ރަޝިއާއިން ހިފަން މަސައްކަތް ކުރާ ބަކްމޫތްގެ އެކި ސަރަހައްދުތަކަށް ފޮސްފަރަސް ބޮން އަޅާ ކަމަށް ޔޫކްރައިން އިން ބުނެފިއެވެ.
ޔޫކްރައިންގެ ޑިފެންސް މިނިސްޓްރީން ޓްވިޓާގައި އާންމު ކުރި ވީޑިއޯއަކުން ފެންނަ ގޮތުގައި ވައިޓް ފޮސްފަރަސް ބަކްމޫތްގެ މަތިން ފެނެއެވެ. އެ ވީޑިއޯ އަކީ ކޮން އިރެއްގެ ހާދިސާއަކާ ގުޅޭ ވީޑިއޯއެއްކަން ހާމަ ކޮށްފައި ނުވިނަމަވެސް ޔޫކްރައިން އިން މީގެ ކުރިންވެސް ވަނީ ރަޝިއާއަށް އެފަދަ ތުހުމަތުތަކެއް ކޮށްފައެވެ.
ހަނގުރާމަ ފެށިތާ ކައިރީގައި ރަޝިއާއިން ހިފި މަރިއަޕޮލް އަށް ވެސް ފޮސްފަރަސް ބޮން އަޅާފައި ވާ ކަަމށް ޔޫކްރައިންގެ ރައީސް ވަލްޑިމިއާ ޒެލޮންސްކީ ވިދާޅުވެފައި ވެއެވެ. ފޮސްފަރަސް އަކީ ހަނގުރާމައިގައި ބޭނުން ކުރުން މަނާ އެއްޗެއް ނޫން ނަމަވެސް އާންމުން އުޅޭ ސަރަހައްދުތަކަށް ނުވަތަ ސަރަހައްދުތަކާ ކައިރީގައި ބޭނުން ކުރުމަކީ ހަނގުރާމައިގެ ޖަރީމާއެކެވެ.
ފޮސްފަރަސްގައި ވާ ގޮތަކީ، އެ ޖެހި ހަރުލާފައި ހުންނަތަންތަނުގައި ފަސޭހައިން ހުޅުރޯވުމާއި އޮކްސިޖަން އާ ކޮންޓެކްޓް ވުމުން މާ ފަސޭހައިން ރޯވާގޮތް ވުމެއެވެ. އެއާއެކު ބޮޑު ސަރަހައްދެއްގައި އަލިފާން ހިފުމުގެ ފުރުސަތު އޮވެއެވެ.
ޔޫކްރައިންގެ މި ތުހުމަތުތަކަށް ރަޝިއާއިން އެއްވެސް އެއްޗެއް ބުނެފައި ނުވާ އިރު މީގެ ކުރިން ބުނެފައި ވަނީ ބައިނަލްއަގުވަމީ ގާނޫނުތަކާ ހިފާލަށް ނުވަތަ މަނާ ކޮށްފައި އޮތް އެއްވެސް ހަތިޔާރެއް ބޭނުން ނުކުރާ ކަމަށެވެ.
ރަޝިއާ އާއި ޔޫކްރައިންގެ ހަނގުރާމަ އާ މަރުހަލާއަކަށް ގޮސްފައި ވާ އިރު، އިއްޔެރޭ ޔޫކްރައިން އިން ވަނީ އެމެރިކާއިން ދިން ޕެޓްރިއަޓް މިސައިލް ސިސްޓަމް ބޭނުންކޮށްގެން ރަޝިއާގެ އެންމެ ވަރުގަދަ މިސައިލް ގޮއްވާލާފައެވެ. އަޑަށް ވުރެ 10 ގުނަ ބާރަށް ދުވާ ކިންޒާލް މިސައިލް ވައިގެތެރޭގައި ގޮއްވާލީ އެ މިސައިލް ވައްޓާލެވޭ ވަރުގެ ގާބިލުކަން ދުނިޔޭގެ އެއްވެސް ގައުމަކަށް ލިބިގެން ނުވާ ކަމަށް ރަޝިއާގެ ރައީސް ވްލްޑިމިއާ ޕުޓިން ވިދާޅުވެފައި ވަނިކޮށެވެ.
މިއަދު އާ ހަމަލާތަކެއް އުފައްދާ ޔޫކްރައިން އިން ވަނީ، 2014 ގައި ރަޝިއާއިން ހިފި ކްރިމިއާއަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. 10 ޑްރޯން އެއް ފޮނުވާލައިގެން ދިން މިހަމަލާތަކުގައި ކްރިމިއާގެ އެކި ސަރަހައްދުތަކަށް ގެންލުންވެފައި ވާ އިރު ޔޫކްރައިންގެ މަތިންވެސް ނުރައްކަލުގެ ސައިރަންގެ އަޑު ކަނޑައިގެން ނުދެއެވެ. ރަޝިއާއިން ދީފާނެ އާ ހަމަލާތަކަށް 24 ގަޑިއިރު އެލާޓް ކުރަމުން ޔޫކްރައިނުން ގެންދާ އިރު، ހުޅަނގާއި އެމެރިކާއިން ދަނީ ޔޫކްރައިން އަށް ބޭނުންވާ ޒަމާނީ ހަތިޔާރު ފޯރުކޮށްދީ ހަނގުރާމަ އިތުރަށް ވަރުގަދަ ކުރަމުންނެވެ.