މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގެ ދަށުން، 103 ފުޅި ބަނގުރަލާއި 138 ދަޅު ބިޔަރާއެކު ގދ. ތިނަދޫން މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، ތިނަދޫގައި ބަނގުރާ ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މިދިޔަ އީދު ދުވަހު ހިންގި އެ އޮޕަރޭޝަންގައި 33 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ އޮޕަރޭޝަން ހިންގީ ތިނަދޫ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.

އެ އޮޕަރޭޝަންގައި ފުލުހުން އެ މީހުން ދިރިއުޅޭ ތަން ބަލައި ފާސްކުރި އިރު، 100 އަށް ވުރެ ގިނަ ބަނގުރާ ފުޅި އާއި ބިޔަރު ދަޅު ފެނިފައިވެއެވެ. އެގޮތުން:

  • 138 ބިޔަރު ދަޅު ފެނިފައިވޭ
  • 103 ބަނގުރާ ފުޅި ފެނިފައިވޭ

އެ މައްސަލައިގައި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހާޒިރުކުރުމުން، ހަތަރު ދުވަހަށް އެ މީހާ ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ބަލައި ތަހްގީގުކުރަމުންނެވެ.