އެންމެ ފަހުން މަސައްކަތުގައި ގޯހެއް ހެދުނީ ކޮން އިރަކު ހެއްޔެވެ؟ ފަހަރެއްގައި ހަމައެކަނި އެކަކަށް ފޮނުވަން އުޅުނު އީމެއިލަކަށް ކުއްލިއަކަށް "ރިޕްލައި އޯލް" ޖެހުނީ، ނުވަތަ މެއިލް އެއް ކުރި އިރު އިބާރާތުގެ ކުށެއް ޖެހި، ނުވަތަ ކަލަންޑަރުގައި ގޯހެއް އޮތުމުން ޑެޑްލައިނެއް ގެއްލުނުހެއްޔެވެ.
މިއީ ކޮންމެ މީހަކަށް ވެސް ދިމާވެދާނެ ކަމެއް ނަމަވެސް ދެން އޮތް ސުވާލަކީ އެކަމާ މެދު ކަންތައް ކުރާނީ ކިހިނެތް ހެއްޔެވެ؟ އޭގެ ފަހުން ހަފުތާތަކެއް ވަންދެން ރޭގަނޑުގެ މެދުތެރޭގައި ތިބާއަށް ހެދުނު ގޯސްތަކާ މެދު ވިސްނަން އޮންނާނީ ހެއްޔެވެ؟ ބޮސް ގުޅާ ކޮންމެ ފަހަރަކު ތިބާ ވަޒީފާއިން ވަކިކުރަނީ ކަމަށް ހީކުރާނީ ހެއްޔެވެ؟ އެހެން ގޮތަކަށް ބުނާ ނަމަ، ވޯކް-އެންޒައިޓީއާ ކުރިމަތިލާނީ ކިހިނެއް ހެއްޔެވެ؟
އެކަމާ ކުރިމަތިލުމަށްޓަކައި އެންޒައިޓީ އަކީ ކޮބައިކަން އެނގެން ޖެހޭނެއެވެ.
އެމެރިކަން ސައިކޮލޮޖިކަލް އެސޯސިއޭޝަންގެ އެޕްލައިޑް ސައިކޮލޮޖީގެ ސީނިއާ ޑައިރެކްޓަރު ޖޭޑީ ޑެނިސް ސްޓޯލް ބުނިގޮތުގައި އެންޒައިޓީއަކީ ބިރުވެރިކަމާއި ކަންބޮޑުވުމެއް އިހުސާސްވާ އިހުސާސެއް ކަމަށާއި، އެ އިހުސާސް ސީރިއަސް ވެއްޖެނަމަ ލޭގެ ޕްރެޝަރު އިތުރުވުން ފަދަ ޖިސްމާނީ ކަންތައްތައްވެސް ކުރިމަތިވެދާނެއެވެ. އެންޒައިޓީގެ އިހުސާސްތަކާއި ކްލިނިކަލް އެންޒައިޓީ ވަކިކުރުމަކީ ވެސް މުހިންމު ކަމެއް ކަމަށް އޭނާ ބުންޏެވެ.
"ކޮންމެ ދުވަހަކު ދިމާވާ ކަންބޮޑުވުމާއި ސިއްހީ ގޮތުން ދެނެގަނެވޭ ވަރުގެ ކަންބޮޑުވުމުގައި ތަފާތެއް އެބަހުރި، އެ ތަފާތަކީ އިހުސާސްތަކުގެ ހަރުދަނާކަމާއި ސީރިއަސްކަމާއި ފުޅާކަން" ޓްރަސްޓް ޔޯސެލްފް: ސްޓޮޕް އޯވާތިންކިން އެންޑް ޗެނަލް ޔޯ އިމޯޝަންސް ފޯ ސަކްސެސް އެޓް ވޯކްގެ އެގްޒެކެޓިވް ކޯޗް އަދި ލިޔުންތެރިޔާ މެލޮޑީ ވައިލްޑިންބުންޏެވެ. "ދެ މަސް ދުވަސް ނުވަތަ އެއަށް ވުރެ ގިނަ ދުވަސް ވަންދެން މިކަން ހިނގަމުން އަންނަ ނަމަ، ދިރިއުޅުމުގެ އެކި ދާއިރާތަކަށް މިކަން ދެމިއޮވެދާނެ. އަދި ކޮންމެ ދުވަހަކު ކުރަން ޖެހޭ ކަންކަން ކުރުމުގެ ގާބިލުކަމަށް ހުރަސް އެޅި ނުވަތަ ޕެނިކް އެޓޭކް ފަދަ ސީރިއަސް އަލާމާތްތައް ފެނިއްޖެ ނަމަ، އެހާ ހިސާބުން އިތުރު އެހީތެރިކަން ހޯދަންވާނެ."
އެންމެ ފުރަތަމަ އެ އިހުސާސް ތައް އުފެދެން ފެށުމުން ވެދާނެ އެންމެ ގޯސް ކަމަކާ މެދު ނުވިސްނުމަށް މަސައްކަތް ކުރާށެވެ. "މިހާ ހިސާބުން އަހަރެންގެ ޒަމާން މިދިޔައީ، ވަޒީފާ ގެއްލޭނެ" ފަދަ ވިސްނުންތަކަށް ދިއުމަކީ ފަސޭހަ ކަމެއް ނަމަވެސް އޭގެ ބަދަލުގައި އޯގާތެރިކަމާއެކު އަމިއްލަ ނަފްސަށް ވިސްނަދޭން މަސައްކަތް ކުރާށެވެ. އަމިއްލަ ނަފްސަށް ބުނެބަލަ: "ކޮންމެ މީހަކަށްވެސް ކުށްތައް ކުރެވޭނެ. މިއަދު އަހަންނަށް މި ކުށެއް ކުރެވުނީ. އަހަންނަށް މިކަމާ ކުރިމަތިލެވޭނެ. މީގެ ކުރިން ވެސް އުނދަގޫ ކަންތައްތަކާ ވަނީ ކުރިމަތިލާ އެކަމުން އަރައިގަނެފައި."
މަސައްކަތާ ގުޅުންހުރި އެންޒައިޓީގެ ޝިކާރައަކަށްވެފައިވާ އޭނާގެ ކްލައިންޓުންނަށް ވިލްޑިން ލަފާ ދެނީ، ދިރިއުޅުމުގައި ހެދިފައިވާ ތިން ކުށެއް ނުވަތަ އުނދަގޫ ހާލަތްތަކުން އަރައިގަނެފައިވާ ތިން ކަމެއް ލިސްޓުކުރުމަށެވެ. އެކަންތައްތަކުން އަރައިގަނެފައިވާކަން އަމިއްލަ ނަފްސަށް ވިސްނާދިނުމުން، އިތުރު ކަންތައްތަކާވެސް ކުރިމަތިލުމުގެ ހިތްވަރު އާވެގެންދާނެ ކަމަށް ވިލްޑިން ބުންޏެވެ. ތިމާގެ ކަންބޮޑުވުން އަންނަނީ ކޮންތަނަކުންތޯ އަމިއްލަ ނަފްސާ ސުވާލުކުރަން ވެސް ރަނގަޅު ކަމަށް އޭނާ ބުންޏެވެ. އިހުސާސްތަކުގެ އަސްލަކީ ހަގީގަތުގެ މައްޗަށް ބިނާވެފައި އޮތް އެއްޗެއް ހެއްޔެވެ؟ ނޫނީ އެއީ ހަމައެކަނި އަމިއްލަ މީހާ ވިސްނާ ގޯސް ވިސްނުންހެއްޔެވެ؟
ދެވަނަ ކަމަކަށް، ކުށެއްގެ ސަބަބުން ކަންބޮޑުވުމެއް އިހުސާސްވާނަމަ، އަމިއްލަ ނަފްސު އެކަހެރި ނުކުރާށެވެ. ކުރެވުނު ކުށަށް ޒިންމާ ނަގައި، މުއާމަލާތް ކުރާށެވެ. ތިބާގެ ކުންފުންޏަކީ ތިބާގެ އިހުސާސްތައް ފާޅުކަން ބޮޑު ގޮތެއްގައި ހިއްސާކުރެވޭ ފަދަ ސަގާފަތެއް އޮންނަ ކުންފުންޏެއް ނަމަ އެގޮތަށް ކަންތައް ކުރުމަކީވެސް ކުރެވިދާނެ ކަމެކެވެ. އެކަހެރިވާން ބޭނުންވުމަކީ ވަރަށް ހިތްގައިމު ކަމެއް ނަމަވެސް މަސައްކަތުގެ މާހައުލުގައި ދިމާވާ ކަންތައްތަކާ މެދު މާ ބޮޑަށް ވިސްނާނަމަ ތިމާގެ ހާލު އިތުރަށް ގޯސްވެދާނެއެވެ.
