މި އަހަރު ނިމޭއިރު އިންފްލޭޝަން ސްޓޭބަލްވާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

އެމްއެމްއޭއިން ބުނެފައި ވަނީ މި އަހަރުގެ ދެވަނަ ކުއާޓާ އަދި ތިންވަނަ ކުއާޓާގައި ރާއްޖޭގެ އިންފްލޭޝަން ރޭޓް މަޑުމަޑުން ދަށަށްދާނެ ކަމަށާއި އަހަރުގެ ފަހު ކުއާޓާގައި އިންފްލޭޝަން ސްޓޭބަލް ވާނެ ކަމަށެވެ.

އެމްއެމްއޭ އިން އިއްޔެ އާއްމުކުރި 2022 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން ސަރުކާރުން ޖީއެސްޓީ ރޭޓު 8 ޕަސެންޓަށް އިތުރު ކޮށްފައި ވާތީ މިއަހަރު ޑޮމެސްޓިކް އިންފްލޭޝަން ރޭޓް 3.4 ޕަސެންޓު އިތުރު ވާނެއެވެ.

މިދިޔަ އަހަރުގެ ފަހު ކުއާޓާގެ އިންފްލޭޝަން 3.1 ޕަސެންޓުގައި ހުރިއިރު މިދިޔަ އަހަރުގެ ފަހު ކުއާޓަރަށްވުރެ މިއަހަރުގެ ފުރަތަމަ ކުއާޓާގައި އިންފްލޭޝަން ރޭޓު މަތިވާނެ ކަމަށް އެމްއެމްއޭއިން ލަފާކުރެއެވެ. ކުއާޓާއެއްގައި 3 މަސް ހިމެނޭއިރު ފުރަތަމަ ކުއާޓާގެ ގޮތުގައި ބަލަނީ ޖެނުއަ މަހުން ފެށިގެން މާޗް މަހުގެ ނިޔަލަށެވެ.

މިދިޔަ އަހަރުގެ ފަހު ކުއާޓާއަށްވުރެ ފުރަތަމަ ކުއާޓާގައި އިންފްލޭޝަން މަތިވި ކަމުގައިވިޔަސް ދެވަނަ އަދި ތިންވަނަ ކުއާޓާގައި އިންފްލޭޝަން ކޮންމެސް ވަރަކަށް ދަށަށް ދާނެ ކަމަށް އެމްއެމްއޭއިން ލަފާ ކުރެއެވެ. އަދި އެންމެ ފަހު ކުއާޓާގައި އިންފްލޭޝަން ހަމައަކަށް އެޅޭނެ ކަމަށް ވެސް އެމްއެމްއޭގެ ރިޕޯޓުގައި ލަފާކޮށްފައިވެއެވެ.