މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ތ. ހިރިލަންދޫގައި ހިންގި މާރާމާރީގެ މައްސަލައިގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައި އަނެކަކުގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

އެރޭ 10 ޖަހާކަށް ހާއިރު އެ ރަށުގެ ގެއެއްގެ ތެރެއަށް އެރަށުގެ ވަދެ ވަނީ މާރާމާރީ ހިންގާފައެވެ. މި މައްސަލައިގައި އެ ރަށުން ހައްޔަރު ކުރީ 36 އަހަރާއި 32 އަހަރުގެ މީހެކެވެ.

ފުލުހުން ބުނީ، އެ ދެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ތ. ކަނޑުދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށްފައި ވާ ކަމަށާއި އެ ދެމީހުންގެ ތެރެއިން އުމުރުން 32 އަހަރުގެ މީހާ ކޯޓުން ވަނީ ދޫކޮށްލާފައި ކަމަށެވެ. ނަމަވެސް އުމުރުން 36 އަހަރުގެ މީހާގެ ބަންދަށް އެ ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހާފައި ކަމަށް ފުލުހުން ބުނެއެވެ.

އެމީހުން ހައްޔަރު ކުރީ މާރާމާރީ ހިންގުމާއި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ރަށުގެ އަމަންއަމާންކަން ނަގާލަން މަސައްކަތް ކުރުމުން ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އެ ރަށުގެ ބަޔަކު ގެއަކަށް ވަދެ މާރާމާރީ ހިންގާފައި ވާ ކަމަށް އެ ރަށު މީހަކު މައުލޫމާތު ދެމުން ބުނެފައި ވަނީ، އެމީހާ އެ ރަށު އެހެން މީހަކު މަރާލާނެ ކަމަށް ބުނެ އިންޒާރު ދިނުމުން ކަމަށެވެ. މައްސަލަ ހޫނުވެގެން އެ ރަށަށް ތ. ވޭމަންޑޫ ފުލުހުން ދިޔައވެ. ނަމަވެސް އެރޭ މެންދަމު 2 އާއި 4 އާ ދެމެދުގެ ވަގުތެއްގައި މާރާމާރީ ހިންގި ގޭދޮށަށް މީހުން އެއްވެ ހަޅޭއްލަވައި އެގެއަށް ގާއުކާފައި ކަަމަށް ވެސް މައުލޫމާތު ލިބެއެވެ.

މިކަމާ ގުޅިގެން އެރަށު ކައުންސިލުން މައުލޫމާތު ދެމުން ބުނީ، އެ ރަށުގައި ވައްކަން ކުރުމާއި ޑްރަގްގެ މައްސަލަތައް ބޮޑުވެފައިވާ ކަމަށާއި ރަށުގެ ރައްޔިތުން ރޭގެ ވަގުތެއްގައި ގެއަކަށް ގޮސް މާރާމާރީ ހިންގާފައި ވަނީ އެފަދަ ކަންކަމާ އޮތް ހިތްހަމަނުޖެހުމެއްގައި ކަަމަށް ބެލެވޭ ކަމަށެވެ. މި ހާދިސާގައި މަސްތުވާތަކެތި ބޭނުން ކުރާ މީހެއް ކަމަށް ތުހުމަތު ކުރާ މީހާއަކީ އެ ރަށު މީހެއް ނޫން ކަމަށާއި މައްސަލަ ގޯސްވުމުން ތ. ވޭމަންޑޫއިން ފުލުހުން އައިސް އެމީހާ ގެންގޮސްފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.

އަނިޔާ ލިބުނު މީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ލިބިފައި ނުވި ނަމަވެސް އަނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ތުހުމަތު ކުރެވޭ މީހާ އެ ރަށުގައި ހުރި ގޭގެ ވެރި މީހާ އާއި އަދި އެ ރަށުގެ އިތުރު މީހެއް ކަމަށް މައުލޫމާތު ލިބެއެވެ.

މި ހާދިސާގައި އަނިޔާވެފައި ވަނީ އުމުރުން 49 އަހަރުގެ ފިރިހެނަކާއި 43 އަހަރުގެ ފިރިހެނަކަށް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި އެ ދެމީހުންނަށް އެ ރަށު ސިއްހީ މަރުކަޒޫން ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާ ދިނުމަށް ތ. ވޭމަންޑޫ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.