ފަހުން ނަމަވެސް އިއްޔެ ފިތުރު އީދު ފާހަގަ ކުރަން ވައިޓްހައުސްގައި ބޭއްވި ހަފްލާއަށް ނިއު ޖާޒީގެ މުސްލިމް މޭޔަރު ވައިޓްހައުސް އަށް ނުވެއްދިއެވެ.
އެކި ޖަމާއަތްތަކުގެ މުސްލިމުންނާއި އެހެނިހެން ބައެއް ވެރިންނަށް ދައުވަތު ދީގެން އިއްޔެ ވައިޓް ހައުސްގައި ބޭއްވި ހަލްފާއަށް ނިއު ޖާޒީގެ މޭޔަރު މުހައްމަދު ހައިރުއްލޯ އަށް ވެސް އޮތީ ދައުވަތު ދީފައެވެ. އެ ދައުވަތު އޭނާ އަށް ދިނީ ނިއު ޖާޒީގެ ކައުންސިލް އޮން އެމެރިކަން އިސްލާމިކް ރިލޭޝަންސްއިން ލިސްޓް އެކުލަވާލައި އެ ސިޓީން އެ ހަފްލާފައި ބައިވެރިވާން ދާ މީހުންނާއެކު ވަޑައިގަތުމަށެވެ.
އެއާއެކު އޭނާވެސް ވައިޓް ހައުސްއަށް ވަޑައިގަތުމަށް އުޅުއްވަނިކޮށް ވައިޓްހައުސްގެ ގުޅާ، އޭނާ ވައްދަން ސީކްރެޓް ސާވިސް އިން ހުއްދަ ނުދިން ކަމަށް އެންގި ކަމަށް ބުނެއެވެ. ސަބަބެއް ހާމަ ނުކޮށް އޭނާއަށް އެކަން އެންގި އިރު އޭނާ އަކީ މީގެ ކުރިން ޑޮނާލްޑް ޓްރަމްޕްގެ ވެރިކަމުގައި، އެމެރިކާއަށް މުސްލިމުން އެތެރެވުމަށް ހުރަސް އަޅާ އެކައެޅި ސިޔާސަތާ ގުޅިގެން އޭރު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި ވާ ބޭފުޅެކެވެ.
އެކަމާ ގުޅިގެން ޖިއު ޖާޒީގެ އިސްލާމީ ޖަމާއަތުން ވަނީ އެފްބީއައި އިން ގެންގުޅޭ "ޓެރަރިސްޓް ސްކްރީނިން ޑާޓާ" ލިސްޓް ހުއްޓާލަން ގޮވާލާފައެވެ. އެ ލިސްޓުގައި ގިނަ އަދަދެއްގެ މުސްލިމުން ހިމެނޭތީ އެ ޖަމާއަތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އުމުރުން 47 އަހަރުގެ މޭޔަރު، މުހައްމަދު ހައުރުއްލޯ އަކީ ސީރިއާ އަށް އުފަން އެހެން ނަމަވެސް މިހާރު އެމެރިކާގެ ރައްޔިތެކެވެ. އޭނާ އެމެރިކާއަށް ބަދަލުވުމުގެ ކުރިން ސައުދީގައިވެސް ދިރިއުޅުއްވާފައިވެއެވެ. ތުރުކީ މީހަކާ ކައިވެނި ބައްލަވައިގަނެގެން އުޅުއްވާތީ ތުރުކީގައި އޭނާގެ އަނބިކަނބަލުންގެ އާއިލާވެސް އޮވެއެވެ.
ދާދިފަހުން 2019 ވަނަ އަހަރު އޭނާ ތުރުކީއަށް ވަޑައިގަތުމަށް ފަހު އެނބުރި އެމެރިކާއަށް ވަޑައިގެން ވަގުތު ޖޯން އެފް ކެނެޑީ އެއާޕޯޓުގައި 3 ގަޑި އިރު ހިފަހައްޓާ ސުވާލުކޮށްފައި ވެސް ވެއެވެ. އޭނާ ވިދާޅުވެފައި ވަނީ އޭރުވެސް އޮފިޝަލުން އޭނާ އާ ކުރި ސުވާލަކީ އެއްވެސް ޓެރަރިސްޓަކު ދެނެވަޑައިގަންނަވަންތޯއެވެ. މީގެ އިތުރުން އެހެން ދަތުރެއްގައި އާއިލާ އާއެކު ދަތުރު ކުރައްވަނިކޮށް އެމެރިކާ އާއި ކެނެޑާ ގުޅޭ ބޯޑަރުގައިވެސް އޭނާ ހިފަހައްޓާފައި ވެއެވެ. ހައިރުއްލޯ މީގެ ކުރިން 7 ފަހަރަކު އިންސާނީ އެހީ އާ އެކު ސީރިއާއަށް ދަތުރު ކުރައްވާފައިވެސް ވެއެވެ.
މި މައްސަލައިގައި ވައިޓްހައުސްގެ ސަލާމަތީ ފަރާތްތަކުން ކޮމެންޓެއް ކުރަން ދެކޮޅު ހަދާފައި ވާ އިރު، އެއީ ސީކްރެޓް ސާވިސްގެ ނިންމުމެއް ކަމަށް ވަނީ ބުނެފައެވެ.