ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި ކުށުގައި ފުލުހުންނާ އަމިއްލަ އަށް ހަވާލުވި އިބްރާހީމް ފައިހް ނިޒާމްގެ ބަންދަށް އިތުރު ފަނަރަ ދުވަސް ޖަހައިފިއެވެ.

ގްރޫޕް ހަދައިގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ފިލައިގެން އުޅުމަށްފަހު އަމިއްލައަށް ފުލުހުންނާ ހަވާލުވި ފައިހުގެ ބަންދަށް 23 މާޗް 2023 ވަނަ ދުވަހު ވަނީ 30 ދުވަސް ޖަހާފައެވެ. އަދި ބަންދުގެ މުއްދަތު ހަމަވާތީ ކްރިމިނަލް ކޯޓަށް ފައިހް ހާޒިރު ކުރުމުން އޭނާގެ ބަންދުގެ މުއްދަތު ފުލުހުން ވަނީ އިތުރުކޮށްފައެވެ.

ފައިހުގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ދައުލަތުން، ކޯޓުގައި އެދިފައިވި ނަމަވެސް މި މައްސަލައަކީ ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށްވާތީ، ކޯޓުން އޭނާގެ ބަންދަށް ޖަހާފައި ވަނީ 15 ދުވަހެވެ.

ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ބުނީ، މިދިޔަ ބުދަ ދުވަހުގެ ފައިހްގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވާ ކަމަށެވެ. އޭނާގެ މައްޗަށް ކޮށްފައި ވަނީ ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާއެވެ.