އިންޑިއާގައި ފުރަތަމަ ފަހަރަށް އެޕަލް އުފެއްދުންތައް ވިއްކުމަށް ހާއްސަކޮށްގެން އެ ކުންފުނީގެ ރީޓެއިލް ފިހާރައެއް ހުޅުވާ ހިދުމަތް ދޭން ފަށައިފިއެވެ.
މިއަދު އިންޑިއާގެ ވިޔަފާރީގެ މައި ސިޓީ މުމްބާއީގައި ހުޅުވި އެޕަލްގެ މި ފިހާރަ ހުޅުވާދެއްވީ އެޕަލް ކުންފުނީގެ ޗީފް އެގްޒެކެޓިވް، ޓިމް ކުކްއެވެ. މިފިހާރަ ހުޅުވައިދިނުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން ކުކް ވިދާޅުވީ އިންޑިއާއަކީ ވަރަށް މުއްސަނދި ސަގާފަތެއް އޮންނަ ގައުމެއްކަމަށާއި އެ ކުންފުނީގެ ފިހާރައެއް އިންޑިއާގައި ހުޅުވިގެން ދިއުމަކީ ތާރީހީ ކަމެއްކަމަށެވެ. މިއީ ވަރަށް ދިގު އިންތިޒާރެއްގެ ނިމުންކަން ފާހަގަކޮށް ކުކް ވިދާޅުވީ މި ފިހާރައިގެ ސަބަބުން ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތަކެއް ލިބިގެން ދާނެކަމަށާ މިއީ އުފާވެރި މުސްތަގުބަލަކަށް ގުޅިގެން ކުރެވުނު މަސައްކަތެއްކަމަށެވެ.
މުމްބާއީގައި އެޕަލްގެ ފިހާރަ ހުޅުވުމަށް ބޭއްވުނު ރަސްމިއްޔާތުގައި އިންޑިއާގެ އެކި ސަރަހައްދުތަކުން ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވާއިރު ކުކް ވަނީ މި ހަފްލާގެ ބައިވެރިންގެ އިތުރުން އެޕަލް ފިހާރައަށް ޒިޔާރަތްކުރި ކަސްޓަމަރުންނަށް ވެސް މަރުހަބާ ކިޔާފައެވެ.
މީގެ ކުރިން އެޕަލްގެ އުފެއްދުންތައް އިންޑިއާގައި އޮންލައިންކޮށް ވިއްކަމުން އައި އިރު އައުޓް ސޯސްކޮށްގެން އެހެން ވިޔަފާރިތައް ބޭނުންކޮށްގެން ވެސް އެޕަލްގެ އުފެއްދުންތައް ވަނީ ވިއްކާފައެވެ.
އިންޑިއާގެ ސްމާޓްފޯނު މާކެޓުގެ 95 ޕަސެންޓް ވިޔަފާރި ގޫގަލް އެންޑްރޮއިޑްއިން ކޮންޓްރޯލްކުރަމުން އަންނައިރު އެޕަލް އިން ވަނީ އިންޑިއާގައި އުފައްދަމުން އަންނަ އެކުންފުނީގެ އުފެއްދުންތައް އިތުރުކުރުމަށް މަސައްކަތްކުރަމުންނެވެ. މިހާރުވެސް އައިފޯނު ސަޕްލައިގެ 5 ޕަސެންޓް އިންޑިއާގައި އުފައްދަމުން އަންނައިރު އެޕަލް އިން އަންނަނީ އެ ކުންފުނީގެ ރީޓެއިލް ވިޔަފާރި ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މިއަދު އިންޑިއާގެ އެޕަލްގެ ފުރަތަމަ ފިހާރަ މުމްބާއީގައި ހުޅުވިގެން ދިޔައިރު އަންނަ ބުރާސްފަތި ދުވަހު އިންޑިއާގައި ހުޅުވާ އެޕަލްގެ ދެވަނަ ފިހާރަ ދިއްލީގައި ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ.