ކޮންމެ މީހަކުވެސް ދިރިއުޅުމަށްޓަކައި ދެކެމުންދާ ހުވަފެންތަކެއް ވެއެވެ. އެ ހުވަފެންތަކުގައި ހަގީގީ ކުލަ ޖެއްސުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރެއެވެ. ކޮންމެ މީހަކުވެސް މަސައްކަތް ކުރަމުން ދަނީ އެމީހެއްގެ ދިރިއުޅުމުގެ ތަސްވީރު ރީތިކުރެވޭތޯއެވެ.
އައްޑޫ ސިޓީ މީދޫއަށް އުފަން ލައިސާ މުހުތާރުއަކީވެސް މިފަދަ ފޮނި ހުވަފެންތަކާއެކު، އޭނާ ކުރަހާ ކޮންމެ ތަސްވީރަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށް މަސައްކަތްކޮށް އެކަން ކާމިޔާބު ކުރަމުންދާ ޒުވާނެކެވެ. އަބަދުވެސް ކުރެހުމަށް ހިތް ދޫވެފައިވާ ލައިސާ ޕްރީ ސްކޫލުގައި އުޅުނު އިރުވެސް ކްރޭއޮން އަދި ފެންކުލަ ބޭނުންކޮށްގެން އޭނާގެ ހުނަރު ދައްކާލިއެވެ. "އޭރު ކުރަހަމުން ދިޔައީ ސަންސެޓް އަދި އެކިއެކި ގުދުރަތީ މަންޒަރުތައް. ފްރީސްކޫލް ނިންމުމަށްފަހު ދެން ސެކަންޑްރީ ސްކޫލަށް ބަދަލުވުމާއެކު ކުރެހުމާ ދުރަށް ދިޔައީ. އޭރު ކުރަހަނީ ސްކޫލްގައި އާޓް ގަޑީގައި ކުރަހާ އެއްޗެއް އެކަނި" ލައިސާ ބުންޏެވެ.
އެހެންނަމަވެސް ގްރޭޑް 6 ގައި އުޅެނިކޮށް އަނެއްކާވެސް އޭނާގެ ޝައުގު އަތުލީ ކުރެހުމެވެ. އެހެންނަމަވެސް ސަންސެޓާއި އެކި ކަހަލަ ގުދުރަތީ މަންޒަރެއް ނޫނެވެ. މި ފަހަރު އޭނާގެ ޝައުގު އަތުލީ އެނިމޭ ކެރެކްޓާސްއެވެ. "ސްކޫލްގައި އެހެން ކުއްޖަކު އެނިމޭ ކެރެކްޓާސް ކުރަހާތަން ފެނުމުން އަނެއްކާ ބޭނުންވީ ކުރެހުމައިގެން ކުރިއަށް ދާން" ލައިސާ ކިޔާދިނެވެ. އޭރު އޭނާ ކުރަހަމުން ދިޔައީ ކުލަފަންސުރު އަދި ގަލަން ބޭނުން ކޮށްގެންނެވެ. އެހެންނަމަވެސް މިހާރު ޑިޖިޓަލްކޮށް ކުރަހަމުންދާ ލައިސާ ބޭނުންވަނީ ޕްރޮފެޝަނަލް ސޮފްޓްވެއާ ބޭނުން ކޮށްގެން އޭނާގެ ކުރެހުންތަކަށް އިތުރު ފުރިހަމަކަމެއް ގެންނާށެވެ. "އެހެން އެއްޗެހިވެސް ކުރަހަން. އެކަމަކު ބޮޑަށް ޝައުގުވެރި ވަނީ ކެރެކްޓާސް ތައް ކުރަހަން." ލައިސާ ބުންޏެވެ.
އާއިލާގެ މެންބަރުންގެ ފޯނާ ލެޕްޓޮޕް ބޭނުން ކޮށްގެން ޑިޖިޓަލް އާޓްސްގެ ދުނިޔެއަށް ނިކުތް ލައިސާ އެންމެ ފުރަތަމަ ކުރެހީ ޔޫޓިއުބް ސްޕީޑް ޕެއިންޓުގައި މީހުން ކުރަހާފައިވާ ކުރެހުންތައް ބަލައިގެންނެވެ. އެހެންނަމަވެސް މިހާރު ބޭނުންވާ ސްޓައިލަކަށް އަމިއްލަ ކެރެކްޓާތަށް ކުރަހާލުމުގައިވެސް އެއްވެސް އުނދަގޫކަމެއް ނެތްކަން ލައިސާވަނީ ފާހަގަ ކޮށްފައެވެ.
ޑިޖިޓަލް އާޓްސް އަކީ ރާއްޖޭގައި އަދި އެހާ އާންމު ދާއިރާއެއް ނޫންކަން ފާހަގަކޮށް ލައިސާ ބުނީ ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ މި ސްޓައިލްގެ ކުރެހުންތަކަށް ރާއްޖޭގައި އެއްވެސް ކޮމިޝަނެއް ނުލިބުން ކަމަށެވެ. "ރާއްޖޭގައި އަދިވެސް މިކަހަލަ އާޓް މަސައްކަތަކީ އެހާ އަގުހުރި މަސައްކަތެއްގެ ގޮތުގައި ބަލައި ނުގަނޭ. ރާއްޖޭގައި ޕޭޕަލް އިން އިންޓަނޭޝަނަލް ޓްރޭންސެކްޝަން ހެދޭނަމަ މިއީ ބައިވަރު ލާރި ލިބޭނެ މަސައްކަތެއް" ލައިސާ ބުންޏެވެ.
މި ދާއިރާއިން ކުރިއަށް ދިއުމަށް ދިމާވާ ގޮންޖެހުންތަކާ އެކުވެސް ލައިސާގެ ހިތްވަރަކަށް ބަދަލެއް ނާދެއެވެ. "މިހާރު މި ހަދާ ގޮތަކީ ޑިޖިޓަލްކޮށް ކެރެކްޓާ އިލަސްޓްރޭޝަނަށް ޕޭމަންޓް މި ހޯދަނީ ގިފްޓް ކާޑުން. ނުވަތަ ލައިސާ ކުޅޭ ގޭމަކަށް އަޅާ ކަރަންސީގެ ގޮތަށް، ރާއްޖޭގައި ބޭރުގެ ފައިސާ ބަލައިގަންނާނެ އެއްވެސް ފަސޭހަ ގޮތެއް ނެތުމުން ވަރަށް އުނދަގޫވޭ. "ލައިސާ ބުންޏެވެ.
ލައިސާގެ އުއްމީދަކީ ކުރިއަށް އޮތް މުސްތަގުބަލުގައި މިކަން ހައްލުވެގެން ދިޔުމެވެ. "މި ދާއިރާގައި ދެކޭ ވަރަށް ގިނަ ހުވަފެންތައް އެބަހުރި. ބޭނުންވޭ ޓްރެޑިޝަނަލް ކުރެހުންތައް ނުވަތަ ކެންވާސް ތައްޔާރުކޮށް ވިއްކުމުގެ މަސައްކަތްވެސް ކުރަން." ލައިސާ ބުންޏެވެ.