މިލިއަނަކަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުންދާ ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ކުރިއަށް އޮތް 10 ވަރަކަށް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު ވިދާޅުވީ، ބޮޑުތަކުރުފާނު މަގާއި އިއްޒުއްދީން މަގުގެ ތާރު އެޅި ބައި މަރާމާތު ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ.

1،496،800 (އެއް މިލިއަން ހަތަރުލައްކަ ނުވަދިހަ ހަ ހާސް އަށް ސަތޭކަ) ރުފިޔާ އަށް އެ މަސައްކަތް ހަވާލުކޮށްފައި ވަނީ މާލެ އާއި ހުޅުމާލެއާއި ގުޅުވައިދޭ ހައިވޭ ހެދި ކުންފުނި ކަމަށްވާ ޗައިނާގެ ހުނާން އިންޖިނިއަރިންގް ކޯޕަރޭޝަން ލިމިޓެޑަށެވެ.

ބޮޑުތަކުރުފާނު މަގުގެ މަރާމާތުގެ މަސައްކަތަށް ބޭނުންވާ ތަކެތި ގެނެސް، މަސައްކަތުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އަދި މި މަސައްކަތުގެ ދަށުން ބޮޑުތަކުރުފާނު މަގުގެ 32 ތަނެއް މަރާމާތު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކައުންސިލުން މީގެ ކުރިން ވަނީ އެތަންތަން މަރާމާތު ކުރާނެ ފައިސާ ނެތް ކަމަށް ބުނެ އެތަންތަނަށް ސިމެންތި އަޅާ ބައްދާފައެވެ. ނަމަވެސް އެ ތަންތަން ތާރު އަޅާ މަރާމާތުކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިދިޔަ ފެބްރުއަރީ މަހު ހުޅުވާލިއެވެ.

32 ތަނަކަށް 1.4 މިލިއަން ހަރަދު ކުރަން ޖެހޭ ސަބަބު ހާމަ ކުރައްވާ މުއިއްޒު ވިދާޅުވީ، ހުރީ ބޮޑެތި މަރާމާތު ކަމަށާއި ބޮޑެތި ސަރަހައްދުތައް އެއްކޮށް ނަގާ އަލުން ހަދަން ޖެހޭ ކަމަށެވެ. އަދި އެކަން އެހެން ދިމާވެފައި ވަނީ ގިނަ އަހަރުތަކެއް ވަންދެން އަޅާ ނުލައި ދޫކޮށްލާފައި އޮތުމުން ކަމަށްވެސް ވިދާޅުވެއެވެ.