ދުބާއީން ދިއްލީއަށް ދަތުރު ކުރި އެއާ އިންޑިއާގެ ފްލައިޓެއްގެ ކޮކްޕިޓަށް ބޯޑުގައި އިން އަންހެނަކު ވެއްދި މައްސަލައެއް ފެންމަތިވެ، ތަހުގީގު ނިމެންދެން ޕައިލެޓުންނާއި ކްރޫއިން ސަސްޕެންޑް ކޮށްފިއެވެ.

މީގެ ކުރިން އެއާ އިންޑިއާގެ ފްލައިޓެއްގައި ފިރިހެނަކު އަންހެނެއްގެ ގަޔަށް ހީސް ލީ މައްސަލައަކާއި، އިންޑިއާގެ ވިސްޓާރާ އެއާލައިންގެ ފްލައިޓެއްގައި އަންހެނަކު ގޮނޑިއާލައި އެއްސި ހާދިސާއެއް ހިނގާފައި ވަނިކޮށް މިފަހަރު މި ފެންމަތިވި މައްސަލައިގައި އަންހެން މީހާ ކޮކްޕިޓަށް ވެއްދީ ކީއްކުރަން ކަން އަދި ސާފެއް ނުވެއެވެ.

އިންޑިއާގެ ޑައިރެކްޓޮރޭޓް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އިން ބުނެފައި ވަނީ، ހުއްދަ ނެތް މީހަކު ކޮކްޕިޓަށް ވެއްދުމަކީ ގަވައިދުތަކާ ހިލާފުކަމެއް ކަމަށެވެ. އެހެންކަމުން އެ މައްސަލަ ބަލައި ނިމެންދެން ޕައިލެޓުންނާއި ކްރޫން ސަސްޕެންޑް ކުރާ ކަމަށެވެ.

ހަބަރުތައް ބުނާ ގޮތުން، ކޮކްޕިޓަށް ވެއްދި އަންހެނަކީ، އެވަގުތު ބޯޓު ދުއްވަން އިން ޕައިލެޓްގެ ރައްޓެއްސެެވެ. މިއހަރުގެ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު ހިނގި މިހާދިސާ މިހާރު ފެންމަތިވެގެން މިއައީ، އެ ދުވަހު އެ ފަލައިޓްގައި ތިބި ކްރޫންގެ ތެރެއިން މީހަކު އެ މައްސަލަ ޑީޖީސީއޭ އާ ހިސާބަށް ގެންދިޔުމުންނެވެ.

ޑީޖީސީއޭ އިން އިތުރަށް ބުނީ، އެ ހާދިސާ ހިނގުމުގައި ކްރޫއިންގެ ދައުރެއް ނެތި ހިނގައިދާނެ ކަމަށް ގަބޫލު ކުރެވުނަސް މައްސަލައިގެ ތަހުގީގު ހިނގާނީ އެންމެން ޝާމިލްވާ ގޮތުން ކަމަށް ވާތީ އެމީހުންވެސް މިވަގުތު ތިބެން ޖެހޭނީ ސަސްޕެންޝަންގައި ކަމަށެވެ.

އެއާ އިންޑިއާގައި މީގެ ކުރިން ހިނގި ހީސްލުމުގެ ހާދިސާ އަކީ ނޮވެމްބަރު 26، 2022 ގައި އެމެރިކާގެ ނިއުޔޯކުން ފުރައިގެން ދިއްލީއަށް ދަތުރު ކުރި ފްލައިޓެއްގައި ހިނގި ހާދިސާއެކެވެ. އެ ހާދިސާ ތަހުގީގު ކޮށް ޑީޖީސީއޭ އިން ވަނީ އެއާލައިން 30 ލައްކަ ރުޕީސް (37 ހާސް އެމެރިކާ ޑޮލަރު) އިން ޖޫރިމަނާ ކޮށް ކޮމާންޑް ޕައިލެޓުގެ ލައިސަންސް 3 މަހަށް ހިފަހައްޓާފައެވެ.

މި ހާދިސާގައި އަންހެން މީހާގެ ގަޔަށް ހީސް ލީ ފިރިހެން މީހާ އިނީ ރާ ބޮއެ މަސްތުވެގެން ކަމަށް އޭނާ ވަނީ ބުނެފައެވެ. ބައިނަލްއަގުވާމީ އުދުހުންތަކުގައި ބޭނުން ކުރާ ފްލައިޓް ތަކަކީ، ބަނގުރަލާއި އަލްކަހޯލް (ވައިން) ލިބެން ހުންނަ ފްލައިޓްތަކެވެ. ގަންނާށާއި އަދި ކާ ގަޑިތަކުގައި ހިލޭވެސް ލިބެން ހުރެއެވެ.