ޕްލޭނިން މިނިސްޓްރީއިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ ހދ. ހަނިމާދޫގެ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ނިމިއްޖެއެވެ.

ޕްލޭނިން މިނިސްޓްރީއިން އެމްޓީސީސީއާ ހަވާލު ކުރި މި މަޝްރޫއަކީ 28.90 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މި މަޝްރޫޢުގެ ދަށުން 44،296.90 އަކަ މީޓަރުގެ ދުއްވާ ސަރަޙައްދެއް ގާއިމުކުރުމާއި 18،871.16 އަކަ މީޓަރުގެ ހިނގާސަރަޙައްދެއް ގާއިމުކުރުމާއި ފެންހިންދާ ނިޒާމެއް ގާއިމުކުރުމާއި، ސާވިސް ލައިން އެޅުމާއި ޑްރެއިނޭޖެއް ބެހެއްޓުމުގެ އިތުރުން 20،774.86 މީޓަރުގެ ސަރަޙައްދެއްގައި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

މި މަޝްރޫއުގެ ދަށުން ހަނިމާދޫގެ މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްގީ ކޮށްފައިވާއިރު އެ ރަށުގެ ރައްޔިތުންގެ ޝަކުވާތަކަށް ހައްލު ލިބި މަގު ފެންބޮޑުވުމުންނާއި، ޗަކަވުމުންނާއި، އަޑިގުޑަންވުމާއި، ހިރަފުސްވުމުގެ ސަބަބުން ލިބެމުންދިޔަ ދަތިއުނދަގުލަށް ހައްލު ލިބިފައިވާ ކަމަށް އެމްޓީސީސީއިން ބުނެއެވެ. އަދި އެއްގަމު ދަތުރުފަތުރުކުރުމުގައްޔާއި އެއްތަނުން އަނެއްތަނަށް މުދަލާއި ތަކެތި އުފުލުމުގައި ގިނަފަސޭހަތަކެއް ހަނިމާދޫ ރައްޔިތުންނަށާއި އަދި އެ ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށްވެސް މިހާރު ލިބިގެންދާނެކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

ފާއިތުވެދިޔަ 42 އަހަރުތެރޭގައި އެމްޓީސީސީއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ނިންމާފައިވާއިރު 1980ވަނަ އަހަރު އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.