މާފުށީ ޖަލުގައި ތިބެގެން ގައިދީން ހިންގާ ސްކޭމް ކޯލަތައް ހުއްޓުވުމަށް ގިނަ މަސައްކަތެއް ކުރި ނަމަވެސް ޓެލެކޮމް އޮޕަރޭޓަރުން (ދިރާގާއި އުރީދޫ) ގެ ފުރިހަމަ އެއްބާރުލުން އެކަމުގައި ނުލިބޭ ކަމަށް ހޯމް މިނިސްޓަރު، އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިގޮތަށް ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު ކުރެއްވި ސުވާލަކަށް ލިޔުމުން ފޮނުއްވި ޖަވާބުގަ އެވެ. އެގޮތުން އިމްރާން ވިދާޅުވީ، ޖަލުން ކުރާ ކޯލް ތަކުގެ ރެކޯޑު ހުންނަނީ އެ ޓެލެކޮމް އޮޕަރޭޓަރުންގެ އަތުގައި ކަމަށާއި، އެފަރާތްތަކުން ދިވެހި ފުލުހުންގެ ހިދުމަތަށް ކޯލް ރެކޯޑް ތަކުގެ ފުރިހަމަ މައުލޫމާތު ފޯރުކޮށްދެމުން ނުދާ ކަމަށެވެ.
އަދި ފޯރުކޮށްދެމުންދާ މައުލޫމާތުވެސް ހުންނަނީ އެކި ފޯމެޓަށް ކަން ފާހަގަކޮށް އިމްރާން ވިދާޅުވީ އެކަމުގެ ސަބަބުން މަސައްކަތުގައި ގިނަ ގޮންޖެހުންތަކަކާ ކުރިމަތި ލާންޖެހޭ ކަމަށެވެ. މީގެ އިތުރުން، ފުރިހަމަ މައުލޫމާތު ނުލިބުމުގެ އިިތުރުން ސިމްގެ ހިދުމަތް ކަނޑާލުމަށް ފުލުހުން އެދުނު ނަމަވެސް އެކަން ކުރުމަށްވެސް ގިނަ ވަގުތު ތަކެއް ހޭދަވާތީ އެފަދަ ސްކޭމް ތައް ހުއްޓުވުމަށް ދަނީ ގިނަ ހުރަސްތަކެއް އެޅެމުން ކަމަށް އިމްރާން ވިދާޅުވިއެވެ.
ފުލުހުން ބޭނުންވާ މައުލޫމާތުތައް އެ އޮޕަރޭޓަރުން ފޯރުކޮށްދޭން ލާޒިމް ކުރާ ގާނޫނެއް އޮތުމަކީ މުހިންމު ކަމެއް ކަމަށްވެސް އެ ސިޓީގައި އިމްރާން ފާހަގަ ކުރައްވާފައިވެއެވެ. އަދި ބިދޭސީއެއްގެ ޕާސްޕޯޓް ކޮޕީއަކަށް ގިނަ އަދަދެއްގެ ނަމްބަރު ދޫކުރާ ކަމަށާއި މިފަދަ ކަންކަން ހައްލުކުރުމަކީ ސްކޭމް ކޯލްތައް ހުއްޓުވުމަށް އެޅޭ ރަނގަޅު ފިޔަވަޅެއްގެ ގޮތުގައި އިމްރާން ދެކިވަޑައިގެންފައި ވެއެވެ
ރާއްޖޭގައި މިހާރަކަށް އައިސް ސްކޭމް ކޯލްތައް ގިނަވެ އާންމުންނަށް އޭގެ ނޭދެވޭ އަސަރު ދަނީ ކުރަމުންނެވެ. މިހާތަނަށް މިކަމަށް މާ ބޮޑު ހައްލެއް ލިބިފައި ނުވާއިރު ގިނަ ކޯލްތަކެއް ކުރަމުންދަނީ ޖަލުގައި ތިބޭ ގައިދީން ކަމަށް ތުހުމަތު ކުރެއެވެ. މި ފަދަ ސްކޭމް ކޯލްތަކަށް އާންމުން ހޭލުންތެރި ކުރުވުމަށް ފުލުހުންގެ އިތުރުން ގައުމީ ބޭންކުންވެސް ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުން ކަން ފާހަގަ ކުރެވެއެވެ.