ލަންޑަނުގައި ހުންނަ ކޮމަންވެލްތުގެ މައި އިދާރާ ކަމުގައިވާ މާލްބޮރޯ ހައުސްގައި ބޭއްވި ކޮމަންވެލްތު ލީޑާރސް އިވެންޓުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވެ ވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ، ކޮމަންވެލްތު ލީޑާސް އިވެންޓު ބާއްވަނީ ކޮމަންވެލްތު ޗާޓަރުގައި ސޮއިކުރިތާ 10 އަހަރު ފުރޭ މުނާސަބާ ފާހަގަކުރުމާއި ކޮމަންވެލްތުގެ އިޔާ އޮފް ޔޫތް އަދި ކޮމަންވެލްތު އިޔާ އޮފް ޕީސް އަދި ވަކިން ހާއްސަގޮތެއްގައި ކޮމަންވެލްތުގެ އާވެރިޔާ ތަހުތުގައި ވެޑުވުމުގެ ރަސްމިއްޔާތާއި ވެސް މުނާސަބުވާ ގޮތަށް ކަމަށެވެ.

މިފަހަރުގެ ކޮމަންވެލްތު ލީޑާސް އިވެންޓާއެކު ކޮމަންވެލްތުގެ ލީޑަރުންނަށް، ހިޒް މެޖިސްޓީ ޗާލްސް ތިން ވަނަ އިނގިރޭސި ތަހުތުގައި ވެޑުވުމުގެ ރަސްމިއްޔާތުގެ ކުރިން އަދި ކޮމަންވެލްތުގެ އާލީޑަރެއްގެ ހައިސިއްޔަތުން އެމަނިކުފާނާއި ބައްދަލުވެވަޑައިގެން މަރުހަބާ ވިދާޅުވުމަށް ފުރުސަތު ލިބިވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނީ، މި އިވެންޓުގައި ކޮމަންވެލްތުގެ ލީޑަރުން ކޮމަންވެލްތުގެ ގައުމުތަކުން ހިފަހައްޓާ ހަމަތަކާ ބެހޭގޮތުންނާއި ކޮމަންވެލްތުގެ މުސްތަގްބަލާއި ބެހޭގޮތުން ވާހަކަ ދެއްކި ކަމަށާއި ސުލްހައާއި ދެމެހެއްޓެނިވި ތަރައްގީ ފަދަ ކަންކަމުގައި ކޮމަންވެލްތުގެ ޗާޓަރު ކުރިއަށް ގެންދިއުމުގައި ކޮމަންވެލްތުގެ ޒުވާނުންނަށް އޮތް ފުރުސަތުތަކާ ބެހޭގޮތުން މި އިވެންޓުގެ މަޝްވަރާތަކުގައި އަލިއަޅުވާލި ކަމަށެވެ.

މި އިވެންޓަށްފަހު ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންނާއި އިސްވެރިން ތަމްސީލުކުރާ މަންދޫބުން ވަނީ ހިޒް މެޖިސްޓީ ޗާލްސް ތިންވަނަ އާއެކު ރަސްމީފޮޓޯ ނެފުމުގައި ބައިވެރިވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މާދަމާ ވެސްޓްމިންސްޓާ އެބީގައި ބާއްވާ އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް 3 ވަނަ، ރަސްކަމުގެ ތަހުތުގައިވެޑުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު މިހާރު ހުންނެވީ އިނގިރޭސިވިލާތުގައެވެ.