ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހްމީ މަރާލަދޭ މީހަކަށް ދެ ލައްކަ ރުފިޔާ ދިނުމަށް ހުށަހަޅައިފިއެވެ.
ޓެލެގްރާމު ގުރޫޕެއްގައި ކޮށްފައިވާ މެސެޖެއްގައި ބުނެފައި ވަނީ އަލްހާން މަރާލަދޭ މީހަކަށް 2 ލައްކަ ރުފިޔާ ދޭން ތައްޔާރު ކަމަށާއި އެކަމާ އެ ގްރޫޕްގެ އެޑްމިން އަށް މެސެޖް ކުރުމަށް އެދޭ ކަމަށެވެ.
މިމައްސަލަ ބަލައިދިނުމަށް އަލްހާނާއި އޭނާގެ އާއިލާ އިން ވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ހުށަހަޅުއްވާފައެވެ. މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.
އަލްހާން ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު ކަމުގައި ހުންނަވަނިކޮށް ވެސް 2014 ވަނަ އަހަރު ބަޔަކު ވަޅިން ހަމަލާދީ ޒަހަމްކޮށްލިއެވެ. އެފަހަރު އޭނާގެ ފުރާނަ ސަލާމަތްވި ނަމަވެސް ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ލިބި އެއްފައި ޕެރަލައިޒް ވެއެވެ.
އަލްހާން މަރާލަން މިހާރު 2 ލައްކަ ރުފިޔާ ހުށަހަޅާފައި ވާއިރު ގިނަ ބަޔެއްގެ އަތުން ފައިސާ ނަގައިގެން، އަލްހާން ވަނީ ފޮރެކްސް ސްކީމްތަކެއް ހިންގާފައެވެ. އެ ފައިސާ އަނބުރާ ނުލިބިގެން އޭނާ އަށް ވަރަށް ގިނަ އިންޒާރުތައް ލިބެމުންދާ ކަމަށް މީގެ ކުރިން އަލްހާން ވަނީ ވިދާޅުވެފައެވެ. އޭރު ފުލުހުން ހާމަ ކުރި ގޮތުން އެކި ފަރާތްތަކުން (1684 މީހެއް އަތުން) އެ ކުންފުނިން 98 މިލިއަން ރުފިޔާ ނަގާ އެ ފައިސާ އެ ފަރާތްތަކަށް އަނބުރާ ނުދައްކައެވެ.
ކިންގް ފޮރެކްސް ޓްރޭޑިން ކުންފުނިން ޕޮންޒީ ސްކީމެއް ހިންގި މައްސަލައާ ގުޅިގެން އަލްހާންގެ މައްޗަށް ފުލުހުން ދަނީ ޖިނާއީ ތަހުގީގެއް ހިންގަމުންނެވެ. މި މައްސަލައާ ގުޅިގެން އަލްހާންގެ އޮފީސްވެސް ވަނީ ބަލައި ފާސްކޮށްފައެވެ. އަދި އޭނާގެ ފޯނު ވެސް ފުލުހުން ވަނީ ހިފަހައްޓާފައެވެ. ނަމަވެސް އޭނާ ވަނީ އެ ތުހުމަތުތަކަށް ތަކުރާރުކޮށް އިންކާރު ކުރައްވާފައެވެ. އަލްހާން ވިދާޅުވެފައި ވަނީ، މަނީ ލޯންޑާ ކުރި ކަމަށް ބުނެ، އޭނާގެ ވިޔަފާރި ހުއްޓުވުމަށް ފުލުހުން މެދުވެރިކޮށް ކުރަމުންދިޔަ މަސައްކަތަކީ، އޭނާއަށް ގެއްލުންދީ ބަދުނާމު ކުރުމުގެ ގޮތުން ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ހިންގާ ޖަރީމާއެއް ކަމަށެވެ.