ޝޯ ގެނެސްދޭތާ އަށް އަހަރުފަހުން މަޝްހޫރު ޓޯކް ޝޯ ޖޭމްސް ކޯޑަން ޝޯ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ގިނަބައެއްގެ މަގްބޫލުކަން ހޯދާފައިވާ ޓޯކް ޝޯ ޖޭމްސް ކޯޑެން ޝޯ ނިންމާލުމުގެ ގޮތުން ގިނަ ސެލެބްރިޓީންނެއް އެ ޝޯގައި ވަނީ ބައިވެރިވެފައެވެ. ޝޯ ފެށިގެންދިޔައީ ހޮލީވުޑްގެ މަގްބޫލް އެކްޓަރު ޓޮމް ކްރޫޒާ އެކު ކުޅެފައިވާ މަޖާ ސްކިޓުތަކެއް ދައްކާލުމާއެކުގައެވެ. ކުލަގަދަ ތާރީހީ ޝޯ ނިންމާލިއިރު ޖޭމްސް ބުނީ އަށް އަހަރު ދުވަސްވަންދެން މެދުކެނޑުމެއްނެތި ޝޯ ގެނެސް ހުރުމަށްފަހު ޝޯ ނިންމާލަން ނިންމި ނިންމުމަކީ ފަސޭހަކަމެއް ނޫންކަމަށެވެ. އަދި ޝޯ ގެނެސްދޭ އެންވާރަމަންޓަކީ އޭނާ އަށް މިހާތަނަށް އެންމެ ފަސޭހައިން މަސައްކަތް ކުރެވުނު މާހައުލުކަމަށާއި ޝޯގެ ކޮންމެ ހިނދުކޮޅަކީ ވެސް އޭނާ އަށް ވަރަށް ހާއްސަ ވަގުތުކޮޅެއް ކަމަށެވެ.
"ޝޯ ފެށިއިރު ވެސް އެނގޭ މިއީ އެޑްވެންޗާ އެއްކަން. އެކަމަކު ޝޯ ނިންމާލަންޖެހުނީމަ ވަރަށް ދެރަވޭ،"
ޝޯގައި ކަރޯކޭ ގެސްޓެއްގެ ގޮތުގައި މަޝްހޫރު ލަވަކިޔުންތެރިޔާ އެޑެލް ބައިވެރިވިއިރު ކޮމީޑިއަން ސެތު މެޔާސް އާއި ޓީވީ ހޯސްޓް ޖިމީ ކިމެލް ވެސް ބައިވެރިވިއެވެ. މި ތަރިންގެ އިތުރުން ޝޯގައި ބައިވެރިވީ ޑޭވިޑް ލެޓަމޭން، މަޝްހޫރު ލަވަކިޔުންތެރިޔާ ހެރީ ސްޓައިލްސް އަދި އެކްޓަރު ވިލް ފެރެލް އެވެ. ޝޯ ނިންމާލީ ޖޭމްސް ކޯޑެންގެ އޮރިޖިނަލް ލަވައަކުންނެވެ.
ނިމިގެންދިޔަ ޖޭމްސް ކޯޑެން ޝޯގެ ފަހު އެޕިސޯޑުގައި މަޝްހޫރު ބޭންޑް ވަންޑައިރެކްޝަންގެ މެންބަރުން ބައިވެރިވާނެކަމަށް ކުރިން އަޑުތައް ފެތުރުނު ނަމަވެސް އެކަމާ ގުޅިގެން ޖޭމްސް ބުނީ ހުރިހާ ތަރިންނެއް ރީޔޫނިއަން އެއް ބާއްވަން ޖެހޭ ކަމަށާއި އެކަމަކު ރީޔޫނިއަން ވާންޖެހޭނީ ޓޯކް ޝޯ ކަހަލަ މަދު މިނެޓުކޮޅަކަށް އަންނަ ރީޔޫނިއަން އަކަށް ނޫންކަމަށެވެ.