މިހާރު ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތުގެ ތެރެއިން، ދިވެހި ފުލުހުންނާއި ދިވެހި ސިފައިންގެ މުސާރައަށް ހެޔޮބަދަލުތަކެއް ގެންނަވާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ދިވެހި ފުލުހުންގެ ހިދުމަތުގެ 90 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ދައުލަތް ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމުގެ އެންމެ މުހިންމު ކަމަކީ، ދައުލަތުގެ މުވައްޒަފުންނަށް ރަނގަޅު ގޮތްތައް ހަމަޖައްސައިދިނުން ކަމަށެވެ. އެގޮތުން، ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް، މިދިޔަ އަހަރުގެ ތެރޭގައި ހެޔޮ ބަދަލެއް ގެނެފައިވާ ކަމަށާއި މަތީ ތައުލީމު ދޭ ސަރުކާރުގެ މުއައްސަސާތަކުގެ ލެކްޗަރާއިންގެ މުސާރައަށް ވެސް، މިދިޔަ މާޗު މަހުން ފެށިގެން ހެޔޮ ބަދަލެއް ގެނެސްފައިވާ ކަމަށެވެ.

މީގެ އިތުރުން އަންނަ މޭ މަހުން ފެށިގެން ސީއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށާއި އެ ބަދަލުތަކުގެ އިތުރު ތަފްސީލުތައް، ޕޭ ކޮމިޝަނުންނާއި، ހެލްތު މިނިސްޓްރީން މާދަމާ އިއުލާން ކުރާނެ ކަމަށެވެ.

ހަމައެހެންމެ މިހާރު ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތުގެ ތެރެއިން، ދިވެހި ފުލުހުންނާއި ދިވެހި ސިފައިންގެ މުސާރައަށް ވެސް، ހެޔޮ ބަދަލެއް ގެނެސްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެކަމާ ބެހޭ ދިރާސާތައް، ޕޭ ކޮމިޝަނުން މިހާރު ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، މި ޕޭ ހާމަނައިޒޭޝަންގެ މަސައްކަތް ނިމިގެން ދާއިރު، ސަރުކާރުގެ ހުރިހާ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.