އިޒްރޭލުގެ ޖަލުގައި ހުރި 9 ކުދިންގެ ބައްޕަ، ހާދަރު އަދުނާން (45އ) 3 މަސް ވާންދެން ހައިހޫނުކަމުގެ ހަޅުތާލު ކުރަނިކޮށް މަރުވުމުން އިޒްރޭލުން ޒިންމާ ނަގަން ޖެހޭނެ ކަމަށް ބުނެ ހަމާސް އިން ހަމަލާ ދީފިއެވެ.

މީހަކަށް އަނިޔާ ނުވި ނަމަވެސް ހަމާސް އިން ވަނީ އިޒްރޭލުން ހިފާފައިވާ ސަރަހައްދުތަކަށް 10 ރޮކެޓެއް ފޮނުވާލާފައެވެ. ރައްދުގައި އިޒްރޭލުން ވަނީ ޣައްޒާ އަށް ހަމަލާދީފައެވެ. އެ ހަމަލާގެ މާބޮޑު ތަފްސީލުތަކެއް އަދި ނުލިބުނު ނަމަވެސް ޣައްޒާގެ އިރުމަތީ ބިތަށް ހަމަލާތައް އަމާޒުވި ކަމަށް ވަނީ ބުނެފައެވެ.

އަދުނާންގެ މަރުގެ މައްސަލަައިގައި ޕަލަސްތީނުން ހިތާމަފާޅު ކުރަމުން ގެންދާ އިރު ހިޒުބުއްލޯ އާއި އީރާނުން ވެސް ވަނީ އޭނާގެ މަރާ ގުޅިގެން ހަމްދަރުދީ ފާޅުކޮށްފައެވެ. އަދި އޭނާ އަކީ ޝަހީދެއް ކަމަށް ހަމާސްއިން ވަނީ ބުނެފައެވެ.

އަދްނާންގެ މަރާ ގުޅިގެން ފަލަސްތީނުގެ މަސްރަހު ހޫނުވެފައި ވާ އިރު، މަގުތަކުގައި މުޒާހަރާ ކުރުމައި އިޒްރޭލާ ދެކޮޅު ޝޫއޫރުތައް ދަނީ ގުގުމަމުންނެވެ. އަދި އޭނާގެ މަރުގެ ބަދަލު ވަރުދަގަޔަށް ހިފާނެ ކަމަށް ހަމާސް އިން ބުނު އިޒްރޭލަށް ވަނީ އިންޒާރު ދީފައެވެ.

އަދުނާނަކީ މީގެ ކުރިންވެސް އޭނާ ހައްރަކު ކުރި ފަހަރެއްގައި ހައިހޫނު ކަމުގެ ހަޅުތަލު 66 ދުވަހަށް ކޮށްފައި ވާ މީހެކެވެ. އޭނާގެ މަރުގެ ހަބަރު މިއަދު އާންމުވުމުގެ ކުރިން ހުސްވި ހަފްތާގައި އިޒްރޭލުގެ ހިއުމަންރައިޓްސް ޖަމާއަތެއްގެ ސިއްހީ އެހީތެރިން އޭނާއަށް ޒިޔާރަތް ކޮށް، ހާލަތު ގޯސް ކަމަށާއި އޭނާ ކޮންމެ ވަގުތަކުވެސް މަރުވެދާނެ ކަމަށް އިންޒާރު ދީ ވަގުތުން ހޮސްޕިޓަލަށް ގެންދިޔުމަށް ވެސް އޮތީ ގޮވާލާފައެވެ. ނަމަވެސް އިޒްރޭލުން އެކަން ނުކޮށް އޮއްވާ އޭނާ މަރުވުމުން ނުތަނަވަސް ވެފައިވާ މަޝްރަހް އިތުރަށް ގޯސްވާނެ ކަމަށް މުރާސިލުން ވަނީ ބުނެފައެވެ.

އޭނާގެ ހަށިގަނޑު މިއަދު އާއިލާއާ ހަވާލުކުރުމަށް ހަމަޖެހިފައި ވާ އިރު މި މައްސަލަގައި ފަލަސްތީނުގެ ބޮޑުވަޒީރު މުހައްމަދު ޝަތައްޔާހް ވިދާޅުވެފައި ވަނީ އިޒްރޭލުން އޭނާ ގަސްތުގައި މަރާލީ ކަމަށެވެ. އަދްނާނުގެ މަރާ ގުޅިގެން އޭނާގެ އަންހެނުން ރަންދާ ބުނެފައި ވަނީ އަދުނާންގެ މަރުގެ ބަދަލުގައި އެންމެ ރޮކެޓެއްވެސް ފޮނުވާލަން ނޭދޭ ކަމަށާއި އޭނާ އާއި އާއިލާއިންވެސް އެދެނީ އެގޮތް ކަމަށެވެ. އަދި އަދްނާނުގެ މަރާ ގުޅުވާ އެންމެ ލޭ ތިއްކެއްވެސް އޮހޮރެން ނޭދޭ ކަމަށް އަދްނާންވެސް އޭނާގެ ދުނިޔޭގައި ބުނެފައި ވާ ކަމަށް އަންހެނުން ވަނީ ބުނެފައެވެ. އޭގެ ބަދަލުގައި އާއިލާއިން އެދެނީ މަރުހަބާ ކިޔުން ކަމަށާއި އޭނާގެ ފިރިމީހާގެ މަރަކީ "ފަހުރެއް" ކަމަށެވެ.