ރައްޔިތުންގެ މަޖިލީހުގައި މަސައްކަތްކުރަން ލިބޭ މި ކުރު މުއްދަތުގައި ދެމިހުންނަވާނީ ދާއިރާގެ ހިދުމަތުގައި ކަމަށާއި، ބޭކާރު ވާހަކަ ދެއްކުމުގައި ވަގުތު ހޭދަނުކުރައްވާނެ ކަމަށް، ގުރައިދޫ ދާއިރާގެ އާ މެންބަރު އިބްރާހީމް ޝާޒް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމުގެ ކުރިން، ޝާޒް ވަނީ މެންބަރުކަމުގެ ހުވާ ކުރައްވައިފައެވެ. އޭނާ އަށް މެންބަރުކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ. ހުވާ ކުރެއްވުމަށް ފަހު މިއަދުގެ ޖަލްސާގައި ޝާޒް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މެންބަރުކަމުގެ ހުވާކުރެއްވުމަށް ފަހު ދެއްވި އިންޓަވިއުއެއްގައި ޝާޒް ސިފަކުރެއްވީ، ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީ އަށް ލިބުމަކީ އެ ދާއިރާ އަށް އަދި އެމްޑީޕީ އަށް ލިބުނު ކުރިއެރުމެއްގެ ގޮތުގައެވެ. އޭނާ ވިދާޅުވީ، މިއަދަކީ އޭނާގެ ސިޔާސީ ހަޔާތުގައި މާ ބޮޑު ދުވަހެއް ނޫން ކަމަށާއި، އެމްޑީޕީގެ ސިޔާސީ ހަޔާތުގައި ރަން އަކުރުން ލިޔެވޭނެ ދުވަހެއް ކަމަށެވެ.

ޝާޒް ވިދާޅުވި ގޮތުގައި، އޭނާ އަށް މަޖިލީހަށް ވަދެވަޑައިގަނެވުނީ ކުރު މުއްދަތަކަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލައްވައި، އޭނާ ކެމްޕެއިން ހަރަކާތްތަކުގައި އުޅުއްވުމުގެ ތެރޭގައި ދާއިރާގެ ރައްޔިތުންގެ ކިބައިން ކަންކަން ދަސްވެފައި އެބަ ހުރި ކަމަށާއި، އެހެންވެ މަޖިލިހަށް ވަދެވުނު މި މުއްދަތުގައި ބޭކާރު ވާހަކަ ދެއްކުމުގައި ހޭދަ ނުކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައްޔިތުންނަށް ދޭން ސަރުކާރުން ބޭނުންވާ، އެހެންނަމަވެސް ކުރިއަށް ހުރި ކަންތައްތަކެއް އެބަހުރި، އެ ކަންތައްތައް ފުއްދުމަށް މި އޮތީ ކުޑަ ވަގުތުކޮޅެއް،" ޝާޒް ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މަޖިލީހުގަ މި އޮތް ކުރު މުއްދަތުގައި އަޅުގަނޑު ހަމަ އެކަނި މުޅި ގުރައިދޫ ދާއިރާގެ ރައްޔިތުންނަށް ލާބަ އާއި މަންފާ އާއި އެ ބޭފުޅުންގެ އުންމީދުތައް ހާސިލްކުރުމަށް މިއީ ކުރު މުއްދަތެއް،"
އިބްރާހީމް ޝާޒް | ގުރައިދޫ ދާއިރާގެ އާ މެންބަރު

މަޖިލިސްގެ ޔޫޓިއުބް ޗެނަލްގައި އާންމުކުރި އެ އިންޓަވިއުގައި ޝާޒް އިތުރަށް ވިދާޅުވި ގޮތުގައި، އޭނާ ހުވާކުރައްވައި މަޖިލިހަށް ވަދެވަޑައިގަތީ ގުރައިދޫ ދާއިރާގެ ތިން ރަށުގެ ރައްޔިތުންގެ އުންމީދުތައް ހާސިލްކޮށް، ވީ ވައުދުތައް ފުއްދައިދިނުމުގެ ބޭނުމުގައެވެ. ދާއިރާގެ މަސައްކަތްތަކުގައި ގާނޫނުއަސާސީ އާ އެއްގޮތްވާ ގޮތުގެ މަތިން ސަރުކާރަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

އެއާއެކު، ޝާޒް ވަނީ ދާއިރާގެ މެންބަރުންނަށް މެސެޖެއް ދެއްވައިފައެވެ.

"އެއްގޮތަކަށް ވެސް ކަންބޮޑުނުވައްޗޭ، އަޅުގަނޑު ވަދެ މި އިނީ މަޖިލިހުގެ މާ ރީތި ގޮނޑިއެއްގަ އިށީންނާކަށް ނޫނޭ، އަޅުގަނޑު އަބަދު ވެސް ދެމިހުންނާނީ އަޅުގަނޑުގެ ކެމްޕެއިންގަ އަޅުގަނޑުވީ ވައުދާއި ރައްޔިތުންގެ އިހްސާސްތަކާ އެކު ތިން ރަށުގެ ތަރައްގީ އާއި އުންމީދުތައް ހާސިލްކުރުމުގައޭ،"
އިބްރާހީމް ޝާޒް | ގުރައިދޫ ދާއިރާގެ އާ މެންބަރު

ގުރައިދޫ ދާއިރާގެ މެންބަރުކަމަށް ޝާޒް އިންތިހާބުވެވަޑައިގަތީ، މި މަހުގެ 15 ވަނަ ދުވަހުގައި ބޭއްވި އެ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވައި، 1،346 ވޯޓާ އެކު، 120 ވޯޓުގެ ކުޑަ ތަފާތަކުންނެވެ. އޭނާ އާ އެންމެ ގާތުން ވާދަކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓް، އަދި ގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރިޒާގެ ކޮއްކޮ ހުސައިން ރިޒާ އަށް ލިބިވަޑައިގަތީ 1،226 ވޯޓެވެ. އަދި އެމްއެންޕީގެ އަލީ އަރީފަށް ލިބިވަޑައިގަތީ 122 ވޯޓެވެ.