެރިންނަކީ 95 އެވެ. ބާކީ 339 މީހުންނަކީ ޕާކިސްތާންގެ އާންމު ރައްޔިތުންނެވެ. މި މީހުންގެ ތެރެއިން ޖަލުގައި ތިބޭ މުއްދަތު ހަމަ ވި މީހުން އަނބުރާ ގައުމަށް ފޮނުވާލަ ދިނުމަށް ދެފަރާތުން ވަނީ އެދިފައެވެ.

ދެގައުމުން މި ލިސްޓް ހާމަ ކުރީ އެ މުއާހަދާގެ ދަށުން އެގައުމެއްގައި ހުރި ނިއުކްލިއާ ފެސިލިޓީ ތަކުގެ ލިސްޓެއް ކޮންމެ އަހަރެއްގެ ޖެނުއަރީ 1 ވަނަ ދުވަހު، އެއްބަޔަކު އަނެއް ބަޔަކަށް ދޭން ޖެހޭ ގޮތަށް އެއްބަސްވެފައި އޮންނާތީ އެ ލިސްޓާ އެކުގައެވެ.

ނަމަވެސް ދެގައުމުން ކުރެ ގައުމަކުން ނިއުކްލިއާ ފެސިލިޓީތަކުގެ ލިސްޓް އާންމު ކޮށްފައެއް ނުވެއެވެ. އެއްބަޔަކު އަނެއް ބަޔަކަށް އެގައުމެއްގައި ހުރި ފެސިލިޓީތަކުގެ ލިސްޓް ހިއްސާ ކުރި އިރު ޕާކިސްތާންގެ ލިސްޓް ހަވާލު ކުރީ އިސްލާމްއާބާދުގައި ހުންނަ އިންޑިއާގެ މިޝަނަށެވެ. އިންޑިއާގެ ލިސްޓް ހަވާލު ކުރީ ދިއްލީގައި ހުންނަ ޕާކިސްތާންގެ މިޝަނަށެވެ.

އިންޑިއާ އާއި ޕާކިސްތާނުން ނިއުކްލިއާ ގާބިލްކަން ހޯދާ އެކިއެކި ހާތިޔާރުގައި އެ ގާބިލްކަން ބޭނުން ކުރަމުން ދާ އިރު، ސާކުން އެންމެ ފުރަތަމަ ނިއުކްލިއާ ގާބިލްކަން ހޯދީ 1974 ގައި އިންޑިއާއިންނެވެ. ޕާކިސްތާނުން އެ ގާބިލުކަން ހޯދީ 1998 ގައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން އިންޑިއާގައި 160 ނިއުކްލިއާ ވޯހެޑް ހުރި އިރު ޕާކިސްތާންގައި 15 ވޯހެޑް އެބަހުއްޓެވެ.