އުމުރުން އެންމެ ހަތަރު އަހަރުގައި ޝްރީ އައްމާ ޔަންގާ އައްޔައްޕަން، އާންމު ނަމުން ނަމަ ސްރީދޭވީ ފިލްމީ ދުނިޔެއަށް ވަނީ އެންމެންވެސް ބަލައިގަންނަ ފެންވަރުގެ މޮޅު ފިލްމީތަރިއަކަށް ވުމުގެ ހުވަފެނުގައެވެ. ސްރީދޭވީގެ ޅައުމުރުން ފެށިގެން ހިންދީ ފިލްމުތަކުން ފެންނަން ފެށިއިރު އޭނާ ވެގެން ދިޔައީ ބޮލީވުޑްގެ ފުރަތަމަ އަންހެން ސުޕާސްޓާރަށްވެސް މެއެވެ. ތަމަޅަ، ތެލުގޫ، މަލަޔާލަމް އަދި ކަންނާޑާ ފިލްމުތައް ވެސް ކުޅުނު ލެޖެންޑަރީ ތަރި ސްރީދޭވީ ވަނީ އޭނާގެ 51 އަހަރުދުވަސްވީ ކެރިއަރުގައި 275 އަށް ވުރެ ގިނަ ފިލްމު ކުޅެފައެވެ. ފިލްމީ ކެރިއަރުގެ އަގުވަޒަން ކުރުމުގެ ގޮތުން އިންޑިއާ ސަރުކާރުން ސްރީދޭވީ އަށް ވަނީ 2013 ވަނަ އަހަރު ޕަދްމާ ޝްރީ އެވޯޑު ދީފައެވެ.

ސްރީދޭވީގެ މަރަށް މިއަހަރު ފަސް އަހަރު ވެގެން ދިޔައިރު އޭނާގެ މަރަކީ ވަރަށް ކުއްލިގޮތަކަށް ވެގެންދިޔަ ކަމެކެވެ. ސްރީދޭވީގެ މަރާ ގުޅޭގޮތުން ސުވާލު އުފައްދާ ގިނަ ބަޔަކު މިއަދު ތިބިއިރު އޭނާގެ އޮޓޮޕްސީ ރިޕޯޓެއް ހެދިކަމެއްވެސް އެނގޭކަށް ނެތެވެ. ފެބްރުއަރީ 24، 2018 ވީ ހޮނިހިރު ދުވަހަކީ ސްރީދޭވީގެ ހިނިތުންވުން އެންމެ ފަހުން އަހަރެމެންނަށް ފެނުނު ދުވަހެވެ.

ސްރީދޭވީ މަޝްހޫރުވެފައި ވަނީ ވާސަޓައިލް ތަރިއެއްގެ ގޮތުގައެވެ. ކްރިޓީކުންގެ ވެސް ބޮޑު ތާއީދެއް އޮތް ސްރީދޭވީ އަކީ 80ގެ އަހަރުތަކުގައި ބޮލީވުޑްގެ އެންމެ އަގުބޮޑު ތަރިވެސް މެއެވެ. ސީއެންއެން އިން 2013 ވަނަ އަހަރު ހެދި ސެންޗަރީ އޮފް ދަ އިންޑިއަން ސިނަމާގެ ބަތަލާ އަކަށްވެސް ހޮވިފައި ވަނީ ސްރީދޭވީއެވެ. އެއާއެކު އޭނާ ވެގެން ގޮސްފައި ވަނީ ބޮލީވުޑްގެ 100 އަހަރު ތެރޭގައި އުފެދުނު އެންމެ މޮޅު ބަތަލާ އަށެވެ.

