މުނިފޫހިފިލުވުމުގެ ތަފާތު ޕްރޮގްރާމްތައް ތައްޔާރުކޮށް ގެނެސްދޭ 'ބައިސްކޯފު' ހުއްޓާލަން އެންގުނީ އިދާރީ އޮޅުމަކުން ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ބުނެފިއެވެ.
ބްރޯޑްކޮމް އިން ބުނީ ބައިސްކޯފުން ދޭ ހިދުމަތްތަކުގެ ތެރެއިން ބައެއް ޗެނަލްތައް ރީބްރޯޑްކާސްޓް ކުރާ ކަމަށް ފާހަގަ ކުރެވުމުން، ރީބްރޯޑްކާސްޓް ނުކުރަން އެންގުމަށް ނިންމި ކަމަށެވެ. އެހެންނަމަވެސް އެ ކަން އެންގުމަށް އެ ކޮމިޝަނުން ބައިސްކޯފަށް ފޮނުވި ސިޓީގައި އިބާރާތް ކުރެވިފަ އިވާ ގޮތުން ބައިސްކޯފްގެ ހުރިހާ ހިދުމަތެއް ހުއްޓާލަން ޖެހޭ ގޮތަށް ބަޔާން ކުރެވިފައިވާ ކަމަށެވެ. އިތުރަށް ބްރޯޑްކޮމް އިން ބުނީ އެކަން އިސްލާހުކޮށް ބައިސްކޯފަށް އަލުން އެންގުމަށް ނިންމާފައި ވާކަމަށެވެ.
ބްރޯޑްކޮމްގެ ގަވައިދުގައިވާ ގޮތުން ލައިސަންސް ލިބިފައިވާ އެއްވެސް ޗެނަލެއް އެއްވެސް ޕްލެޓްފޯމަކުން ގެނެސްދޭނަމަ، ރީބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ނަގަންޖެހެއެވެ.
ބައިސްކޯފް ހުއްޓާލަން އެންގުނީ އޮޅިގެން ކަމަށް ބްރޯޑްކޮމް އިން ބުނެފައި ވާއިރު ބައިސްކޯފަކީ ގިނަ ދިވެހިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ޕްލެޓްފޯމެކެވެ. މުނިފޫހިފިލުވުމުގެ ދާއިރާއަށް ބޮޑު އިންގިލާބެއް ގެނެސްދިން ބައިސްކޯފު އެޕްލިކޭޝަން ލޯންޗުކުރީ 2018 ވަނަ އަހަރުގައެވެ.