މަންމާފުޅު ކްއީން އެލިޒަބަތު އަވަހާރަވުމާ ގުޅިގެން ރަސްކަން ލިބިވަޑައިގެންނެވި އިނގިރޭސިވިލާތުގެ ވަލީއަހުދު ޕްރިންސް ޗާލްސް 3 މިއަދު ތަހުތަށް ވަޑުވައިފިއެވެ.

ދުނިޔޭގެ އެކި ކަންބޮޅުތަކުން ވެރިން ބައިވެރިވެވަޑައިގެންނެވި ކުލަގަދަ ރަސްމިއްޔާތުގައި ތަހުތަށް ވެޑުވުން ކުރިއަށް ގެންގޮސްފައި ވާއިރު މިއަދަކީ ވިއްސާރަ ދުވަހެއް ވެސް މެއެވެ. ނަމަވެސް ގިނަ ބަޔަކު ލަންޑަންގެ މަގުތަކަށް އެއްވެ އެ އުފަލުގައި ބައިވެރިވަމުން އެބަގެންދެއެވެ. އިނގިރޭސި ރަސްކަމުގެ ރަށުގައި މިހާރު 14 ގައުމެއް އޮތް އިރު ޗާލްސް އެ ވެވަޑައިގަތީ އެ ހުރިގާ ގައުމެއްގެ ރަސްގެފާނަށެވެ.

ރަސްކަމާ ދެކޮޅު އެތައް ބަޔަކު މިއަދު މަގުތަކަށް އެއްވި އިރު، ފުލުހުން ވަނީ ރިޕަބްލިކަނުންގެ ލީޑަރައި އިތުރު ބަޔަކު ހައްޔަރުވެސް ކޮށްފައެވެ. ހިޔާލު ހޯދުމުގެ ވޯޓުން ދައްކާގޮތުން މިއަދު ޗާލްސް ތަހުތަށް ވެޑުވުން ނުވަތަ ރަސްކަމާ މެދު ހިތްހަމަ ޖެހެނީ އެންމެ 33 ޕަސެންޓް މީހުންނެވެ.

މިއަދު ރަސްގެފާނު ތަހުތަށް ވެޑުވި ރަސްމިއްޔާތަށް، ރަސްކަމުގެ ހައިސިއްޔަތުން ދުރުކޮށްފައިވާ ޕްރިންސް ވިލިއަމްވެސް ބައިވެރިވަޑައިގެންފައި ވީ ނަމަވެސް އޭނާގެ އަންބިކަނބަލުންނަށް ރަސްމިއްޔާތުގެ ދައުވަތެއް ނުދެއެވެ. ހެރީ އާއި މޭގަން ޝާހީ ނިޝާންތަކާއި ހައިސިއްޔަތު ދޫކޮށްލައްވާ މިހާރު ދިރިއުޅުއްވަނީ އެމެރިކާ އާއި ކެނެޑާގައެވެ. އެ ދެބޭފުޅުންގެ ފަރާތުން ޝާހީ ހާންދާނަށް ފާޑުވިދާޅުވެފައި ވާ އިރު، ދާދި ފަހުން ހެރީ ދެއްކެވި ވާހަކަ އަކާ ގުޅިގެންވެސް ޝާހީ އާއިލާއަށް އަމާޒުވާ ފާޑުކިޔުން ވަނީ އިތުރު ވެފައެވެ.

ރަސްކަމާ ދެކޮޅަށް ލަންޑަންގައި އިހުތިޖާޖު ކުރަނީ - ގިނަބަޔަކު ވަނީ ހައްޔަރު ކޮށްފައި

