ރިމޯޓުން ކޮންޓްރޯލް ކޮށް މަގާމުތަކަށް ހަމަލާ ދޭ ޓީ-14 އަރުމަޓާ މަރުކާގެ ޓޭންކް ރަޝިއާއިން ހިދުމަތަށް ނެރެފިއެވެ.

މީގެ ކުރީގެ ޓޭންކް ތަކުގައި ހަމަލާ ދޭ އެކަކު އިނުމަށް ޓޭންކްގެ މަތީގައި ހަދާފައި ހުންނަ ވަށް ބޮލުގެ ބަދަލުގައި މި މަރުކާގެ ޓޭންކުގައި އެތާނގައި ހުންނަނީ ކެމެރާއެކެވެ.

ޓޭންކް ކޮންޓްރޯލް ކުރާ މީހުން ތިބެނީ، ޓޭންކްގެ ހަލްގެ ކުރީކޮޅުގައި އޮންނަ ކެޕްސޫލެއްގެ ތެރޭގައެވެ. ރިމޯޓުން ކޮންޓްރޯލް ކޮށް މަގާމުތަކަށް ހަމަލާ ދޭ ގޮތަށް ޑިޒައިން ކޮށްފައިވާ މި ޓޭންކް ޔޫކްރައިންގެ މަގާމުތަކަށް ހަމަލާދޭން ބޭނުން ކުރަން ފަށާފައި ވީ ނަމަވެސް ހަނގުރާމައިގެ ސީދާ މައިދާނަށް އަދި ނެރެފައެއް ނުވެއެވެ.

ހައިވޭތަކުގައި ގަޑިއަކު 80 ކިލޯމީޓަރުގެ ބާރު މިނުގައި ދުއްވޭ މި ޓޭންކާ މެދު ހުޅަނގުން ބުނެފައި ވަނީ އެއީ ޔަގީންކަމެއް ނެތް އެއްޗެއް ކަމަށާއި، ހަނގުރާމައިގެ މައިދާނަށް އެ ނެރުމަކީ ރަޝިއާއިން ހަދާނެ މިސްޓޭކެއް (ގޯހެއް) ކަމަށެވެ.

އިނގިރޭސިވިލާތުގެ އަސްކަރިއްޔާގެ އިންޓެލިޖެންސް ރިޕޯޓަކާ ހަވާލާދީ ނޫސްތަކުން ބުނީ، އެ ޓޭންކާ މެދު ރަޝިއާގެ ޖެނެރަލުންނަށްވެސް ޔަގީންކަމެއް ނެތް ކަމަށާއި އެއީ ޕްރޮޕެގެންޑާއެއްގެ ގޮތަށް ދަޅަ ދެއްކުމަށް ކުރާ ކަމެއް ކަމަށެވެ.

ޓީ-14 މަރުކާގެ ޓޭންކް އުފައްދާކަން ރަޝިއާއިން ފުރަތަމަ އިއުލާން ކުރީ 2015 ގައެވެ. އޭރު 2020 ގެ ނިޔަލަށް 2300 ޓޭންކް އުފައްދަން ނިންމި ނަމަވެސް ފަހުން އެ ތާރީހު ވަނީ 2025 އަށް ދަންމާލާފައެވެ.

ރަޝިއާގެ އާ ޓޭންކް ހިދުމަތަށް ނެރުނު އިރު ނޭޓޯގެ ގައުމުތަކުން ޔޫކްރައިނަށް ދޭން ބުނި ހަނގުރާމަމަތީ ޒަމާނީ ޓޭންކް މިހާރު ވަނީ ޔޫކްރައިނަށް ފޮނުވާފައެވެ. އޭގެ ތެރޭގައި މިހާތަނަށް އެންމެ ކާމިޔާބު ޖަރުމަނުގެ ލެޕާޑް-2 މަރުކާގެ ޓޭންކާއި އިނގިރޭސީން ބޭނުން ކުރާ އެންމެ ޒަމާނީ ޓޭންކް ހިމެނެއެވެ. މީގެ އިތުރުން ޖެޓް ފިއުލް އިން ދުއްވާ އެމެރިކާގެ މޮޅު އުފެއްދުމެއް ކަމަށް ވާ އަބްރަމް ޓޭންކް ޔޫކްރައިން އަށް ފޮނުވުމުގެ މަސައްކަތް އެމެރިކާއިން ވެސް ދަނީ ކުރަމުންނެވެ. މި ޓޭންކްތައް ބޭނުން ކުރަން ފެށުމުގެ ކުރިން ތަމްރީނު ކުރަން ޖެހޭ ޔޫކްރައިން ސިފައިންނަށް އެމެރިކާއިން މިހާރު ދަނީ ތަމްރީނު ދެމުންނެވެ.

ޔޫކްރައިން ހަނގުރާމައިގައި އާ މަރުހަލާއެއް ފެށެން ތައްޔާރު ވަމުން އަންނަ އިރު، ހުޅަނގުގެ ގައުމުތަކުން ތައްޔާރު ވަނުން ދަނީ، އެއްގަމު މަގުން 360 ޓޭންކާއެކު ވަރުގަދަ ހަމަލާތަކެއް ދިނުމަށެވެ. ހުޅަނގުން ގަބޫލު ކުރާ ގޮތުގައި އެ ހަމަލާތަކާއި އަދި އެމެރިކާގެ ޕެޓްރިއަޓް މިސައިލްތަކުން ރަޝިއާގެ މަގާމުތަކަށް ހަމަލާ ދޭން ފެށުމުން ދެން ރަޝިއާއަށް ހެދޭނެ މާ ބޮޑު ގޮތްތަކެއް ނޯންނާނެއެވެ.

ނަމަވެސް ރަޝިއާއިން ބުނެފައި ވަނީ، ހުޅަނގަށް ހީވާ ހީވުމަކީ ކުށް ހީއެއް ކަމަށާއި، ހުރިހާ އެއްޗެއް ފުނޑުފުނޑު ކޮށްލާނެ ކަމަށެވެ. އެކަމަށް ބާރު ދިނުމަށް ރަޝިއާއިން ވަނީ މިހާތަނަށް އެއްވެސް ގައުމެއްގައި ނެތް ވަރު އަޑަށް ވުރެ 10 ގުނަ ބާރަށް ދަތުރު ކުރާ މިސައިލެއް ވެސް ފުރަތަމަ ފަހަރަށް ޔޫކްރައިނަށް ފޮނުވާލާފައެވެ. މި މިސައިލާ އެންމެ ގާތް ކުރާ މިސައިލަކަށް އެމެރިކާގައި އޮތީ އަޑަށް ވުރެ 5 ގުނަ ބާރަށް ދަތުރު ކުރާ މިސައިލެކެވެ. އެހެން ގައުމެއްގައި މި ވަރުގެ މިސައިލެއް އަދި ނެތެވެ.

ހަނގުރާމައަށް 425 ދުވަސް ވެފައި ވާ އިރު، ދެފަރާރުން ޖުމްލަ 325،000 ދިފައިން މަރުވެފައި ވާ ކަމަށް އެމެރިކާގެ އިދާރާތަކުގެ ރިޕޯޓްތައް ބުނެއެވެ.