ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ ބާރު ހިނގާ މުވައްސަސާއެއްގެ ބެލުމުގެ ދަށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުންނެވުމަކީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއްކަމުގައި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝީޔާމް ވިދާޅުވެއްޖެއެވެ.

މީގެ 8 އަހަރު ކުރިން 1 މެއި 2015ގައި އޭރުގެ ސަރުކާރާ ދެކޮޅަށް ކުރިއަށް ގެންދިޔަ މުޒާހަރާގައި ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރާއި އަދި ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހްމަދު ރިޟްވާނު ގެއްލުވައިލުމުގެ ހަގީގަތް ރައީސް އަބްދުﷲ ޔާމީންއަށް އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ އިމްރާން ދެއްކެވި ވާހަކަތަކާ ގުޅިގެން އޭނާއަށް ވަރަށް ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒު ވެފައެވެ.

ރައީސް ޔާމީންގެ ސަރުކާރު ބަދަލުވެ ހޯމް މިނިސްޓަރުގެ މަގާމާ އިމްރާން ހަވާލުވެ ވަޑައިގަތުމާއެކު ގިނަ ބަޔަކު ވަނީ ރައީސް ޔާމީން އާ ދެކޮޅަށް ހެކި ހުށަހެޅުމަށް ގޮވާލާފައެވެ. އޭރު ރައީސް ޔާމީން އާ ދެކޮޅަށް އިމްރާން އަތްޕުޅުގައި ހެކި ހުރިކަމަށް ވިދާޅުވި ނަމަވެސް، ފަހުން އިމްރާން ވަނީ ފުލުހުން އެ ހެކިތައް އޭނާ އަތުޕުޅުން ހޯދާފައި ވާކަަމަށް ވިދާޅުވެފައެވެ.

'މެއި ޑޭ' ގެ މުޒާހަރާގެ ހަނދާން އާކޮށް އިމްރާންއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކާ ގުޅިގެން އޭނާ ވަނީ ރައީސް ޔާމީނުގެ ޖައްބާރުކަމުން ދިވެހިން ސަލާމަތް ކުރެވުނީ މޭ ޑޭގައި ދިވެހިން ދެއްކި އެއްބައިވަންތަކަމާއި ކުރި ހިތްވަރުގެ މައްޗަށް ބިނާކުރެވުނު މަސައްކަތުން ކަމަށެވެ. އަދި އަނިޔާވެރިންނާއި އަނިޔާއަށް ތާއީދުކުރާ މީހުންނަށް ޤަބޫލު ނުކުރެވުނަސް މޭޑޭ މުޒާހަރާއަކީ ރާއްޖޭގެ ތާރީހު ބަދަލުކޮށްލި މުޒާހަރާއެއް ކަމަށްވެސް އިމްރާނު ވިދާޅުވިއެވެ.

ރައީސް ޔާމީންއަށް ނިސްބަތްކޮށް އިމްރާން ކުރެއްވި ޓުވިޓާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި ޝިޔާމް ވިދާޅުވީ އިމްރާންގެ ބަސްމަގު ހުރި ގޮތުން ރައީސް ޔާމީންއަށް ކޮންމެ ފަދަކަމެއްވެސް ކޮށްފާނެ ކަމަށެވެ. "މަގާމު ހޯދާށާ މަގާމު ދިފާއުކުރުމަށް ހަމަކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ. މީނާގެ ބާރުހިނގާ މުއައްސަސާއެއްގެ ބެލުމުގެ ދަށުގައި ރައީސް ޔާމީން ދަޢުލަތުން ބެހެއްޓުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާކަމެއް" ޝިޔާމް ވިދާޅުވިއެވެ.