19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ކ.ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވި އިބްރާހީމް ޝާޒު، ރައްޔިތުން މަޖިލީހުގެ މެންބަރުކަމުގެ ހުވާކުރައްވައިފިއެވެ.

ޝާޒް އަށް ހުވާލާ ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާއިޝާ ޝުޖޫންއެވެ. އަދި މަގާމުގެ ހުވާ ކުރުއްވުމަށްފަހު ޝާޒް ވަނީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި ބައިވެރިވެވަޑައިގެންފައެވެ.

މެންބަރުކަމުގެ ހުވާ ކުރެްވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އާ ސަލާމް ކުރައްވަނީ

މިމަހުގެ 15 ވަނަ ދުވަހު ބޭއްވި އިންތިހާބުގައި ޝާޒްގެ އިތުރުން ވާދަކުރައްވާފައިވަނީ ޕީޕީއެމްގެ ފަރާތުން ކުރިމަތި ލެއްވި ކުރިން އެ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާގެ ކޮއްކޮ ހުސައިން ރިޒާ އާދަމް، އަދި އެމްއެންޕީގެ ފަރާތުން އަލީ އަރީފް އެވެ. ޝާޒް އިންތިހާބު ކާމިޔާބު ކޮށްފައިވަނީ 1346 ވޯޓާ އެކު އެވެ. އަދި ޕީޕީއެމްގެ ކެންޑިޑޭޓަށް 1226 ވޯޓު ލިބިފައިވާއިރު އެމްއެންޕީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 122 ވޯޓެވެ.

ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވެފައިވަނީ ވަނީ އެ މަގާމު ފުރުވަމުން ގެންދެވި ޕީޕީއެމްގެ މެންބަރު އިބްރާހިމް ރިޒާ، ކެންސަރުގެ އާލާސްކަންފުޅާ އުޅުއްވުމަށް ފަހު އަވަހާރަވުމާ ގުޅިގެންނެވެ. ފާއިތުވި 14 އަހަރު އެ ގޮނޑި ފުރަމުން ދިޔައީ ޕީޕީއެމުން ނަމަވެސް ޝާޒް އެ އެ އިންތިހާބު ކާމިޔާބު ކުރުމާއެކު ޕީޕީއެމްއަށް އެ ގޮނޑި ވަނީ ގެއްލިފައެވެ.