ސިފައިންގެ ކޯސްޓްގާޑުން ބޭނުންކުރަމުން ދިޔަ އަސްކަރީ އުޅަނދު "ހުރަވީ"ގެ ބަދަލުގައި އިންޑިއާ ސަރުކާރުން ދިން އުޅަނދު ރަސްމީކޮށް މިއަދު ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި ހުޅުމާލޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އެ އުޅަނދު ހިދުމަތަށް ނެރެދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. އެ ރަސްމިއްޔާތުގައި އެ އުޅަނދު ދިފާއީ ވަޒީރު މާރިޔާ އަހްމަދު ދީދީ އާ ހަވާލުކޮށްދެއްވީ އިންޑިއާގެ ދިފާއީ ވަޒީރު ރަޖްނާތު ސިންހެވެ.

އާ "ހުރަވީ" އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ރައީސް އިށީނދެވަޑައިގެން، ކައިރީގައި ސީޑީއެފް ޝަމާލް (ކ) އަދި ދިފާއީ ވަޒީރު މާރިޔާ (ވ) / ފޮޓޯ: ރައީސް އޮފީސް

އޭގެ އިތުރުން، އެ ރަސްމިއްޔާތުގައި ވަނީ އިންޑިއާގެ ސަރުކާރުން ރާއްޖެ އަށް ހަދިޔާކުރި ލޭންޑިން ކްރާފްޓް ވެސް ރަސްމީކޮށް ހަވާލުކޮށްފައެވެ.

17 އަހަރު ވަންދެން ދިވެހި ސިފައިންގެ ކޯސްޓްގާޑުން ބޭނުންކުރަމުން ދިޔަ ހުރަވީގެ ބަދަލުގައި އިންޑިއާގެ ސަރުކާރުން ހަދިޔާކުރި އުޅަނދުގެ ނަމަކަށް ކިޔާފައި ވަނީ ވެސް "ހުރަވީ" އެވެ. ވުމާ އެކު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އިންޑިއާ ސަރުކާރުން ހަދިޔާކުރި ހުރަވީ ބޯޓު ބޭނުންކުރުން ވަނީ ހުއްޓާލައިފައެވެ.

އިންޑިއާ އިން ރާއްޖެ އަށް އަލަށް ހަދިޔާކުރާ އުޅަނދު ގެނައީ މިދިޔަ މަހުގެ 15 ގައެވެ. އެ އުޅަނދު މާލެ އަށް ގެނައުމުގައި ހަރަކާތްތެރިވި އިންޑިއާ ސިފައިން ވަނީ އެ އުޅަނދުގައި މަސައްކަތް ކުރާނެ ދިވެހި ސިފައިން ތަމްރީނުކުރުމަށް ދެ ހަފްތާގެ ޕްރޮގްރާމެއް ވެސް ހިންގައިފައެވެ.

ހުރަވީގެ ބަދަލުގައި އިންޑިއާ އިން ހަދިޔާކޮށް، މިއަދު ރަސްމީކޮށް ބޭނުންކުރަން ފެށި މި އުޅަނދަކީ ހުރަވީ އަށް ވުރެ ބޮޑު، އަދި ގާބިލް، ފަހުގެ އުޅަނދެއް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.