ހެރީ ވިދާޅުވެފައި ވަނީ އޭނާ ގަނޑުވަރުތެރޭގައި ދިރިއުޅުއްވަމުން ގެންދެވި އިރު އާންމު ގިންތީގެ މީހުންނާ މުއާމަލާތުކޮށް ނުވަތަ އެކުގައި އެޅުއްވުމުގެ ފުރުސަތު ލިބިވަޑައިގެންފައި ނުވާތީ ޝާހީ ހާންދާންގެ ތެރޭގައި ނަސްލީ ތަފާތު ކުރުންތައް އޮތްކަމަށް ގަބޫލުނުކުރެއްވުނު ކަމަަށެވެ. ނަމަވެސް އެކަން މިހާރު އެނގިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރަސްގެފާނު މިއަދު ހުވާ ކުރެއްވުމުން އޭނާގެ ދޮށީ ދަރިކަލުން ޕްރިންސް ވިލިއަން އަދި މިއާރުގެ ވަލީއަހުދު ވަނީ ޗާލްސްއަށް ބޮސް ދެއްވާ، އެމަނިކުފާނުގެ ހިދުމަތުގައި ތެދުވެރިކަމާއެކު ހުންނަވާނެ ކަމަށް އަހުދުވެވަޑައިގެންފައެވެ. ޕްރިންސް ހެރީއާއި ވިލިއަމްގެ މަންމާފުޅު ޕްރިންސަސް ޑަޔާނާ ކާރު އެކްސިޑެންޓެއްގައި އަވާހަރަ ވުމަށް ފަހު ޗާލްސް ކައިވެނި ބައްލަވައިގަތް ކެމީލާ ވަނީ ރާނީއަކަށް ބަދަލުވެފައެވެ.

އީސާސީންގެ ސަތާފީ ރަސްމިއްޔާތުގައި ރަސްގެފާނު ތަހުތަށް ވެޑުވުން ކުރިއަށް ގެންގޮސްފައި ވަނީ މިހާތަނަސް މިހަފަ 40 ރަސްމިއްޔާތެއް ބޭއްވި ވެސްޓްމިންސްޓާ އަބޭގައެވެ. އެއީ އީސާއީންގެ ބޮޑު ފައްޅިކެވެ.

އިނގިރޭސި ރަސްކަމަށް ބައިތު ހިފައިގެން އޮތް 14 ގައުމެއް މިހާރުވެސް ދުނިޔޭގައި އޮވެއެވެ. އެއީ އެންޓިގުއާ އެންޑް ބާބުޑާ، އޮސްޓްރޭލިއާ، ބަހާމާސް، ބެލީޒް، ކެނެޑާ، ގްރެނާޑާ، ޖެމެއިކާ، ނިއުޒީލަންޑް، ޕަޕާ ނިއުގިނީ، ސެއިންޓް ކިޓްސް އެންޑް ނެވިސް، ސެއިންޓް ލޫސިއާ، ސެއިންޓް ވިންސެންޓް އެންޑް ދަ ގްރެނާޑިއަންސް، ސޮލޮމޮން އައިލޭންޑްސް އަދި ޓްވާލޫއެވެ.

މި ގައުމުތަކުން ރަސްކަމަށް ބައިތު ހިފައިގެން ތިބުމުން، އެއިން ކޮންމެ ގައުމެއްގައި އިސް ވެރިއަކު ހުންނެވި ނަމަވެސް މިއޮއްހާ ދުވަހުގެ އެގަމުތަކުގެ އެންމެ މަތީ ވެރިއަކީ ރާނީ އެލިޒަބަތެވެ.

ރާނީ އަވަހާރަ ވުމާއެކު، އޭގެ ތެރެއިން އޮސްޓްރޭލިއާ އަދި އެންޓިގުއާ އެންޑް ބާބުޑާ އިން ވަނީ ރަސްކަމުން ވަކިވުމުގެ ވާހަކަތައް އާކޮށްފައެވެ. އެގޮތުން އޮސްޓްރޭލިއާގެ ގްރީން ޕާޓީން ވަނީ، މިއީ ރަސްކަމުން މިނިވަން ވެ، މިނިވަން މުސްތަގިއްލު ގައުމަކަށް ވާން ވީ ވަގުތުކަމަށް ވިދާޅުވެފައެވެ. އަދި އެކަމަށް ބޭނުންވާ ގާނުނީ ބަދަލު ގެނައުން އަވަސްކުރުމަށްވެސް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގްރީން ޕާޓީގެ ލީޑަރު އެދަމް ބެންޑިތް ގެ ގޮވާލެއްވުމަށް ސިޔާސީ ބައެއް ފަރާތްތަކުން ތާއީދު ކުރާއިރު އެކަމަށް ތާއީދު ކުރާ އާންމު ރައްޔިތުންވެސް ގިނައެވެ. ނަމަވެސް އެ ބަދަލާ ދެކޮޅު ގިނަ ބަޔަކުވެސް އޮސްޓްރޭލިއާގައި އުޅެއެވެ. ނަމަވެސް އާންމުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމާ މެދު ގިނަ ރައްޔިތުން ރުހިގެން ތިބުމާއެކު އެއީ ގާތް ބަދަލެއް ކަމަށް މުރާސިލުން ބުނެއެވެ.

އޮސްޓްރޭލިއާ އެކޭ އެއްގޮތަށް އެންޓިގުއާ އެންޑް ބާބުޑާއިން އިން ވަނީ ފެންނަ ނުފެންނަ ވޯޓެއް ނަގާނެ ކަން އިއުލާން ކޮށްފައެވެ. އެ ގޮތުން ކުރިއަށް އޮތް 3 އަހަރުގެ ތެރޭގައި އެ ވޯޓު ނެގޭނެ ކަމަށާއި އަންނަ އަހަރު އޮންނަ އިންތިހާބުގައި ހޮވިވަޑައިގެންފި ނަމަ ފެންނަ ނުފެންނަ ވޯޓަކަށް ވަޑައިގަތުމަށް ކުރައްވަން ޖެހިވަޑައިގަންނަވާ މަސައްކަތްތައް ކުރައްވާނެ ކަމަށް މިހާރުގެ ރައީސް ވަނީ ވިދާޅުވެފައެވެ.

ރާނީ އަވަހާރަވުމަށް ފަހު، އެ 14 ގައުމުގެ އެންމެ މަތީ ވެރިއަކީ ނުވަތަ ރަސްކަލަކީ ޗާލްސް ކަމަށް ވާއިރު ރާނީ އަވަހާރަވި އިރު އެމަނަކާގެ މިލްކިއްޔާތުގައި ހުރި 500 މިލިއަން ޑޮލަރުގެ އެސެޓް (ހަރުމުދާ) ވެސް ލިބިވަޑައިގަންނަވާ ބޭފުޅަކީ ޗާލްސްއެވެ.

ސަންޑޭ ޓައިމްސް އިން ހާމަ ކުރި 2022 ވަނަ އަހަރުގެ މުއްސަނދިންގެ ލިސްޓުގައި ރާނީގެ މިލްކިއްޔާތުގައި 426 މިލިއަން ޑޮލަރު ހުރިކަމަށް ބުނެފައި ވެއެވެ. ޗާލްސް އަށް ވާރުތަވާ މުދަލުގެ ތެރޭގައި މަންމާފުޅު އެލިޒަަބަތުގެ ނަންފުޅުގައި ހުރި ބިން ބިމާއި، ކުރެހުންތަކާއި ގަހަނާއާއި، ރަސްމީ ގެކޮޅުތަކާއި ޝާހީ އާކައިވް ހިމެނެއެވެ. މީގެ އިތުރުން ޝާހީ ތާޖުކޮޅުގައި ހުރި 3 ބިލިއަން ޕައުންޑްގެ ޖަވާހިރު ކަލެކެޝަންގެ ރަމްޒީ ވެރިއަކީވެސް ދެން ޗާލްސްއެވެ. މި ތާޖުކޮޅަކީ، ރާނީގެ މިލްކިއްޔާތުގައި ހިމެނޭ އެއްޗެއް ނޫނެވެ. އަދި ތާޖުކޮޅަކީ އެއް ރަސްކަމުން އަނެއް ރަސްކަމަށް ވާރުތަވާ ގޮތަށް އޮތް ހާންދާނީ އެއްޗެކެވެ.

ސެލެބްރިޓީނެތްވޯތުން ހާމަ ކޮށްފައިވާ ގޮތުން، މިހާރުވެސް ޗާލްސްގެ މިލްކިއްޔާތުގައި އޭރުވެސް 100 މިލިއަން ޑޮލަރު އެބަހުއްޓެވެ.