ބަތަލާ ސްރީދޭވީ ކުޑައިރު ކުޅުނު ފިލްމުތަކުގެ ތެރެއިން---

ފެޝަން އައިކޮން އެއްގެ ގޮތުގައި ވެސް މަޝްހޫރުވި ސްރީދޭވީ ވަނީ 2008 ވަނަ އަަހަރު ފެޝަން މޮޑެލްގައި ވެސް ބައިވެރިވެފައެވެ. އޭނާގެ ހެދުން އެޅުމުގެ ވަށްޓަފާޅިވެގެން ދިޔައީ އޭރު ބޮލީވުޑްގައި ވަރަށް މަގްބޫލުވި ފެޝަނަކަށެވެ. 1971 ވަނަ އަހަރު އެންމެ މޮޅު ޗައިލްޑް އާޓިސްޓުގެ އެވޯޑު ސްރީދޭވީ ވަނީ ހޯދާފައެވެ. އެންމެ މޮޅު ބަތަލާގެ އެވޯޑު 12 ފަހަރެއްގެ މަތިން ސްރީދޭވީ ހޯދިއިރު އޭނާގެ ފިލްމީ ކެރިއަރުގައި ވަނީ 25 އެވޯޑު ހޯދާފައެވެ. 2019 ވަނަ އަހަރު އޭނާ އަށް ވަނީ އޮނަރީ އެވޯޑުގެ އިތުރުން ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ވެސް ލިބިފައެވެ. ސްރީދޭވީގެ ފާހަގަ ކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "މިސްޓަ އިންޑިއާ"، 'ޗާލްބާޒް'، "'ނާގިން"، "ސަދްމާ" ފަދަ ފިލްމުތައް ހިމެނެއެވެ. އޭނާ އެންމެ ފަހުން ފެނިގެން ދިޔައީ 2017 ވަނަ އަހަރު ނުކުތް ފިލްމު "މޮމް" އިންނެވެ. އެ ފިލްމުން އޭނާއަށް ވަނީ މޮޅު ބަތަލާގެ އެވޯޑު ލިބިފައެވެ.

ސްރީދޭވީ އާއި މިތުން ޗަކްރަބޯޓީ ގެ ގުޅުން

ބޮލީވުޑްގެ ލެޖެންޑަރީ އެކްޓަރު މިތުން ޗަކްރަބޯޓީ އާއި ސްރީދޭވީ 1985 ވަނަ އަހަރު ވަގަށް ކައިވެނި ކުރި ވާހަކަ އަކީ އޭރު ވަރަށް މަޝްހޫރު ވެގެން ދިޔަ ވާހަކައެކެވެ. ދެމީހުން ދިމާވެ ލޯބިވެ، ދެމީހުން ކައިވެނި ކުރީ އެންމެންނަށްވެސް ސިއްރުން ކަަމަށް ރިޕޯޓްތައް ބުނެއެވެ. އޭރު މިތުން އުޅެނީ ޔޮގީތާ ބާލީ އާ ކައިވެނި ކޮށްގެންނެވެ. މިތުން އާއި ސްރީދޭވީ ކައިވެނިކޮށްގެން އުޅޭކަން ޔޮގީތާ އަށް ފަޅާއެރުމުން ޔޮގީތާ އަމިއްލައަށް މަރުވާން އުޅުކަމަށް ރިޕޯޓްތައް ބުންޏެވެ. އެކަން މިތުން އަށް އެނގުމުން އަނބިމީހާ ޔޮގީތާ އަށް ވަފާތެރިވާން މިތުން ނިންމުމުން ސްރީދޭވީގެ ހިތް ކުދިކުދިވިއެވެ. އެކަމުގެ ސަބަބުން ސްރީދޭވީ، މިތުންގެ ކައިރިން ވަރިވިއެވެ.

ބަތަލާ ސްރީދޭވީ އާއި މިތުން--

ސްރީދޭވީ އާއި ބޯނީ ކަޕޫރުގެ ގުޅުން

މިތުން ގާތުން ވަރިވުމަށް ފަހު ސްރީދޭވީ ލޯބީގެ ގޮތުން ގުޅުނީ ޕްރޮޑިއުސަރު ބޯނީ ކަޕޫރާއެވެ. ސްރީދޭވީ އާއި ބޯނީ ކަޕޫރު ދިމާވި އިރު އޭނާ އުޅުނީ ފިލްމު ޕްރޮޑިއުސަރު މޯނާ ޝޯރީ ކަޕޫރު އާ ކައިވެނި ކޮށްގެންނެވެ. މިތުން އާއި ބޯނީ އަކީ އޭރު އެންމެ ގާތް ދެ ރަހުމަތްތެރިން ކަމުން ސްރީދޭވީ އާއި މޯނާގެ އެކުވެރިކަން ވެސް ވަރަށް ވަރުގަދައެވެ. ނަމަވެސް ބޯނީ ކަޕޫރަށް، ސްރީދޭވީ ދެކެ ލޯބިވެވި މޯނާ ވަރިކުރުމަށް ފަހު ސްރީދޭވީ އާ ކައިވެނި ކުރީ 1996 ވަނަ އަހަރުއެވެ. މޯނާ އާއި ބޯނީ ކަޕޫރުގެ ކައިވެންޏަށް އެކްޓަރު އަރުޖުން ކަޕޫރު އަދި އަންޝުލާ ކަޕޫރު ލިބުނެވެ. ސްރީދޭވީ އާއި ބޯނީ ކައިވެނިކޮށް މާ ދުވަސްތަކެއް ނުވަނީސް ސްރީދޭވީ ޖާންވީ ކަޕޫރަށް ބަލިވެއިނެވެ. ބޯނީ އާއި ސްރީދޭވީގެ ކައިވެނި ވެގެން ދިޔައީ މޯނާގެ މަންމަ ސައްޓީ އަށް ހަޖަމު ކުރަން ދަތިވި ކަމަށެވެ.

ބަތަލާ ސްރީދޭވީ އާއި ފިރިމީހާ ބޯނީ ކަޕޫރު އަދި ދެމަފިރިންގެ ކުދިން--

އެއާއެކު މަގުމަތީގައި ސައްޓީ ވަނީ ސްރީދޭވީ އާ ދިމާއަށް ހަޅޭއްލަވައި އޭނާގެ ގައިގައި ޖަހަން އުޅެފައެވެ. އެކަމާ ގުޅިގެން ސްރީދޭވީ، ރުޅިއައިސް މޯނާ އާއި އޭނާގެ ދެދަރިންނާ އޮތް ގުޅުން ކަނޑާލަން ބޯނީ އަށް އެންގިއެވެ. މޯނާ މަރުވީ 2012 ވަނަ އަހަރު އޭނާގެ ގުނަވަންތައް ފެއިލްވުމާ ގުޅިގެންނެވެ. ބަތަލާ ޖާންވީ ކަޕޫރު 1997 ވަނަ އަހަރު އުފަންވި އިރު އޭނާގެ ކޮއްކޮ ހުޝީ ކަޕޫރު އުފަންވީ 2000 ގައެވެ. ޖާންވީ އަކީ ބޮލީވުޑްގައި ފިޔަޖަހަމުން އަންނަ ތަރިއެކެވެ. ހުޝީ މިހާރު ތައްޔާރުވަމުން އަންނަނީ ބޮލީވުޑަށް ނުކުތުމަށެވެ.

ސްރީދޭވީ މަރުވި ދުވަހު ކަންތައްވީ ގޮތް

ފެބްރުއަރީ 20، 2018 ގައި ސްރީދޭވީ އާއި އޭނާގެ ހަގު އަންހެން ދަރިފުޅު ހުޝީ ކަޕޫރު ޔޫއޭއީ އަށް ދިޔައީ ސްރީދޭވީ އަށް ބޮޑުދައިތަ ކިޔާ ކުއްޖެއްގެ ކައިވެނީގެ ހަފްލާއަށެވެ. ކައިވެނި ހަފްލާ ނިމުމުން ސްރީދޭވީ އާއި ހުޝީ ކަޕޫރު ދުބާއީގެ ފިހާރަތަކުގައި ވިޔަފާރިކުރަން އުޅުނީ ޖާންވީ ކަޕޫރުގެ 21 ވަނަ އުފަންދުވަހުގެ ހަދިޔާ އެއް ގަތުމަށެވެ. އޭރު ސްރީދޭވީގެ ފިރިމީހާ ބޯނީ ކަޕޫރު ހުރީ ލަކްނޯގައެވެ. 22 ފެބްރުއަރީގައި ބޯނީގެ މީޓިން އެއް އޮތުމާއެކު ލަކްނޯގެ މީޓިން ނިންމާލުމަށް ފަހު 24 ވަނައަށް ވީ ދުވަހު ބޯނީ ޔޫއޭއީ އަށް ދިޔައީ 15:30 ގެ ފްލައިޓުންނެވެ. އަނބިމީހާ އަށް ސަޕްރައިޒެއް ދިނުމުގެ ނިޔަތުގައެވެ. 18:20 ގައި ސްރީދޭވީ އުޅޭ ހޮޓަލަށް ބޯނީ ޗެކިން ވެ ދެމަފިރިން 30 މިނެޓު ވަންދެން ވާހަކަ ދައްކާލުމަށް ފަހު ނިންމީ ދެމަފިރިންވެސް ޑޭޓަކަށް ބޭރަށް ކާން ދިޔުމަށެވެ. ސްރީދޭވީ އަށް ތައްޔާރުވާން ވަގުތު ދިނުމަށް ފަހު ބޯނީ ސިޓިންރޫމުގައި ޖައްސާލީ ސްރީދޭވީ ތައްޔާރުވެ ނިމެންދެންނެވެ. ނަމަވެސް 20-15 މިނެޓް ވެގެންދިޔައިރުވެސް ސްރީދޭވީ ތައްޔާރު ވެގެން ނުނިކުތުމުގެ ސަބަބުން ބޯނީ ސްރީދޭވީއަށް ގޮވިއެވެ. ނަމަވެސް ސްރީދޭވީގެ ހަބަރެއް ނުވުމުން ބޯނީ ކޮޓަރިއަށް ވަދެ ކޮޓަރިން ވެސް ސްރީދޭވީ ނުފެނުމުން ފާހަނާއަށް ވަނެވެ. އޭރު ސްރީދޭވީ އޮތީ ބާތުޓަބުގައި މަރުވެފައެވެ.

ބަތަލާ ސްރީދޭވީ ކުޅުނު ފިލްމެއްގެ ކެރެކްޓާ---

އެންމެ ފުރަތަމަ ސްރީދޭވީގެ މަރުގެ ހަބަރު މީޑީއާތަކުން ރިޕޯޓްކުރީ ސްރީދޭވީ މަރުވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށެވެ. ނަމަވެސް ފަހުން ދުބާއީ ފުލުހުން އެ މައްސަލަ ތަހުގީކޮށް މައްސަލަ ނިންމީ ސްރީދޭވީ މަރުވީ ބާތުޓަބަށް ގެނބިގެން ކަމަށެވެ. އޭނާގެ ޓޮކްސިކޮލިޖީ ރިޕޯޓުން ހާމަވީ އޭނާގެ ހަށިގަނޑު އަލްކަހޯލަށް ޕޮޒިޓިވް ކަމަށެވެ. އަދި ބާތުޓަބަށް ގެނބުމުގެ ސަބަބުން އޭނާގެ ފުރަމޭ އަށް ހުރީ ފެންއެޅިފައި ކަމަށެވެ. ތިން ދުވަހުގެ ތަހުގީގަކަށް ފަހު ދުބާއީ ފުލުހުން އެ މައްސަލަ ނިންމާ، ސްރީދޭވީގެ ހަށިގަނޑު ދޫކޮށްލީ އެ ދުވަހުއެވެ. ހަމަ އެދުވަހުގެ ރޭ ސްރީދޭވީގެ ހަށިގަނޑު މުމްބާއީ އަށް ގެންދިޔައެވެ. ޖެހިގެންއައި ދުވަހު ސްރީދޭވީގެ ޖަނާޒާ ބޭއްވިއެވެ.

ސްރީދޭވީގެ މަރާއެކު މުޅި ބޮލީވުޑް ޝޮކެއްގައި އޮތްއިރު ބޮލީވުޑްގެ އޭ ލިސްޓު ތަރިން ވަނީ ސްރީދޭވީގެ ޖަނާޒާގައި ބައިވެރިވެ އޭނާގެ އާއިލާއަށް ތައުޒިޔާ ކިޔާފައެވެ. ސްރީދޭވީގެ މަރުގެ މައްސަލައިގައި ގިނަ ބަޔަކު ސުވާލު އުފައްދަމުން އަންނައިރު އެއްބަޔަކު ބުނަނީ ބޯނީ ކަޕޫރު، ސްރީދޭވީ މަރާލީ ކަމަށެވެ. ސްރީދޭވީ މަރުވި ވަގުތު ބޯނީ ކަޕޫރު އެގޭގައި އުޅުނުއިރު ސްރީދޭވީ ގެނބިގެން މަރުވިނަމަ އޭނާ ސަލާމަތް ކުރަން ގޮވާ އަޑުވެސް ބޯނީ އަށް އިވޭނެ ކަމަށް ބައެއް މީހުން ބުނެއެވެ. އަދި ދެމީހުންގެ ދަރިފުޅު ހުޝީ ކަޕޫރު އެވަގުތު ގޭގައި ނޫޅެނީތޯ ވެސް ސުވާލު އުފައްދާ ބަޔަކު އުޅެއެވެ. މިއީ ބޮލީވުޑްގެ އަޑި ނޭނގޭ މަރުތަކުގެ ތެރެއިން ސްރީދޭވީގެ މަރެވެ. ބަތަލާ ސްރީދޭވީ މަރުވުމުން މުޅި ބޮލީވުޑް ރުޔެވެ.