ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކާއި ޝަކުވާތަކާ ގުޅޭ ގޮތުން އަޑު އުފުލައި އެކަންކަން ސިޓީއަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅައިފިއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން މިއަދު އެމްޖޭއޭއިން އިންތިޒާން ކުރި އެއްވުމެއް އާޓިފިޝަލް ބީޗްގައި ބޭއްވުމަށް ފަހު ނޫސްވެރިން ފާޅުކުރި ކަންބޮޑުވުންތައް ހިމެނޭ ސިޓީއެއް ރައީސް ސޯލިހަށް އެރުވުމަށްޓަކައި ނޫސްވެރިން ވަނީ ރައީސް އޮފީހަށް ގޮސްފައެވެ. އެ ސިޓީއާ ހަވާލުވެވަޑައިގަތީ ރައީސް އޮފީހުގެ ސެކްރެޓަރީ، ކޮމިއުނިކޭޝަންސް މުހައްމަދު ހިސާން އަލީ ފަހުމީއެވެ.

އެ ސިޓީގެ އިތުރުން އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ)ގެ ފަރާތުން މިއަދު ނެރުނު ރާއްޖެއާ ގުޅޭ ރިޕޯޓް އެމްޖޭއޭގެ ފަރާތުން ރައީސް އޮފީހަށް ވަނީ ހަވާލުކޮށްފައެވެ. މި ރިޕޯޓުގައި ވޭތުވެދިޔަ އަހަރުގެ ތެރޭގައި ނޫސްވެރިންނަށް ދިމާވި ގޮންޖެހުންތައް ތަފްސީލު ގޮތެއްގައި ފާހަގަކޮށްފައި ވެއެވެ.

އެކި މީޑިއާތަކުން ނޫސްވެރިން މިއަދު ބޭއްވި އެއްވުމުގައި ބައިވެރިވެފައި ވާއިރު ނޫސްވެރިންގެ އަޑު އުފުލި މައިގަނޑު ކަންބޮޑުވުމަކީ މިހާރު ރައްޔިތުންގެ މަޖިލީހުގައި ތާށިވެފައި އޮތް ހެއްކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފާސްނުކޮށް ލަސްކުރަމުންދާ މައްސަލައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ މަރުހަލާގައި އޮތް ހާރިޖީ މަސްލަހަތާ ގުޅޭ ބިލުން ނޫސްވެރިން އިސްތިސްނާ ކުރުމަށް ނޫސްވެރިން ގޮވާލާފައި ވެއެވެ.

މީގެ އިތުރުން މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބާ ދިމާކޮށް އެކި ގޮތްގޮތުން ނޫސްވެރިކަމަށް ހުރަސްއެޅޭ ގޮތަށް ކުރަމުންދާ ކަންކަން ހުއްޓާލުމަށް ވެސް ނޫސްވެރިން ވަނީ ގޮވާލާފައެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ، 13 ދަރަޖަ ދަށަށް ގޮސްފައި ވާއިރު އެކަމުގެ ކަންބޮޑުވުންތަކުގެ އިތުރުން ނޫސްވެރިންނަށް ލިބެމުންދާ އިންޒާރުތަކާ ގުޅޭ މައްސަލަތައް އެއްވެސް ގޮތަކަށް ބެލިފައި ނުވުމާއި އެކަށީގެންވާ އެއްވެސް ފިޔަވަޅެއް މިހާތަނަށް އެޅިފައިނުވާ މައްސަލައިގައި ވެސް ނޫސްވެރިން ވަނީ އަޑު އުފުލާފައެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން އެމްޖޭއޭ އާއި މޯލްޑިވްސް މީޑިއާ ކައުންސިލް އަދި ބްރޮޑްކާސްޓިން ކޮމިޝަން ގުޅިގެން "ނޫސްވެރިންގެ ސައްލާ"ގެ ނަމުގައި ޕެނަލް ޑިސްކަޝަން ހަރަކާތެއް ވެސް މިއަދާއި މިރޭ ވަނީ ބާއްވާފައެވެ.