ކޮންމެ އަހަރެއްގެ ވެސް އެންމެ ހޫނު ގަދަ ދުވަސްވަރު އިވެމުންދާ އަޑަކީ، ކަރަންޓް ބިލު ބޮޑުވާ ވާހަކައެވެ. އަދި ކަރަންޓު ބިލު ބޮޑުވިޔަ ނުދީ ހިފެހެއްޓުމަށް މަސައްކަތް ކުރުމަށް ގޮވާލައި ކަރަންޓު ބިލު ކުޑަކުރުމަށް ކުރެވޭނެ އެކި ކަންކަމުގެ ވާހަކަތަކެވެ. ނަމަވެސް ބިލު ބޮޑުވާ މައްސަލައިގައި ގިނަ ބަޔަކު އަންނަނީ ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ސްޓެލްކޯއަށް އަމާޒުކޮށް ފާޑުކިޔަމުންނެވެ.

ކަރަންޓް ބިލު ބޮޑު ކުރުމަކީ ސްޓެލްކޯއިން ޖައްސާ ސްކޭމެއް ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނަމުން އަންނަ އިރު، މިއީ ހަގީގަތުގައި ކަރަންޓު ބޭނުން ކުރުމުގައި ތިމާއަށާއި ގޭގައި އުޅޭ މެންބަރުންނަށް ހެދޭ ގޯސްތަކަކުން ނިކުންނަ ނަތީޖާއެއް ތޯ ބަލާލުމަކީ މުހިއްމު ކަމެކެވެ.

ބިލު ބޮޑުވެގެން އަންނަ ދުވަސްވަރު އެންމެ ބޮޑަށް ބަހުސް ކުރެވޭ މައުލޫއާ މެދު ފުރަތަމަ ވާހަކަ ދައްކަމާ ހިނގާށެވެ. ހާހުން ބިލު ބޮޑުވެފައިވާ އިރު، ގޭގައި ބޭނުން ކުރި ކަރަންޓު ބޭނުން ކުރާ އިލެކްޓްރޯނިކްސްގެ އެއްވެސް އެއްޗެއް އިތުރުވެފައެއް ނުވެއެވެ. މުޅި ގޭގައި ވެސް ބޭނުން ކުރީ ދެ އޭސީ އާއި ދެ ފަންކާ އާއި ފުރިޖަކާއި ދޮންނަ މެޝިނަކާއި އިސްތިރިއަކާއި ފެންކައްކާ ޖަގަކާއި ޓީވީއެކެވެ. ގޭތެރެ އަލިކުރުމަށް ބޭނުންކުރާ ބޮކި ވެސް އިތުރެއް ނުވެއެވެ. ގޭގައި އުޅޭ މީހުންގެ އަދަދު ވެސް އިތުރު ނުވާތީ ފޯން ލެޕްޓޮޕް ފަދަ ތަކެތި ޗާޖު ކުރަމުން ވެސް ދިޔައީ އެހެން މަސް މަހެކޭ އެއްވަރަށެވެ. އެއް ހަމައަކަށް ކަރަންޓް ބޭނުން ކޮށްކޮށް ހުއްޓާ މިހާ ބޮޑު ފަރަގެއް ކަރަންޓު ބިލުން ފެންނަން ޖެހުނީ ކީއްވެ ހެއްޔެވެ؟

ބާޒާރު މަތީގައި މީހުން ހަރަކާތްތެރި ވަނީ / ފޮޓޯ: އައިޝަތު ޝާޒްލީން | ދަ ޕްރެސް

ހޫނު ގަދަ ދުވަސްވަރު ބޭނުން ކުރާ އެއްޗެހީގެ ތެރެއިން އެންމެ ބޮޑު ޑިމާންޑެއް އޮންނާނީ އޭސީއަށެވެ. އޭސީ ވެސް ގޭގައި ބޭނުން ކުރަނީ އެހެން މަސްމަހު ވެސް ބޭނުން ކުރި މިންވަރަށް ކަމަށް ބުނާ އިރު، ކަރަންޓު ބިލު ބޮޑުވުމުގައި އޭސީގެ ދައުރެއް އޮވެދާނެ ކަމާ މެދު ބައެއް މީހުން ސުވާލު އުފައްދައެވެ.

އޭސީ ބޭނުން ކުރާ ގޮތުން ކަރަންޓު ބިލު ބޮޑު ވެދާނެއެވެ. އާންމުކޮށް ބޭނުން ކުރާ ގޮތަށް ބޭނުން ކުރިއަސް މެއެވެ.

ހޫނު ގަދަ ދުވަސްވަރު އޭސީން ފިނިކޮށްދޭން ކުރަންޖެހޭ މަސައްކަތް އިތުރުވާ އިރު، އޭސީގެ ކޮންޕްރެސާ ޖެހޭ މިންވަރު އިތުރުވެއެވެ. ބޭރުގެ ފިނި ހޫނު މިން 32 ޑިގްރީ ހުންނަ އިރު އޭސީގެ ފިނި މިން 16 ޑިގްރީގައި ބަހައްޓައިގެން، އެ ވަރަށް ފިނި ނުވާނެ ކަމަށް އަހަރެމެން ގަބޫލު ކުރަން ޖެހެއެވެ. އަދި އެ ގޮތަށް ފިނި ކުރުމަށް އޭސީގެ ފިނި ދަށް ކުރުމުން އަވަސް އަވަހަށް ކޮމްޕެރެސާ ޖެހޭ ނަމަ ބިލުން އެ ބަދަލު ފެނުމަކީ އެކަށީގެންވާ ކަމެކެެވެ.

އޭސީގެ ސަބަބުން ބިލު ބޮޑުވާ އަނެއް ކަމަކީ އެ ތަނަށް އެކަށީގެންވާ ވަރަށް ވުރެ ދަށް އޭސީއެއް ބޭނުން ކުރުމެވެ. ކޮޓަރީގެ ކުޑަބޮޑު މިނަށް ބަލައި އެތަނަކަށް އެކަށީގެންވާ ސައިޒެއްގެ އޭސީ ބެހެއްޓުމަކީ އޭސީން ކުރަންޖެހޭ މަސައްކަތް ކުޑަކޮށްދޭ ކަމެކެވެ. އެގޮތުން ބޮޑުތަނަކަށް ކުޑަ އޭސީއެއް ލައިފިނަމަ އެ އޭސީއަކަށް ލޯޑް ބޮޑުވެއެވެ. އަދި އެ އޭސީން ކުރަން ޖެހޭ މަސައްކަތް ބޮޑުވުމުން ބިލު ބޮޑުވެއެވެ.

މޫސުމާއެކު ކަރަންޓު ބިލްތަކަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ސްޓެލްކޯއިން މައުލޫމާތު ދެނީ

ހަމައެއާއެކު އޭސީ ހަރު ކުރާ ފަރާތްތަކުން ހިލޭ ދޭ ކޭސިން، ހޮޅި، އިންސިއުލިން ބޭނުން ކޮށްގެން އޭސީ ހަރުކުރާ އިރު، ބައެއް ފަހަރު އޭސީ އާއި އައުޓްޑޯ ޔުނިޓް ބަހައްޓަން ޖެހޭ އެންމެ އެކަށީގެންވާ ހިސާބުގައި ނުބަހައްޓާ ފަހަރު އާދެއެވެ. ހިލޭ ލިބޭ ކޭސިން، ހޮޅި، އިންސިއުލިން ބޭނުންކޮށްގެން އެ މަސައްކަތް ނިންމާލަން ކަސްޓަމަރުން ބޭނުންވަނީ އިތުރު ހޭދައެއް ނުކުރުމަށް ކަމުގައި ވިޔަސް އެ ގޮތަށް އެކެން ކުރުމުން އޭސީން ކުރާ މަސައްކަތަށް ލޯޑް ބޮޑުވެއެވެ. އަދި އިތުރު ބޮޑު ހަރަދެއް ޖީބުން ކުރަން ޖެހެނީ ބިލަށް ކަމުގައި ވާ އިރު، އޭސީ ހަރުކުރާ އިރު މިފަދަ ކަންކަމަށް ސަމާލުކަން ދިނުމަކީ މުހިއްމު ކަމެކެވެ.

މީގެ އިތުރުން ވެސް އާންމު ދިރިއުޅުމުގައި ބައެއް ފަރާތްތަކުން އޭސީ ބޭނުން ކުރާ ގޮތަކީ ވެސް ބިލަށް އޭގެ އަސަރު ކުރާ ކަންކަމެވެ. ކޮޓަރީގެ އޭސީ ޖައްސާފައި ކޮޓަރީ ދޮރު ހުޅުވާފައި ބެހެއްޓުމާއި، ގެއިން ބޭރަށް ދާ އިރު އޭސީ ނިއްވާ ނުލައި ބެހެއްޓުން ފަދަ ކަންކަމަށް ސަމާލުކަން ދިނުމަކީ ކަރަންޓް ބިލް ކުޑަކުރުމަށް ކުރެވިދާނެ ކަންކަމެވެ. ހަމައެެއާއެކު ގޭގައި ބޭނުން ކުރާ އިލެކްޓްރޯނިކް ތަކެތި ހޯދާ އިރު އިންވާޓާ ތަކެތި ހޯދުމަކީ ވެސް ކަރަންޓް ބިލު ކުޑަ ކުރެވޭނެ ގޮތް ގޮތެވެ.

ސްޓެލްކޯއިން ބުނާ ގޮތުގައި މިދިޔަ ފެބްރުއަރީ މަހާ އަޅާ ބަލާއިރު މާޗް އަދި އޭޕްރީލް މަހު ކަރަންޓް ބޭނުން ކުރާ މިންވަރު ވަނީ ވަރަށް ބޮޑު ތަނުން އިތުރުވެފައެވެ. މާޗް އަދި އޭޕްރީލް މަހު ކަރަންޓް ބޭނުން ކުރާ މިންވަރު އިތުރުވެފައިވާ އިރު އެ ދުވަސްވަރަކީ ރޯދަ މަހާ ކުރިމަތިލާން ޖެހުނު ދުވަސްވަރު ކަމުން ކަރަންޓް ބިލު ބޮޑުވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

އޭޕްރިލް މަހު ކަރަންޓު ބޭނުން ކުރާ މިންވަރު ވަނީ މާޗް މަހަށް ވުރެ އިތުރުވެފައި ކަމަށް ސްޓެލްކޯއިން ބުނެއެވެ. އެހެންކަމުން މާލެ ސަރަހައްދުގެ ކޮންމެ ގޭބިސީއަކުން އޭޕްރީލް މަހުގެ ކަރަންޓު ބިލުން 500 ރުފިޔާ އިތުރުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ސްޓެލްކޯއިން ބުނެއެވެ. މިހާރު ކަރަންޓް ބޭނުން ކުރާ ގޮތަށް ބޭނުން ކުރަމުންދާ ނަމަ އެ އަދަދު ކުރިއަށް އޮތް މެއި މަހު އިތުރުު ވާނެ ކަމަށް ވެސް ލަފާ ކުރާ ކަމަށް އެ ކުންފުނިން ބުނެއެވެ.

އާންމު ގޭބީސީތަކުގެ ކަރަންޓު ބިލްގެ 40 ޕަސެންޓު ހިއްސާ ކުރަނީ ފިނިކުރުމަށް ގެންގުޅޭ އެއާކޮންޑިޝަން ފަދަ އާލާތްތަކުން ކަމަށް ދިރާސާތަކުން ދައްކައެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުން ވެސް 25 ޑިގްރީއަށް ވުރެ ދަށް ނުވާނެހެން އޭސީ ބެހެއްޓުމަށް ސަމާލުކަން ދިނުމަށް ސްޓެލްކޯއިން ވަނީ އެދިފައެވެ. މީގެ އިތުރުން ކޮންމެހެން ދިއްލަންޖެހޭ ދިއްލުންތަކާއި، ބޭނުން ކުރަންޖެހޭ ކަރަންޓު އާލާތްތަ އްފިޔަވާ އިތުރު އާލާތްތަށް މިދުވަސްވަރު ބޭނުން ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. ސްޓެލްކޯ އިން ވަނީ މިދުވަސްވަރު ޕީކް ހޭންޑްލް ކުރުމަށްޓަކައި، ހުރިހާ ފަރާތްތަކެއްގެ ވެސް އެއްބާރުލުމާއި، އެހީތެރިކަން ބޭނުންވާ ކަމަށް ބުނެފައެވެ.

ކޮންމެ އަހަރެއްގެ ވެސް ހޫނު ގަދަ ދުވަސްވަރު ކަރަންޓް ބިލު ބޮޑުވާ މައްސަލަ އަކީ އެންމެ ހުނު ގަދަ ކޯށް ދެކެވޭ އެއް ވާހަކައެވެ. މި ކަމާ މެދު ވިސްނާލާ މި ދުވަސްވަރު ކަރަންޓު ބޭނުން ކުރެވެނީ ކިހިނެއްތޯ ބަލާލުން މުހިއްމެވެ. ކަރަންޓު ބޭނުން ކުރެވޭ ގޮތުން ބިލަށް ބަދަލު އަންނާނެ ކަން ދަނެގެން ކުރިއާ ލާ އެކަމަށް ތައްޔާރުވެ ތިބުމަށް ކުރެވިދާނެ ކަންކަމަށް ސަމާލުވެގެން ޖީބަށް ލުއިކޮށްލެވިދާނެއެވެ.