ރާއްޖެވެސް ހިމެނޭހެން މުޅި ދުނިޔެ އަޅުވެތި ކޮށްގެން އިނގިރޭސީން އޮތް އިރުން ސުރެ ފެށިގެން މިއަދާ ހަމައަށް ދެމިގެން އަންނަ ވިރާސީ ރަސްކަމުގެ 40 ވަނަ ރަސްގެފާނު އިއްޔެ ތަހުތުގައި ވެޑުވުމަށް 125 މިލިއަން ޑޮލަރު ހަރަދު ކުރި ކަމަށް ރިޕޯޓުތައް ބުނެފިއެވެ. މިހާރުވެސް 14 ގައުމެއްގެ ރަސްކަން އޮންނަނީ ޗާލްސް އަށެވެ.
މީގެ ކުރިން ހަރަދު ކުރާ ނިސްބަތާ އަޅާ ކިޔާ ސީއެންބީސީން އަންދާޒާ ކޮށްފައި ވާ ގޮތުގައި މިފަހަރުގެ ރަސްމިއްޔާތަށް 125 މިލިއަށް ޑޮލަރު ހަރަދު ކުރި އިރު މިއީ 1953 ގައި ޗާލްސްގެ މަންމާފުޅު ކްއީން އެލިޒަބަތު ރާނީކަމަށް ވެޑުވި އިރު ހަދަރު ކުރި ވަރަށް ވުރެ އެތައް މިލިއަން ޑޮލަރެއް މަތީ އަދަދެކެވެ. އޭރު ރާނީގެ ރަސްމިއްޔާތަށް ހަރަދު ކުރީ 1.5 މިލިއަން ޕައުންޑެވެ. އެއީ މިހާރުގެ އަގުން ބަލައިފިނަމަ 53 މިލިއަން ޑޮލަރެވެ.
ސީއެންބީސީގެ އިތުރުން ބީބީސީންވެސް ވަނީ މި އަންދާޒާ ހަދާފައެވެ. އެ އިދާރާތަކުން ބުނާ ގޮތުން ރަސްމިއްޔާތަށް ހަރަދު ކުރި ސީދާ އަދަދު ރަސްގެފާނުގެ ގަނޑުވަރު، ބަކިންހަމް ޕެލަސް އިން ހާމައެއް ނުކުރެއެވެ.
ނަމަވެސް އިއްޔެ އޮތް ރަސްމިއްޔާތަށް ވީވީއައިޕީންގެ ގޮތުގައި އެކަނިވެސް 2000 ބޭފުޅުން ގެންދެވި ކަމަށާއި އެބޭބޭފުުޅުންގެ ފަރީއްކޮޅުތަކާއި، ތިއްބެވުމާއި ދަތުރުފަތުރާއި އެހެނިހެން ހަރަދުތަކުގެ އިތުރުން، ރަސްމިއްޔާތަށް ބޭނުންވާ ގޮނޑިމޭޒާއި، ރަސްމިއްޔާތު ބާއްވާ ތަނުގެ ބަގީޗާތައް ޒީނަތްތެރި ކުރުމާައި ރަސްގެފާނުގެ ތަހުތު ކޮޅާއި ތާޖު ކޮޅުގެ އިތުރުން ރާނީގެ ތަހުތު ކޮޅާއި ތާޖު ކޮޅުން ފެށިގެން ގޮސް ރަސްމިއްޔާތުގެ އެންމެހާ ބައިވެރިންނާއި ކަންކަމާއި ހެދުމާއި އެހެނިހެން ތަކެއްޗަށް އެހާވަރު ދާކަމަށް ބުނެއެވެ.
އިއްޔެ އޮތް ރަސްމިއްޔާތުގެ ހުރިހާ ހަރަދަނީ އިނގިރޭސި ސަރުކާރުން ކުރި ހަރަދެކެވެ. އެގައުމުގެ ޓެކްސް ޕޭޔަރުންގެ ފައިސާއެވެ. މީގެ މައްޗަށް ބަކިންހަމް ޕެލަސް އިންވެސް އެތިކޮޅެއް (ބައެއް) ލާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އިއްޔެގެ ރަސްމިއްޔާތާ ގުޅިގެން ޔޫގޮވް ޕޮލް އިން ކުރި ސާވޭ އަކުން ދައްކާ ގޮތުގައި، 51 ޕަސެންޓް މީހުން ބުނެފައި ވަނީ، އެ ރަސްމިއްޔާތަށް ރައްޔިތުންގެ ފައިސާ (ޓެކްސް ފައިސާ) ބޭނުންކޮށްގެން ނުވާނެ ކަމަށެވެ. 18 ޕަސެންޓް މީހުން ވަކިގޮތަކަށް ވޯޓެއް ނުދެއެވެ.
