ބައެއް ގައުމުތަކުގައި "ލިވް އިން ޕާޓްނާ" ނުވަތަ ނީނދެ އެކުގައި އުޅުމަކީ ހުއްދަ ކަމެކެވެ. ދެމީހުން އެއްތަނެއްގައި ނިދާ ކައިބޮއެ ހެދުންވެސް އެ އުސޫލުން ހުއްދައެވެ.
އަންބަކު ހުންނަ އިންޑިއާގެ ހޮޓަލެއްގެ މެނޭޖަރަކު ނީނދެ އިންނާނަމޭ ކިޔައިގެން އަންހެނަކު ގޮވައިގެން 11 މަސް ވާންދެން އުޅުމަށް ފަހު އޭނާ ދޫކޮށްލި މައްސަލައެއް ނިންމަމުން އެއީ އުޅުވާލުން ނޫން ކަމަށް ކަލްކަޓާގެ ކޯޓަކުން ނިންމައިފިއެވެ.
ދަށު ކޯޓެއްގެ ނިންމުން ބާތިލު ކުރަމުން ކަލްކަޓާގެ ކޯޓުން ބުނީ، އަންބަކު ހުންނަކަން ބައިވެރިޔާ އަށް ހާމަކޮށްދީ ނުވަތަ ބައިވެރިޔާގެ ގާތުގައި ބުނުމަށް ފަހު އެކުގައި އުޅުމަކީ ބައިވެރިޔާ އަށް އޮޅުވާލުން ނޫން ކަމަށެވެ. ދަށު ކޯޓަކުން އެ މޭނޭޖަރުގެ މައްޗަށް ކުށް ސާބިތުވީ އޭނާ މީހަކާ އިނދެގެން ހުރެ އިންނާނަމޭ ކިޔާ އެހެން އަންހެނަކު ގޮވައިގެން އުޅުމަށް ފަހު އޭނާ ދޫކޮށްލުމަކީ ކުށެއް ކަމަށެވެ.
މަތީ ކޯޓުން ބުނީ، އެހެނަސް ނީންނަ ކަމަށް ނުވަތަ އަންބަކެ ނެތް ކަމަށް ބުނެ ފޮގު ހަދާ އޮޅުވާލުމަކީ ކުށެއް ކަމަށާއި އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ނުވަތަ އިންޑިއަން ޕީނަލް ކޯޑުގެ ސެކްޝަން 415 އަށް ފެތޭނެ ކަމެއް ކަމަށެވެ.
2014 އިން ފެށިގެން ހިނގަމުން އައި އެ މައްސަލަ ނިންމަމުން ފަނޑިޔާރުން ބުނީ، އެ ފިރިހެން މީހާ އިންނާނެ ކަމަށް ބުނި ނަމަވެސް އެއީ އޭނާގެ އަނބިމީހާ ނުވަތަ ކޯޓުގެ ހުއްދަ ނެތި އަމިއްލައަށް ނިންމޭނެ ކަމެއް ނޫން ކަމަށެވެ.
އިސްލާމް ދީނުގައި ހިލޭ އަންހެނުން ގެންގުޅުމަކީ ހުއްދަ ކަމެއް ނޫނެވެ. ނަމަވެސް ހުޅަނގުގެ ނުފޫޒު ވަދެފައި އޮންނަ ބައެއް ބައެއް އިސްލާމީ މުޖުތަމައުތަކުގެ ތެރޭގައި މިފަދަ ކަންކަން ކުރެއެވެ.
އިންޑިއާގައި މިގޮތަށް ނީނދެ ބައިވެރިޔާ އާ އެކު ދިރިއުޅެމުން ދިޔަ 3 ޖޯޑެއްގެ "ލަވް ސްޓޯރީ" ގެ ނިމުން އައިގޮތް ދާދިފަހުން ވަނީ މީޑިއާތަކަށް ވެސް ތިލަވެފައެވެ. އެ 3 ހާދިސާގައި ދިރިއުޅުން ނިމިގެން ދިޔައީ މަރުތަކަކުންނެވެ.