ސިނަމާލެ ބްރިޖްމަތިން ކަނޑަށް ފުންމާލި މީހަކު ސަލާމަތްކޮށް، ފަރުވާ ދޭން ފަށައިފިއެވެ.

ބްރިޖު މަތިން ކަނޑަށް ފުންމާލާފައިވަނީ އުމުރުން 41 އަހަރުގެ ފިރިހެނެކެވެ. އޭނާ ސަލާމަތްކޮށްފައިވަނީ އެ ވަގުތު އެ ސަރަހައްދުން ދަތުރުކުރަމުން ދިޔަ ލޯންޗަކުންނެވެ. ކަނޑުމަތިން އޭނާ ސަލާމަތްކޮށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނައިރު އަދި އިތުރު ތަފްސީލް މިވަގުތު ހިއްސާ ކުރެވެން ނެތް ކަމަށް އެ ހޮސްޕިޓަލުންވަނީ ބުނެފައެވެ.

ފުލުހުން ބުރީ ބްރިޖުން މީހަކު ކަނޑަށް ފުންމާލި ކަމުގެ ރިޕޯޓް މިއަދު ހެނދުނު 8:44 ހާއިރު ލިބިފައިވާ ކަމަށެވެ. އަދި އެ ހާދިސާ ހިނގުމަށް މެދުވެރިވި ސަބަބު ބަލަމުން އަންނަކަމަށް ފުލުހުން ވަނި ބުނެފައެވެ.

ފަހަކަށް އައިސް ބްރިޖު މަތިން ކަނޑަށް ފުންމާލާ މައްސަލަ އިތުރުވަމުން އަންނައިރު ދާދި ފަހުން ބިދޭސީއަކުވެސް ވަނި ބްރިޖު މަތިން ކަނޑަށް ފުންމާލަން މަސައްކަތްކޮށްފައެވެ.