ޔުނިވާސަލް ސްޓޫޑިއޯއިން މަޝްހޫރު ނިންޓެންޑޯ ގޭމަށް ހެދި އެނިމޭޓަޑް ފިލްމު "ދަ ސުޕާ މާރިއޯ ބްރޯސް. މޫވީ" އަށް ބޮކްސް އޮފީހުގައި ބިލިއަނަކަށް ވުރެ ގިނަ ޑޮލަރުގެ އާމްދަނީ ލިބިއްޖެއެވެ.

މިދިޔަ މަހުގެ ފަސް ވަނަ ދުވަހު ސިނަމާތަކުގައި އެޅުވި މި ފިލްމު އަދިވެސް ސިނަމާތަކުގައި ދައްކަމުންދާއިރު މި ފިލްމު ވެގެން ގޮސްފައިވަނީ މިއަހަރު އެޅުވި އެންމެ ކާމިޔާބު ފިލްމަށެވެ. 100 މިލިއަން ޑޮލަރުގެ ބަޖެޓަކުން ފިލްމު ހެދިއިރު މި ފިލްމު ވެގެންގޮސްފައިވަނީ މިއަހަރު ބިލިއަން ޑޮލަރުގެ އާމްދަނީ ހޯދި ފުރަތަމަ ފިލްމަށްވެސްމެއެވެ.

އާރޮން ހޮވަތް އާއި މައިކަލް ޔެލެނިކް ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި މާރިއޯގެ އަޑު އަޅާފައިވަނީ ކްރިސް ޕްރެޓް އެވެ. އަދި ލުއީޖީގެ އަޑު ޗާލީ ޑޭ އަޅައިދިން އިރު ޕްރިންސަސް ޕީޗްގެ އަޑު އަޅައިދީފައިވަނީ އަނާ ޓޭލާ ޖޯއިއެވެ.

2020 ވަނަ އަހަރުން ފެށިގެން މި އަހަރާ ހަމައަށް ސިނަމާތަކުގައި އެޅުވި ފިލްމުތަކުގެ ތެރެއިން ބިލިއަން ޑޮލަރު ހޯދި ފަސްވަނަ ފިލްމަށް މި ފިލްމުވެގެން ދިޔައިރު މި ލިސްޓުގައި ދެން ހިމެނޭ ފިލްމުތަކަކީ ސްޕައިޑަމޭން ނޯ ވޭ ހޯމް، ޓޮޕް ގަން: މެވެރިކް، ޖުރަސިކް ވޯލްޑް ޑޮމިނަން އަދި އެވަޓާ: ދަ ވޭ އޮފް ވޯޓާ އެވެ.