މި ރަސްމިއްޔާތާ ވިދިގެން މާދަމާ އަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ކަނޑައަަޅާފައި ވުމުން، ހުރިހާ އިންޑަސްޓްރީއެއް ޗުއްޓީ ވާއިރު އެއީ އުފެއްދުންތެރިކަމުގެ މިންގަނޑުން އިނގިރޭސި އިގްތިސޯދުން ގެއްލިގެން ދާ 1.36 ބިލިއަން ޕައުންޑްކަމަށް ވެސް އަންދާޒާ ކޮށްފައި ވެއެވެ.
ކޮވިޑްގެ ހާލަތާ އެކު އިނގިރޭސިވިލާތުގެ އިގްތިސޯދު ވަޅުޖެހިފައި ވާ އިރު ޖީ7 ގެ ގައުމުތަކުގެ ތެރެއިން އަދިވެސް އަރައި ނުގަނެވި އޮތް ހަމައެކަނި ގައުމަކީވެސް އިނގިރޭސިވިލާތެވެ. އެގައުމުގެ ޖީޑީޕީގެ ކުރިއެރުން ހުރީ 0.6 ޕަސެންޓުގައެވެ. އިންފްލޭޝަން މައްޗަށް ގޮސް މިހާރު ހުރީ 20 ޕަސެންޓާ ގާތަށް އަގުތައް އުފުލިފައެވެ.
ފާޑުކިޔުންތަކާއެކުވެސް އިނގިރޭސި ސަރުކާރުން ބުނީ، ރަސްގެފާނުގެ ރަސްމިއްޔާތު ބޭއްވުމަކީވެސް ގައުމުގެ އިގުތިސޯދަށް ހެޔޮ ބަދަލެއް އަންނާނެ ކަމެއް ކަަމަށެެވެ. އެ ރަސްމިއްޔާތާ ގުޅިގެން ހެދުމާއި ފޮތި އެއްޗެހި ވިއްކާ ވިޔަފާރިތަކުގެ ވިކުރާ ރަނގަޅުވެ އެވްރެޖް 15 ޕަސެންޓް އުފުލުނު ކަމަށް ބުނެއެވެ.
އެކިއެކި ހިދުމަތްތައް ދޭ އިންޑަސްޓްރީއަށް ހާއްސަކޮށް ހަދާފައި އޮންނަ "ޔޫކޭ ހޮސްޕިޓާލިޓީ" އިން ބުނީ، ރަސްގެފާނުގެ ރަސްމިއްޔާތާއެކު 350 މިލިއަން ޕައުންޑްގެ އާމްދަނީއެއް އެކި އިންޑަސްޓްރީތަކަށް ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. އަދި މިމަހުގެ 13 ވަނަ ދުވަހު ލިވަޕޫލްގައި އޮންން ޔޫރޯވިޝަންގެ ކޮންސެޓާއެކު ޖުމްލަ 1 ބިލިއަން ޕައުންޑް ލިބޭނެ ކަމަށްވެސް އެ ޖަމާއަތުން އަންދާޒާ ކުރެއެވެ.
ގަޑި ދެގަޑިއިރަށް ބާއްވާ ރަސްގެފާނުގެ ރަސްމިއްޔާތަށް އެހާބޮޑު ހޭދައެއް ކުރާ މައްސަލައިގަ އާއި ރަސްކަން ގަބޫލު ނުކުރާ އެތައް ހާސްބަޔަކު އިއްޔެ ވަނީ މުޒާހަރާވެސް ކޮށްފައެވެ. އެމީހުން ގޮވަމުން ދިޔައީ "ނޮޓް މައި ކިންގް" [އަހަރެންގެ ރަސްގެފާނެއް ނޫން] މިހެންނެވެ. ފުލުހުން 52 މީހަކު ހައްޔަރު ކުރި އިރު އެ ހަރަކާތް ރޭވުމުގައި އެންމެ އިސްކޮށް އުޅުނު މީހާވެސް ވަނީ ހައްޔަރު ކޮށްފައެވެ.