އަބަދުވެސް ޗައިނާ އަށް ދަތިކުރުމުގެ ވާހަކަ ދައްކާ، އެ މަގަށް ކަންކަން ރާވާ އެމެރިކާއިން ޗައިނާ އާ އެކު އިގްތިސޯދީ ގުޅުންތައް ރަނގަޅު ކުރަން ވާހަކަ ދައްކަން ފަށައިފިއެވެ.

އެމެރިކާގެ ޓްރެޒަރީ ސެކްރެޓަރީ ޖެނެޓް ޔެލެން ވިދާޅުވީ، ޗައިނާގެ އިގްތިސޯދީ ކުރިއެރުމަކީ ދެގައުމުގެ ޝައުގުވެރިކަން ވެސް އޮތް ކަމެއް ކަމަށާއި، ޗައިނާ އާއެކު އިގްތިސޯދީ ދާއިރާއިން ބިނާ ކުރަނިވި ގުޅުމެއް އުފެއްދުމުގެ ޝައުގުވެރިކަން އެބައޮތް ކަމަށެވެ. އަދި އެކަން އެމަގަށް ކުރި ނަމަވެސް އެމެރިކާގެ ގައުމީ މަސްލަތަހު ހިމާޔަތް ކުރައްވާނެ ކަމަށާއި ބައިނަލްއަގުވާމީ ކުންފުނިތަކުގެ މައްޗަށް ނުފޫޒު ފޯރުވުމަށް ޗައިނާއިން ކުރާ ކަންތަކާ ދެކޮޅު ހައްދަވަނެ ކަމަށެވެ.

ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގައި ވާހަކަ ދައްކަވަމުން ޔެލެން ވިދާޅުވީ، ބައިޑަންގެ ސަރުކާރުގެ މިހާރުގެ ދިޔާސަތަކީ، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ 2 އިގްތިސޯދު (އެމެރިކާ އާއި ޗައިނާ) ދެމެދު އެދާއިރާއިން ގުޅުން ބަދަހި ކުރުމެވެ.

ދެގައުމުގެ ދެމެދުގައި އޮތް ނުތަނަވަސް ކަމަށް އިޝާރާތް ކުރައްވާ އޭނާ ވިދާޅުވީ، އަމާޒަކީ އެ ނުތަނަވަސްކަން ކުޑަކޮށް ކުރިއަށް ދެވޭނެ ގޮތްތައް ހޯދައިގެން އިގްތިސޯދީ ގުޅުން ރަނގަޅު ކުރުމެވެ. އެގޮތުން ހަމަޖެހޭ ވަގުތެއްގައި ބެއިޖިން އަށް ވަޑައިގަންނަވާނެ ކަމަށާއި އެދާއިރާގެ ޗައިނާގެ އޮފިޝަލުންނާ މަޝްވަރާ ކުރައްވާނެ ކަމަށެވެ.

އެމެރިކާ އަކީ ހުރިހާ ރޮނގަކުން ޗައިނާ އާ ވާދަކުރުމަށް މަސައްކަތް ކުރަމުން ދާ ގައުމަކަށް ވާއިރު، ޓައިވާން މައްސަލަ އާއި ޔޫކްރައިންގެ މައްސަލަ އަދި އިންޑޯ ޕެސިފިކްގެ މައްސަލަ އަކީ މި ދެގައުމުގެ ދެމެދުގައި ބަހުގެ ހަމަލާތައް ބަދަލު ކުރާ މައްސަލަތަކެވެ. ނަމަވެސް އެމެރިކާއިން ގަބޫލު ކުރާ ގޮތުގައި، އެގައުމާ ހަމައެކަނި ވާދަ ކުރެވޭނެ ގައުމަކީ ޗައިނާ ކަމަށް ވާއިރު، ޓެކްނޮލޮޖީގެ ރޮނގުން ޗައިނާ ހޯދާ ކުރިއެރުމާއި ކޮވިޑްގެ ހާލަތަށް ފަހު ޗައިނާގެ އިގްތިސޯދަށް ކުޑަ މަޑުޖެހިލުމެއް އައި ނަމަވެސް އަންދާޒާ ކުރި މިންވަރަށްވުރެ ކުރިއެރުން އިތުރުވަމުން ދިޔުމުން އެމެރިކާގެ ރާގު ބަދަލު ކުރަނީ ކަމަށް މުރާސިލުން ބުނެއެވެ.

މިންގަނޑުތައް ދައްކާ ގޮތުން މިވަގުތު ދުނިޔޭގައ އޮތް އެންމެ ވަރުގަދަ އިގްތިސޯދަކީ އެމެރިކާއެވެ. ނަމަވެސް ޗައިނާގެ އިގްތުސޯދީ ދުވެލި މިހާރު ހުރީ 5 ޕަސެންޓްގެ ކުރިއެރުމަކާއެކު އުންމީދީ މިސްރާބަކަށް ކަމަށް ވުމުން، ކައިރި މުސްތަގުބަލެއްގައި އެމެެރިކާއާ ދާދި ހަމަ ކުރާނެ ކަމަށް އަންދާޒާ ކުރެވެއެވެ. މުޅި ޖީޑީޕީއަށް ބަލާއިރު ކޮވިޑަށް ފަހު ކުރި އަރަމުން އަންނަ މިންވަރު 2024 ގައި 6 ޕަސެންޓާ ގާތް ކުރާނެއެވެ. އަދި އުފެއްދުންތެރިކަމުގެ ނިސްބަތް 66 ޕަސެންޓުން ކުރިއަރާދާނެ ކަމަށް ވެސް ބެލެވެއެވެ.

ޗައިނާގެ އިގްތިސޯދީ ދުވެލި ކުރިއަށް މިސްރާބު ޖަހާފައި ވާ މި ދަނޑިވަޅުގައި ފްރާންސާއި އީޔޫގެ ގައުމުތަކުންވެސް މިހާރު އިގްތިސޯދީ ގުޅުން ރަނގަޅު ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ދާދި ފަހުން ފްރާންސްގެ ރައީސް އިމެނުއަލް މެކަރޯން ޗައިނާއަށް ވަޑައިގެން ވަނީ ވިޔަފާރީގެ ވާހަކަތައް ބާއްވަވާފައެވެ.

ޗައިނާ އާ ގުޅިގެން ހުޅަނގުން ގެންގުޅޭ ސިޔާސަތު ލުއި ކޮށް ގުޅުން ބަދަލުކުރާ މި ދަނޑިވަޅުގައި ޗައިނާއިން ވަނީ މެދުއިރުމަތީގައި މުހިންމު ކުރިއެރުމެއް ހޯދާފައެވެ. އެގޮތުން ސައުދީ އާއި އީރާން ސުލްހަ ކުރުވުމާއި، މެދުއިރުމަތީގެ އެކިއެކި ގައުމުތަކުގެ މެދުގައި އޮންނަ ހަތުރުވެރިކަން ނިމުމަކަށް ގެނައުމަށް ގިނަ ހަރުފަތްތަކެއް ގިރާކޮށް ކާމިޔާބީތަކެއް ހޯދާފައެވެ. އެއީވެސް ޗައިނާ އަށް ހުޅުވިގެން ދާ ވިޔަފާރީގެ މުހިންމު ދޮރަކަށް ވާއިރު، އެ ކަމުގެ ނަފާ އަދި ކުރިއެރުން ހުޅަނގަށް ފެނެއެވެ.

ޗައިނާ އާ ދެން ވާދަ ކުރުމަށް ފޫގަޅައިގެން އޮތް އިންޑިއާގެ އިގްތިސޯދުވެސް އަންނަނީ ބާރަށް ކުރިއަރަމުންނެވެ. އަންދާޒާތައް ދައްކާ ގޮތުން އަންނަ 2029 އާ ހިސާބަށް، ދުނިޔޭގެ އެންމެ ބާރުގަދަ 3 ވަނަ އިގްތިސޯދަކަށް ވާނީ އިންޑިއާއެވެ.