ނިއުކްލިއާ އިންޖީނުގެތަކާއި، ހަތިޔާރާއި ސަބްމެރީން ފަދަ އާލާތްތަކުގައި ބޭނުން ކުރާ ރޭޑިއޯއެކްޓިވް މާއްދާއެއް ކަމަށްވާ ޔުރޭނިއަމް ހުރި ޕެކޭޖެއް ލަންޑަންގެ ހީތްރޯ އެއާޕޯޓުން ފެނިއްޖެއެވެ.

މި ޕެކެޖް އެޑްރެސް ކޮށްފައި ވަނީ ލަންޑަންގައި ދިރިއުޅޭ އީރާނުގެ މީހަކަށް ކަމަށާއި ޕެކެޖް އައިސްފައި ވަނީ މުސްކަޓުން ފުރި އޮމާން އެއާގެ ބޯޓެއްގައި ކަމަށް ބުނެއެވެ. އަދި މި ޕެކޭޖްގެ އަސްލު ފެށުން ގުޅިފައި ވަނީ ޕާކިސްތާނާ ކަމަށް އިނގިރޭސި ބައެއް ނޫސްތަކާއި ސްކައި ނިއުސްގައި ރިޕޯޓު ކޮށްފައި ވެއެވެ.

ނަމަވެސް މިތުހުަތުތައް ދޮގު ކުރައްވައި ޕާކިސްތާންގެ ހާރިޖީ އޮފީހުގެ ތަރުޖަމާން ވިދާޅުވީ، އެއީ އެއްވެސް އަސާސެއް ނެތް ވާހަކައެއް ކަމަށާއި އެފަދަ އެއްވެސް ހާދިސާއެއްގެ މައުލޫމާތު އިނގިރޭސި ސަރުކާރުން ޕާކިސްތާނާ ހިއްސާ ކޮށްފައި ނުވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އިނގިރޭސި ބޮޑުވަޒީރު ރިޝީ ސޫނަކް ވިދާޅުވީ، ޔޫރޭނިއަމް މާއްދާ ހުރި ޕެކޭޖް ފެނުނު މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށާއި، އެ ފެނުނު ޕެކޭޖްގައި އެ މާއްދާ ހުރި މިންވަރަކީ ވަރަށް ކުޑަކުޑަ މިންވަރެއް ކަމުން އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ.

ހަބަރުތައް ބުނާގޮތުން އެ ޕެކޭޖުގައި ހުރީ ޔޫރޭނިއަމް އެކުލެވޭ ދަނގަޑުބުރި ތަކެކެވެ. އޭގެ ސައިޒެއް އަދި ބަރުދަނެއް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

މި ކަމާ ގުޅިގެން ނިއުކްލިއާ ބައެއް އެކްސްޕާޓުންނާއި އަދި ޕާކިސްތާންގެ ކުރީގެ ބައެއް އޮފިޝަލުން ނަން ނުޖެހުމަށް ޝަތުރުކޮށް ބޭރުގެ ބައެއް ނޫސްތަކުގައި ބުނެފައި ވަނީ، އެތަކެތި ބޭރުވީ ޕާކިސްތާނުން ކަމަށް ވާނަމަ ޕާކިސްތާނުގައި އެފަދަ ތަކެތި ބެލެހެއްޓުމުގައި ހުރި ރައްކާތެރި ކަމާމެދު ސުވާލު އުފެދިއްޖެ ކަމަށެވެ. އަދި އެގައުމުގެ އެއާޕޯޓުން އެތަކެތި ބޭރުވިނަމަ، އެއާޕޯޓުގެ ސެކިއުރިޓީއާ މެދުވެސް ސުވާލު އުފެދޭ ކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ.

ޕާކިސްތާނަކީވެސް ނިއުކްލިއާ ހަތިޔާރު ހުރި ގައުމަކަށް ވާއިރު ނިއުކްލިއާ ހަތިޔާރުގައިވެސް ޔޫރޭނިއަމް ބޭނުންކޮށްފައި ހުރެއެވެ.