ޗާގޯސްގެ މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ކުރިއަށްދާ މައްސަލައިގައި 200 ނޯޓިކަލް މޭލުގެ ހާއްސަ އިގްތިސާދީ ސަރަހައްދު ރާއްޖެއަށް ލިބޭނެ ކަމުގެ އުންމީދުކުޑަ ކަމަށް ގާނޫނީ ވަކީލާ، އާއިޝަތު އާޒިމާ ޝުކޫރު ވިދާޅުވެއްޖެ އެވެ.

މާދަމާއަށް ތާވަލުކޮށްފައިވާ ހުކުމާމެދު އާޒިމާ ނެރުއްވި ބަޔާނުގައި ވަނީ، މި މައްސަލައިގައި ރާއްޖެއިން އެންމެ ފުރަތަމަ ވަކަލާތުކޮށްފައިވަނީ މޮރިޝަސްއަށް މިމައްސަލަ ހުށަހެޅުމުގެ ބާރު ލިބިގެން ނުވާކަމަށެވެ. އަދި އެގޮތަށް މައްސަލަ ކާމިޔާބު ކުރެވުނު ނަމަ މޮރިޝަސްއަށް މައްސަލަ ގެއްލުނީސް ކަމަށް އާޒިމާ ވިދާޅުވެފައިވެއެވެ.

ނަމަވެސް ޓްރިބިއުނަލް އިން ވަނީ ރާއްޖެއާ ދެކޮޅަށް މައްސަލަ ނިންމާފައި ކަމަށް ފާހަގަކޮށް އާޒިމާ އިތުރަށް ވިދާޅުވީ، ގާނޫނީ ގޮތުން ބަލާނަމަ ޗާގޮސް އައިލެންޑް އަކީ މޮރިޝަސްގެ ސިޔާދަތީ ބާރުވެރިކަމުގެ ދަށުގައިވެސް އޮތް ތަނެއް ނޫން ކަމަށެވެ. އަދި ޗާގޮސްގެ މިލްކުވެރިކަން 2019 ވަނަ އަހަރު "އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް" އިން ނިންމާފައިވަނީ އެޑްވައިޒަރީ އޮޕީނިއަންއެއްގެ ގޮތުގައި ކަމަށާއި އެއީ ބައިނަލްއަގްވާމީ ގާނޫނީ އޮނިގަނޑުތަކުން އެއްވެސް ގައުމަކަށް ނިންމޭނެ ނިންމުމެއް ނޫން ކަމަށް ވެއެވެ.

މީގެ އިތުރުންވެސް ރާއްޖޭގެ އިގްތިސާދީ ސަރަހައްދާއި އެހެން ގައުމެއްގެ އިގްތިސާދީ ސަރަހައްދާ ފުށު އަރާނަމަ އެކަން ހައްލު ކުރާނީ ދެ ގައުމުގެ މެދުގައި ވެވޭ އެއްބަސްވުމަކުން ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ނަމަވެސް އެފަދަ އެއްބަސް ވުމެއް ވެފައި ނުވާކަމަށް އެ ބަޔަާނުގައި ވެއެވެ. އަދި ޗާގޮސް އާ މެދު ރާއްޖެއިން މިހާތަނަށް ގެންގުޅިފައިވަނީ 200 ނޯޓިކަލް މޭލުގެ ސަރަޙައްދު ލިބިގަތުމުގެ ގާނޫނީ ޕޮޒިޝަން އެއް ކަމަށާއި އަދި އެއީ "ޔޫއެން ކޮންވެންޝަން އޮން ދި ލޯ އޮފް ދަ ސީ" ގެ ދަށުން އދ އަށް ރާއްޖެއިން ހުށަހެޅި ކަނޑުގެ ސަރަހައްދުގެ ޗާޓުތަކުގައިވެސް ގެންގުޅެފައިވަނީ އެ ޕޮޒިޝަން ކަމަށް އާޒިމާ ވިދާޅުވިއެވެ.

