ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ބައި ދެ ގައުމުން ބެހުމުގެ މައްސަލައިގައި ރާއްޖެއަށް ޗާގޯސް ގެއްލުނީ، ދިވެހި ސަރުކާރުން މޮރިޝަސްއާ އެކު ހެދި ސިއްރު ޑީލެއްގެ ސަބަބުން ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވައިފިއެވެ.

ރޭ އާޓިފިޗަލް ބީޗްގައި އިދިކޮޅުން ބޭއްވި 'ޗަ ގޯސް' ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، ރާއްޖެއަށް ޗާގޯސް ގެއްލުނީ ދިވެހި ސަރުކާރުން މޮރިޝަސްއާ އެކު ހެދި ސިއްރު ޑީލަކުން ކަމަށާއި އެކަން އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް ވަރަށް ރަނގަޅަށް އެގިވަޑައިގަންނަވާ ކަމަށެވެ. އެމްޑީޕީގެ މެންބަރުން ދެއްކެވި ވާހަކަ ހިއްސާ ކުރައްވަމުން އަދުރޭ ވިދާޅުވީ، އެ ޑީލް ހަދާފައި ވަނީ 500 މިލިއަން ޑޮލަަރަށް ކަމަށެވެ.

އަދުރޭ މިހެން ވިދާޅުވާ އިރު، މިއީ ހަގީގަތެއް ނެތް ވާހަކައެއް ކަމަށް ސަރުކާރުންނާއި މޮރިޝަސް އިން ވެސް ބުނެފައި ވެއެވެ. މޮރިޝަސްއާއި ރައްޖެއާ ދެމެދު ސިއްރު ޑީލްތަކެއް ހެދިކަމަށް ދިވެހިން ބުނާ ބުނުމާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުގައި ވެސް ރިޕޯޓްކޮށްފައި އެބަ ހުއްޓެވެ. ނަމަވެސް އެގައުމުގެ އިދާރާތަކުން ވަނީ އެކަން ދޮގުކޮށްފައެވެ.

މީގެ އިތުރުން ރޭ ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވެފައި ވަނީ ޗާގޯސް ގެއްލުނު އިރު އެންމެ ދެރަ ވަނީ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ހުންނެވުމުން ކަމަށެވެ. ޗާގޯސް ގެއްލިގެން ދިއުމަކީ ދިވެހިންނަށް މި ސަރުކާރުން ދިން ވަރަށް ބޮޑު އަނިޔާއެއް ކަމަށާއި އެއީ ދިވެހިންގެ ތަނެއްގެ ގޮތުގައި އަދުރޭ ސިފަ ކުރެއްވިއެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބު ރައީސް ޔާމީން ކާމިޔާބު ކުރައްވާނެ ކަމަށާއި އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމުން އަނބުރާ ޗާގޯސް ހޯއްދަވާނެ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

ޗާގޯސް ގެއްލުނު ކަމަށް ބުނެ އަދުރޭ ރޭ ވާހަކަ ދައްކަވާފައިވީ ނަމަވެސް އިއްޔެ އިޓްލޮސްއިން ބަލައި ނިންމި މައްސަލައަކީ ޗާގޯސްގެ މިލްކުވެރިކަމާ ގުޅޭ ގޮތުން ނިންމި މައްސަލައެއް ނޫނެވެ. އެއީ ދިވެހިރާއްޖެ އާއި ޗާގޯސް އާކިޕެލަގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލައިގެ ނިންމުމެވެ.

އިއްޔެ އިޓްލޮސްއިން ނިންމި މައްސަލައަކީ ޗާގޯސް އިން 200 މޭލު އަދި ރާއްޖެއިން 200 މޭލު ކުރަހައިފި ނަމަ އެ ދެމެދު ފުށޫ އަރާ އީއީޒެޑް ދެބަޔަށް އެއްވަރުވާނޭ ހަމައަކުން ބެހުމުގެ މައްސަލައެވެ. އެ މައްސަލަ ނިމިގެން ދިޔަ ގޮތުން ރާއްޖެއަށް ވަނީ 47،232 އަކަ ކިލޯމީޓަރު، އަދި މޮރިޝަސް އަށް 45،331 އަކަ ކިލޯ މީޓަރު ލިބިފައެވެ. އެއީ ރާއްޖެއަށް 135 ނޯޓިކަލް މޭލެވެ.

ޗާގޮސް މައްސަލައިގައި ސަރުކާރާ ދެކޮޅަށް އިދިކޮޅުން އަޑު އުފުލަމުން އަންނަ އިރު، އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ގެންދަވަނީ ސަރުކާރާ ދެކޮޅަށް ވާހަކަ ދައްކަވަަމުންނެވެ. އެ ގޮތުން ޗާގޯސް އާއި ރާއްޖެ އާ ދެމެދު އިން ވަކިކޮށް ނިންމި ގޮތް ބަލައި ނުގަތުމަށް ނަޝީދު ވަނީ ގޮވާލައްވާފައެވެ.