ފުލުހުންގެ ތަހުގީގުތައް ލަސްވިޔަސް އިންސާފު ގާއިމުކުރެވޭ މިންވަރަށް ތަހުގީގުތައް ފުރިހަމަކޮށް އިންސާފު ގާއިމުކޮށްދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ފުލުހުން 90 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާާޅުވީ، ފުލުހުންގެ ތެރޭގައި ވަރަށް ތައުލީމީ އަދި ވަރަށް ތަޖުރިބާކާރު ފުލުހުން މިހާރުވެސް އެބަތިބި ކަމަށާއި ފުލުހުންގެ ތަހުގީގުތައް ކުރިއަށް އެ ގެންދަނީ، ޒަމާނީ ޓެކްނޮލޮޖީ އާއި އެ ބޭފުޅުންގެ ތައުލީމާއި ތަޖުރިބާގެ އަލީގައި ކަމަށެވެ.
ބައެއް ފަހަރު ފުލުހުންގެ ތަހުގީގެއް ލަސްވުމަކީ އެ ތަހުގީގެއް ބަލިކަށިވާ ކަމަކަށް ނުވެދާނެ ކަމަށާއި އެހެން ނަމަވެސް ފުލުހުންގެ ތަހުގީގާ މެދު ރައްޔިތުންގެ ހިތްތަކުގައި ސުވާލު އުފެދުމަކީ ހަމަ ވެދާނެ ކަމެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، ފުލުހުންގެ ތަހުގީގުޤުތައް ކުރިއަށް ގެންދަނީ ޕްރޮފެޝަނަލިޒަމްގެ އެންމެ މަތީ މިންގަނޑުގައި ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، ވަގުތު ނެގިޔަސް، އިންސާފު ގާއިމުކުރެވޭ މިންވަރަށް ތަހުގީގު ފުރިހަމަ ކުރުމަކީ އަދުލު އިންސާފު ގާއިމުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށާއި ދިވެހި ފުލުހުން އެކަން ކުރާނެ ކަމުގެ ފުރިހަމަ އިތުބާރާއި ޔަގީންކަން އެބަ އޮތް ކަމަށެވެ.