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީގައި، ޗާގޮސް އައިލަންޑްސްގެ މައްޗަށް މޮރިޝަސްގެ ސިޔާސަތީ ބާރު ނެތްކަމަށް އދ ގައި ނެގި ވޯޓުގައި ރާއްޖެއިން ނަގާފައިވާ ސްޓޭންޑް ބަދަލުކޮށް އަދި ރާއްޖޭގެ މިހާރު ރަސްމީ ސްޓޭންޑަކީ ޗާގޮސް އައިލަންޑްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ކަމަށް ގަބޫލުކުރަން ކަމުގައި ރާއްޖޭގެ ރައީސް އަންގަވާފައިވާކަމަށް، އަޑުއެހުންތަކުގައި މޮރިޝަސްގެ ގާނޫނީ ވަކީލުގެ ވާހަކައިން ހާމަވާ ކަމަށް އާޒިމާ ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެ ސިޓީގައި ވަނީ ކީކޭ ކަން ދިވެހި ސަރުކާރުން ހާމަ ކުރުމަށް ދެކޮޅު ހަދާފައިވާ ކަމަށާއި އެ ސިޓީން ވެސް ޗާގޮސް އައިލަންޑްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރުވެރިކަން އޮތް ކަމަށް ރާއްޖެއިން ޤަބޫލުކުރާ ކަމަށް ދޭހަވާ ކަމަށް އާޒިމާ ވިދާޅުވިއެވެ.

އަދި ކޮންމެ ހަމަޔަކުން ބެލި ނަމަވެސް، މާދަމާގެ ހުކުމަކީ މުޅި ދިވެހިގައުމަށާއި، މިއަދުގެ އަދި މާދަމާގެ ޖީލަށް މުހިންމު ހުކުމަކަށް ވާނެ ކަމަށާއި އަދި ހުރިހާ ކަމަކަށް ބަލާ ފާއިތުވި ދުވަސްތަކުގައި ގެންގުޅުނު 200 ނޯޓިކަލް މޭލުގެ ހާއްސަ އިގްތިސާދީ ސަރަޙައްދު ބޭއްވިދާނޭ ކަމުގެ އުންމީދުކުޑަ ކަމަށް އާޒިމާ ވިދާޅޅުވެފައި ވެއެވެ. އަދި ހުކުމް ލިބުމުން ކުރިއަށް ދެވޭނެ ގޮތަކާ މެދު އިތުރަށް ދިރާސާ ކުރަންޖެހޭ ކަމަށާއި އަދި ގެއްލިއްޖެ ހާލަތެއްގައި އަނބުރާ އެ ތަނެއް ހޯދަން މަސައްކަތް ކުރަންޖެހޭނެ ކަމަށް އެ ބަޔާނުގައި ވެއެވެ.

ޗާގޯސް ޖަޒީރާ އިނގިރޭސި ވިލާތުން މޮރިޝަސް އިން ވަކިކޮށްފައިވަނީ 1965 ވަނަ އަހަރެވެ. ނަމަވެސް ރާއްޖެ އާއި މޮރިޝަސް އާދެމެދު ސަރަހައްދުގެ ކޯޅުން ފެށުނީ، ބައިނަލްއަގުވާމީ ގާނޫނާ އެއްގޮތަށް ގުދުރަތީ ގޮތުން ބަލާއިރު، ރާއްޖެއަށް ލިބިދޭ 200 ނޯޓިކަލްމޭލަށް ވުރެ އިތުރަށް އައުޓާ ކޮންޓިނެންޓަލް ޝެލްފް ދެމިގެންދާ ކަމަށް ބުނެ ޖުލައި 2010 ގައި ކޮމިޝަން އޮފް ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް އަށް މައްސަލައެއް ހުށަހެޅި ހިސާބުންނެވެ.

އެކަމާ މޮރިޝަސް އިން ދެކޮޅު ހެދުމުގެ އިތުރުން، ރާއްޖޭގެ ދެކުނުން ސަރަހައްދީ އިމުގެ ބައެއް ޗާގޯސް އައިލެންޑްސްގެ އިމުގެ ތެރެއަށް ވަންނަ ކަމަށް ބުނެ، އެ ގައުމުން އިޓްލޮސްއަށް މައްސަލައެއް ހުށަހެޅީ ސެޕްޓެމްބަރު 2019 ގައެވެ.