މިފަދައިން ދިމާވާ ކަންތައްތަކާ މާ ބޮޑަށް ފިކުރުބޮޑުވާނަމަ، މުސްތަގުބަލުގައި އެކަމުން ސަލާމަތްވުމަށްޓަކައި ބޮޑެތި ފިޔަވަޅުތައް ވެސް އެޅިދާނެއެވެ. ބައެއް މީހުންނަކީ މައިންޑްފުލްނެސް މެޑިޓޭޝަންގެ އާދައަށް ލޯބިކުރާ މީހުންނެވެ. އެ ކަސްރަތުތަކުން ތިމާގެ އިހުސާސްތައް ދެނެގަތުމުގެ އުކުޅުތައް ދަސްކުރެވޭނެއެވެ. މެޑިޓޭޝަންއަށް ހާއްސަ ވަރަށް ގިނަ އެޕްލިކޭޝަންތައްވެސް ހުރެއެވެ. މެޑިޓޭޝަން ފާހަގަވެފައިވަނީ ހަލަބޮލިކަމާއި އުދާސްކަމުގެ އިހުސާސްތަކުން އެކަހެރިވެ، ހިތް ހަމަޖެހުމުގެ އިހުސާސް ގެނުވައިދޭ ކަސްރަތެއް ގޮތަށެވެ.
އަމިއްލަ މީހައާ ވާހަކަ ދެއްކުމަކީވެސް އެންޒައިޓީއަށް އެހީވެދޭކަމެކެވެ. އެއް ކަމަކީ "އަހަރެން ކަންބޮޑުވޭ" ބުނުމުގެ ބަދަލުގައި "އަހަންނަށް މި ތަޖުރިބާ ކުރެވެނީ އެންޒައިޓީ" ނުވަތަ "މި ހާލަތާ މެދު އަހަރެން ކަންބޮޑުވޭ" މިހެން ބުނުމެވެ. ތަފާތަކީ ލޭބަލެއްގެ ގޮތުގައި އެންޒައިޓީ ބެލުމުގެ ބަދަލުގައި އެއީ ވަގުތީ ތަޖުރިބާއެއްގެ ގޮތުގައި ދެކުމެވެ.
ކަންބޮޑުވުމުގެ ތެރެއިން މަސައްކަތް ކުރުމަށް އެހީތެރިވެދޭނެ ވަސީލަތްތައް ވެސް ތިބާ މަސައްކަތް ކުރާ ކުންފުނީގައި ހުރެދާނެއެވެ. ފަރުދީ ފެންވަރުގައި މީހަކާ އެކު މަސައްކަތް ކުރުމުން ތިމާގެ ސްޓްރެޓެޖީތައް ކުރިއެރުވުމަށް މަގުފަހިވެގެންދާނެ ކަމަށާއި މަސައްކަތުގެ މާހައުލަށްވެސް އިތުރު ހޭލުންތެރިކަން އުފެދުމަށް މަގުފަހިވެގެންދާ ކަމަށް ތަޖުރިބާކާރުން ބުނެއެވެ. ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކުރުމުގެ ތަމްރީނުތައް އޮފީސްތަކުގައި ހިންގުމަކީވެސް އެންޒައިޓީ ތަޖުރިބަކުރާ މީހުންނަށް އެހީއަކަށް ވާނެއެވެ.
ވައިލްޑިން އޭނާގެ ކްލައިންޓުންނާއެކު ކުރާ އެއް ކަމަކީ އެމީހުންގެ ވަޒީފާގައި ދިމާވާ ރުޅިވެރިކަމުގެ ހުރިހާ ކަމެއް ލިޔުމުން އިހުސާސްކުރުމެވެ.
ރުޅިވެރިކަމަކީ އަމިއްލަ ނަފްސަށް ކެތް ނުކުރެވޭވަރު ވެފައިވާ ކަމުގެވަރަށް ވަރުގަދަ ނަފްސާނީ ސިގްނަލެކެވެ. "އެހެންކަމުން ކަންތައްތައް ތަހައްމަލުކުރަން ވަކި ހައްދެއް ކަނޑައެޅުމަކީ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމެއް. މަސައްކަތު މާހައުލުގައި ދިމާވާ ރުޅިއަންނަ ކަންތައްތަކުގެ ލިސްޓު މާ ދިގު ނަމަ، އެހެން ތަނަކުން ވަޒީފާއެއް ހޯދައިގެން ބަދަލުވުން މާ ރަނގަޅުވާނެ." ވައިލްޑިން ބުންޏެވެ.